ދިރާގު

ދިރާގުގެ ހިއްސާ ފޯމު ބަލައިގަންނަން ފަށައިފި

އަހުމަދު ރިޝާން
26 އޮކްޓޯބަރ 2011
  • ދިރާގުގެ ޑިރެކްޓަރުން ބޯޑުގެ މެމްބަރުން އަދި އިކޮނޮމިކް މިނިސްޓަރު މަހުމޫދު ރާޒީ ނޫސްވެރިންނާ ބައްދަލުކުރައްވަނީ. -- -- ހަވީރު ފައިލް ފޮޓޯ

ދިރާގުގެ ހިއްސާ ގަތުމަށް އެދޭ ފޯމު ބަލައިގަންނަން މިއަދު ފަށައިފި އެވެ.

ހިއްސާ އަށް އެދޭ ފޯމުތައް ބަލައިގަތުމަށްޓަކައި ދިރާގުން ވަނީ ޗާންދަނީ މަގު، ދާރުލްއާސާރުގެ ދޮރުމަތީގައި އޮފީހެއް ގާއިމުކޮށްފަ އެވެ. މި އޮފީހުގެ އިތުރުން ހިއްސާ ގަތުމަށް އެދި ހުށަހަޅާ ފޯމުތައް ބޭންކް އޮފް މޯލްޑިވްސްގެ ގޮފިތަކުން ވެސް ބަލައިގަންނާނެ އެވެ.

ހިއްސާ އަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަތުމުގެ އެންމެ ފަހުގެ މުއްދަތަކަށް ކަނޑައަޅާފައި ވަނީ އަންނަ މަހުގެ ނިޔަލަށެވެ. ދިރާގުގެ ހިއްސާއެއް ވިއްކުމަށް ނިންމާފައި ވަނީ ހިއްސާއެއް 80ރ. އަށެވެ.

ކޭބަލް އެންޑް ވަޔަލެސް އާއި ސަރުކާރު ގުޅިގެން ހިންގާ ކުންފުނިން މިހާރު ވިއްކުމަށް ނިންމާފައި ވަނީ ސަރުކާރުގެ 48 ޕަސެންޓްގެ ހިއްސާގެ ތެރެއިން 15 ޕަސެންޓެވެ. މިއީ 11.4 މިލިއަން ހިއްސާ އެވެ. ބާކީ އޮތް 33 ޕަސެންޓް ހިއްސާ ވެސް ވިއްކާލަން ސަރުކާރުން ބޭނުންވާ ކަމަށް ވަނީ ބުނެފަ އެވެ.

ދިރާގުން ބުނީ ހިއްސާ ގަންނަން އެދި ފޯމު ހުށަހަޅާ ކޮންމެ ފަރާތަކަށް ވެސް 25 ހިއްސާ ޔަގީންކޮށްދޭ ކަމަށެވެ. ދިރާގުގެ ހިއްސާ އާންމު ފަރާތްތަކަށާއި ކުންފުނިތަކުގެ އިތުރުން ބޭރު ފަރާތްތަކަށް ވެސް ގަނެވެ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި