މިދިޔަ އަހަރުގެ ޖުލައި މަހުން މިއަހަރުގެ ޖުލައި މަހާ ހިސާބަށް ބަލާއިރު މާލޭގެ އިންފްލޭޝަން ރޭޓް ހުރީ 14.94 ޕަސެންޓްގައި ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިން އިން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މަހުގެ ބައި ނުހިމަނާ، މިދިޔަ އަހަރުގެ ޖުލައި މަހުން މިއަހަރުގެ ޖުލައި މަހަށް މާލޭގެ އިންފްލޭޝަން ރޭޓް ހުރީ 11.31 ޕަސެންޓްގަ އެވެ.
ނަމަވެސް މި އަހަރުގެ އޭޕްރީލް މަހު މާލޭގެ އިންފްލޭޝަން 15.05 ޕަސެންޓަށް ވެސް އަރާފައިވެ އެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ އޭޕްރީލް މަހާއި މިދޔަ
އަހަރުގެ އޭޕްރީލް މަސް އަޅާ ކިއުމުން މާލޭގެ އިންފްލޭޝަން ރޭޓް 14.98
ޕަސެންޓް މައްޗަށް އަރަ އެވެ.
ޖޫން މަހު މަހު މާލޭގެ އިންފްލޭޝަން ރޭޓަކީ 14.66 ޕަސެންޓެވެ. އެއީ މެއި މަހު 14.69 ޕަސެންޓްގައި ހުރުމަށް ފަހުގަ އެވެ.
ވޭތުވެދިޔަ 12 މަސްދުވަހަށް ބަލާއިރު މާލޭގެ އިންފްލޭޝަން އެންމެ މައްޗަށް ގޮސްފައި ވަނީ މަސް، ދުންފަތް، ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްގެ ބައިގެ އިތުރުން އަންނައުނުގެ ބައިންނެވެ.
މަހުގެ ބަޔަށް ބަލައިރު މިދިޔަ 12 މަސްދުވަހާއި އޭގެ ކުރީގެ 12 މަސްދުވަސް އަޅާކިޔާއިރު މަހުގެ ބައިގެ އިންފްލޭންޝަން 70 ޕަސެންޓް ވަނީ މައްޗަށް ގޮސްފަ އެވެ. އެގޮތުން މި މުއްދަތުގައި ލައްޓީގެ އަގު 223 ޕަސެންޓް މައްޗަށް ގޮސްފައިވާއިރު ކަޅުބިލަ މަހުގެ އަގު 97 ޕަސެންޓް މައްޗަށް ގޮސްފައިވެ އެވެ. އަދި ވަޅޯ މަހުގެ އަގު ވެސް ވަނީ 88 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. މީގެ އިތުރަށް ފަރުމަހާއި ހިކިމަސް ޕެކެޓް އަދި ފަރުމަހުގެ އަގު ވެސް މި މުއްދަތުގައި ބޮޑުވެފައިވެ އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުން މިއަހަރުގެ ޖުލައި މަހަށް ބަލާއިރު ދުންފަތުގެ އިންފްލޭޝަން 69 ޕަސެންޓް މައްޗަށް ގޮސްފައިވެ އެވެ. މިބައިގައި ހިމެނޭ އެއްޗެހީގެ ތެރެއިން ސިގިރޭޓްގެ އަގު ވަނީ 72 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. އަދި ފޯއް ކިލޯއެއްގެ އަގު ވެސް 67 ޕަސެންޓް ވަނީ މައްޗަށް ގޮސްފަ އެވެ.
ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްގެ ބަޔަށް ބަލާއިރު އިންފްލޭޝަން ރޭޓް ވަނީ 31 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. މިބަޔަށް ބަލާއިރު ހެނދުނު ސައިގެ އަގު ވަނީ 44 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. އަދި ޕިއްޒާގެ އަގު 26 ޕަސެންޓް މައްޗަށް ގޮސްފައިވެ އެވެ. އަދި ރެސްޓޯރަންޓްތަކުން ނަގާ ނާސްތާގެ އަގު ވަނީ ޖުމްލަކޮށް 22 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.

9 comments