ލޯކަލް މާރުކޭޓް

އެނގުންވާ ވަރުގެ ހެޔޮ ބަދަލެއް އަގުތަކުން ނުފެނުނު

މުހައްމަދު އަފްރާހު
29 ޖުލައި 2012 10:59 2 ކޮމެންޓު
  • މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި ބައެއް ތަކެތި: ދަނޑުވެރިކަމުގެ ސާމާނުގެ އަގުތައް ދަނީ ދަށްވަމުން.--ހަވީރު ފޮޓޯ: ނަސްރުﷲ ސާލިހު

ރޯދަ މަހުގެ ފުރަތަމަ ހަފުތާ ނިމުނުއިރު އަގުތަކަށް އައީ ކޮން ބަދަލެއްތޯ މިއީ ކޮށްލަން ރަނގަޅު ސުވާލެވެ. މި ސުވާލު ކުރަން ޖެހޭ ސަބަބުތައް ގިނަ އެވެ. އެއް ސަބަބަކީ ރޯދަ މަސް ކައިރިވަމުން އައި އިރު ސަރުކާރާއި ވިޔަފާރިވެރިން ދެއްކި "އުންމީދީ" ވާހަކަތަކެވެ. އަގުތައް ތިރިކުރަން ވީ ވައުދު ތަކެވެ. އެހެންކަމުން މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ހަފުތާ ނިމުނުއިރު ބާޒާރުގެ އަގުތައް ހުރި ގޮތަށް ބަލައިލާނަމެވެ.

މި ރޯދަ މަސް ފެށިގެން ދިޔައީ ތަރުކާރީގެ މުހިންމު ބާވަތެއް ކަމަށްވާ ކެރެޓް ގާތްގަނޑަކަށް ހުސްވެފައި ވަނިކޮށެވެ. ބާޒާރުން ކެރެޓް މަދުވެ ކެރެޓް ކިލޯއެއްގެ އަގު 20ރ. އިން 80ރ. އަށް މައްޗަށް ޖެހިލި އެވެ.

ރޯދަ މަސް ފެށުނުއިރު ކެރެޓް ހުސްވެފައިވީ ނަމަވެސް ގިނަ ބާވަތްތައް ލިބެން ހުއްޓެވެ. އެންމެ މުހިންމު ބާވަތްތައް ކަމަށްވާ ފިޔާ، އަލުވި އަދި ބިސް އެސްޓީއޯއިން ވަނީ ރާއްޖެ އެތެރެކޮށްފަ އެވެ.

ރޯދަ މަސް ފެށުނު އިރާ ބަލާއިރު ބާޒާރުގެ އަގުތަކުގައި ބޮޑު ފަރަގެއް ހުރިކަން މިހާރު ފާހަގަ ކުރެވެ އެވެ. ރޯދަ މަހު އާއްމުކޮށް ބޭނުންކުރާ ގިނަ ބާވަތްތަކުގެ އަގުތައް ބަދަލުވެފައިވެ އެވެ. ހާއްސަކޮށް ރޯދަ މަހު ކޮންމެހެން ބޭނުންކުރާ ފިޔާ، އަލުވި އަދި ބިހުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. މާލެ ތެރޭގެ ކުދި ފިހާރަތަކާއި ބޮޑެތި ފިހާރަތަކުން ވިއްކާ މުދަލުގެ އަގުތަކުގައި ވެސް ބޮޑު ތަފާތެއް އެބަ ހުއްޓެވެ.

ފިހާރަތަކަށް ދާ މީހުން ވެސް އެކަން ފާހަގަކޮށް ޝަކުވާ ވެސް ކުރެ އެވެ. އެއް ފިހާރައިން ބިހެއް 2ރ. އަށް ލިބޭއިރު އަނެއް ފިހާރައިން 1.50ރ. އަށް ވެސް ލިބެ އެވެ.

ރޯދަ މަހުގެ ފުރަތަމަ ހަފުތާ ނިމުނުއިރު ބައެއް ބާވަތްތަކުގެ އަގުތައް ކޮންމެވެސް ވަރަކަށް އުފުލިގެން ގޮސްފައިވެ އެވެ. ބައެއް ފިހާރަތަކުން އަގު ބޮޑުކޮށް ވިއްކާއިރު، އަނެއްބައި ފިހާރަތަކުން ވިއްކަނީ ވަރަށް އަގު ހެޔޮކޮށެވެ. މިސާލަކަށް ބުނާ ނަމަ ބައެއް ފިހާރަތަކުން ފިޔާ އަދި އަލުވި ކިލޯއެއް 15ރ. އަށް ވެސް ވިއްކަމުން އެބަދެ އެވެ. އަދި ހަމަ އެ ބާވަތްތައް 12ރ. އާއި 8ރ. އަށް ވެސް ވިއްކަ އެވެ. އަދި ބިހުގެ އަގަށް ބަލާއިރު ބައެއް ފިހާރަތަކުން ބިހެއް 2ރ. އަށް ވިއްކާއިރު 1.50ރ. އާއި 1.75ރ. އަށް ވެސް ލިބެ އެވެ.

ބައެއް ވިޔަފާރިވެރިން ބުނާ ގޮތުގައި ރޯދަ މަހަށް ބޭނުންވާ މުހިންމު ބައެއް ބާވަތްތައް ވިއްކުމުގައި ބޮޑު ތަފާތެއް އަންނަން ދިމާވި އެއް ސަބަބަކީ އެ ބާވަތްތައް ބޭނުންވާ ވަރަށް ވުރެ މަދުން ލިބުމެވެ.

ރާއްޖެއަށް ފިޔާ، އަލުވި އަދި ބިސް އެތެރެކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެކި ފިހާރަތަކުގައި މި އުފެއްދުންތައް ވިއްކާ އަގު ތަފާތުވަނީ މި ބާވަތްތައް ރޯދަ މަހު އެންމެ ގިނައިން އެތެރެކުރާ އެސްޓީއޯއިން ސަޕްލައިކޮށްދިނުމުގައި އަމަލުކުރި ގޮތް ތަފާތުވުމެވެ. އެހެން އަހަރުތަކުގައި އެސްޓީއޯއިން ރާއްޖޭގެ އެކި ހިސާބުތަކަށް މި ތިން ބާވަތް ފޯރުކޮށްދިނުމަށް ފަހު ބާކީ ހުންނަ ބައި މާލޭގެ ވިޔަފާރިތަކަށް ފޯރުކޮށްދެ އެވެ. ނަމަވެސް މިއަހަރު އެ ކުންފުނިން ވަނީ ރާއްޖޭގެ 180 ފިހާރައެއް ކަނޑައަޅައި، ހާއްސަ ބާވަތްތަކެއް އެ ފިހާރަތަކަށް ފޯރުކޮށްދީފަ އެވެ.

މިކަމުގެ ސަބަބުން ބައެއް ފިހާރަތަކަށް މި ބާވަތްތައް ލިބުމުގައި ދަތިތަކެއް ދިމާވަމުންދާކަން އެމީހުން ފާހަގަކުރެ އެވެ.

ހުކުރު ދުވަހު ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި ބިސް ލިބުމުގައި ބޮޑެތި ދަތިތަކެއް ދަނީ ކުރިމަތިވަމުންނެވެ.

"އެހާ ފަސޭހައެއް ނޫން ބިސް ހޯދާކަން ކިޔޫ ޖެހިގެން އެ ހޯދަން ޖެހެނީ،" ވިޔަފާރިވެރިއަކު ބުންޏެވެ.

ބައެއް ފިހާރަތަކަށް މި މައްސަލަ ދިމާވި ނަމަވެސް ބޮޑެތި ބައެއް ފިހާރަތަކުން މި ބާވަތްތައް ބަރާބަރަށް ލިބޭކަން ފާހަގަ ކޮށްލެވެ އެވެ. ހާއްސަކޮށް އެސްޓީއޯ އާއި ރެޑްވޭވް ފަދަ ބޮޑެތި ސުޕަމާޓްތަކުން މި އުފެއްދުންތައް ބަރާބަރަށް ލިބެން ހުރިއިރު، މި ދެ ތަނުން އަގުތައް ވެސް ހެޔޮކަން ފާހަގަކޮށްލަން ޖެހެ އެވެ. އަދި އެ އަގުތައް އިކޮނޮމިކް މިނިސްޓްރީން ދަނީ "ބާޒާރުގެ އެންމެ ހެޔޮ އަގު" ޕްރޮގްރާމްގެ ދަށުން ކޮންމެ ދުވަހަކު ހާމަ ވެސް ކުރަމުންނެވެ.

މި ތިން ބާވަތުގެ އިތުރުން ދެން އެންމެ ގިނައިން ރޯދަ މަހު ބޭނުންކުރާ އެއް ބާވަތަކީ މަހެވެ. މިއަހަރުގެ ރޯދަ މަހާ ދިމާކޮށް ސަރުކާރުގެ ތިން މަސް ކުންފުނި ކަމަށްވާ މިފްކޯ އާއި ކޫއްޑޫ އަދި ފެލިވަރުން ރޯމަސް ފޯރުކޮށްދެމުން ދިޔަ ނަމަވެސް މާލޭ މަސް މާރުކޭޓުން އެންމެ ތަންފުކެއް ވެސް މީހުން މަދެއް ނުވި އެވެ. ރޯދަ މަހުގެ ފުރަތަމަ ހަފުތާ ނިމުނުއިރު ސަރުކާރު މަސް ކުންފުނިތަކުން މަސް ކިލޯއެއް 60- 80ރ. އާ ދެމެދުގެ އަގުތަކެއްގައި ވިއްކަމުން ދިޔަ އެވެ. އަދި މަސް މާރުކޭޓުން މަހެއް ލިބެން ހުރީ 150ރ. އާއި 200ރ. އާ ދެމެދު އަގުތަކެއްގަ އެވެ. މިއީ ރޯދަ މަހުގެ ކުރިއާ ބަލާއިރު މާރުކޭޓުން މަސް ލިބޭ އަގާ ބަލާއިރު ގާތް ގަނޑަކަށް 10- 30 ޕަސެންޓުގެ ބޮޑުވުމެކެވެ.

ސަރުކާރު މަސް ކުންފުނިތަކުން ކިތަންމެ ގިނަ މަހެއް ގެނެސްގެން ވިއްކި ނަމަވެސް މަސް މާރުކޭޓުގެ ވިޔަފާރިއަށް އެނގުންވާ ގޮތެއް ނުވެ އެވެ. މީގެ ބަދަލުގައި މާރުކޭޓު ވެސް ފެނުނީ ބާރުބޮޑު ކަމެވެ. އަގުވެސް ބޮޑު ކޮށެވެ.

"އަޅުގަނޑުމެންގެ މަސް ވިއްކުމަށް އެއްވެސް ވަރެއްގެ ހީނަރުކަމެއް ނައިސް ކުރިއަށް އެބަދޭ. ވަރަށް ގިނައިން ވިކޭ،" ގާފަރު މަސްވެރިއަކު އިއްޔެ ބުންޏެވެ.

ރޯދަ މަހުގެ ފުރަތަމަ ހަފުތާ ނިމިގެން ދިޔައިރު ކަރާގެ އަގުތައް މަޑުމަޑުން ދަށްވަމުން ދާތަން ފެނެ އެވެ. ރޯދަ މަސް ފެށުނު އިރު ކަރާ ކިލޯއެއް 15ރ. ގައި ހުރި ނަމަވެސް މިހާރު ކަރާ ކިލޯއެއްގެ އަގުވަނީ 13ރ. އާއި 12ރ. އަށް ދަށްވެފަ އެވެ.

ދަނޑުވެރިން ބުނާ ގޮތުގައި ކަރާގެ އިތުރުން މިރުހާއި އެހެން ބާވަތްތަކުގެ އަގުތައް ވެސް ކުރިއަށް އޮތް ތަނުގައި ދަށްވެގެން ދާނެ އެވެ. މީގެ ސަބަބެއް ކަމަށް އެމީހުން ބުނަނީ ރާއްޖޭގެ އެކި ހިސާބުތަކުން ގެންނަ އުފެއްދުންތައް އިތުރުވެގެން ދިއުމެވެ.

މިއީ ރޯދަ މަހުގެ ފުރަތަމަ ހަފުތާގެ އަގުތަކަށް އައިސްފައިވާ ބަދަލެވެ. އަދި ރޯދަ މަހުގެ ބޮޑުބައި އޮތީ އެވެ. އަދިވެސް އަގުތަކާ މެދު ކުރަންޖެހެނީ އުންމީދެވެ.

2 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait