ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތައް އޮތީ ވަރަށް ހާލުގަ އެވެ. ދުނިޔޭގެ އިގްތިސާދަށް އައި ބަދަލާއި، ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ގިނަ ކުންފުނިތައް ވަނީ ނާށިގަނޑު ހިފައިގެން ނުކުންނަން ޖެހޭ ހިސާބުގަ އެވެ. ނަމަވެސް އެސްޓީއޯގެ ކުރިމަގު އުޖާލާކަމަށް އާއްމު ހިއްސާދާރުން ވެސް އެއްބަސްވެ އެވެ. އެ އުއްމީދާ އެކު ކުރިމަގަށްޓަކައި ހިއްސާރާދުން ވަނީ އެ ކުންފުނީގެ ބޯޑަށް މުހިންމު ނަސޭހަތްތަކެއް ވެސް ދީފަ އެވެ.
"ބޯޑުން ކޯޕަރޭޓް ގަވަނާންސް ބްރޭކް ކޮށްގެން ނުވާނެ. ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ކުންފުންޏަށް އަސަރު ނުކުރާ ގޮތަށް ކުންފުނީގެ އާޓިކަލްތައް ވަރުގަދަ ކުރަން އަޅުގަނޑު އެދެން،" އެސްޓީއޯ އިން ހުކުރު ދުވަހުގެ ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި ވާހަކަ ދެއްކި، ހިއްސާދާރެއް ކަމަށްވާ އަހުމަދު ނަސީރު ބުންޏެވެ.
އެސްޓީއޯ އަކީ ސަރުކާރުގެ 81.6 ޕަސެންޓް ހިއްސާ އާއި އާއްމު ހިއްސާދާރުންގެ 18.4 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ. އަދި ސަރުކާރުގެ އެހެން ކުންފުނިތަކާ އަޅާބަލާއިރު، އެ ކުންފުނީގެ ފައިދާ އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމަށް ހިސާބުތަކުން ދައްކަ އެވެ.
އާއްމު ހިއްސާދާރުންގެ ހިޔާލު ފާޅުކުރަން ދިން އެއް ގަޑިއިރުގެ، ވަގުތުގައި ބައެއް ހިއްސާދާރުން ވަނީ އެ ކުންފުނިން ކްރެޑިޓަށް ތަކެތި ދޫކުރުމުގައި ގެންގުޅޭ އުސޫލުތަކާ މެދު ވެސް ސުވާލުކޮށްފަ އެވެ. ހިއްސާދާރުންގެ ސުވާލުތައް އެންމެ ބޮޑަށް އަމާޒުވީ އެސްޓީއޯ އިން މެރީޑިއަމް ސާވިސަސް އަށް ދޫކުރި 19 މިލިއަން ރުފިޔާގެ ކްރެޑިޓްގެ މައްސަލަ އެވެ. މީގެ އިތުރުން ހިއްސާދާރުންގެ އިތުބާރު ބޮޑުކުރުމާއި ހަރަދުތައް ކުޑަކުރަން ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ހިއްސާދާރުން ބުނެފައިވެ އެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން ދުނިޔޭގެ އިކޮނޮމީ ދަށްވީމަ ކަމަށް ރާއްޖޭގެ ކުންފުނިތަކުގެ ފައިދާ ދަށްވީ. އަޅުގަނޑު ވެސް މިއީ ކުޑަކުޑަ ވިޔަފާރިއެއް ކުރާ މީހެއް. ދުނިޔޭގެ އިކޮނޮމީ ދަށްވީމަ އަޅުގަނޑު ހަދާ ގޮތަކީ ބެލްޓް ޓައިޓް ކޮށްލާފަ، އެފިޝެންޓް ކޮށްލާފަ، އަޅުގަނޑުގެ ވޭސްޓް ކަނޑާލީމަ ރަނގަޅުވޭ،" ހިއްސާދާރަކު ބުންޏެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ އެ ކުންފުނީގެ ފައިދާ އިތުރުކުރަން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ޓޫރިޒަމް ދާއިރާގައި އިންވެސްޓް ކުރުން ހިމެނޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ބޯޑުން މިދަނީ ޓޫރިޒަމް ދާއިރާގައި ހުރި ބައެއް ރިސޯޓްތަކުގެ ޕްރޮޖެކްޓްތައް ވެސް ސްޓަޑީ ކުރަމުން. ނަމަވެސް އެއްވެސް ޕްރޮޖެކްޓެއް ގަންނަ ހިސާބަށް ދާ ނަމަ އެ ވާހަކައެއް އާއްމުންނާ ހިސާބަށް އަންގާނަން،" ޝާހިދު ވިދާޅުވި އެވެ.
އެސްޓީއޯ އިން ބާއްވާ ކޮންމެ އަހަރީ އާއްމު ޖަލްސާއެއްގައި ވެސް އާއްމު ގޮތެއްގައި ހިއްސާދާރުންގެ އެއް ވާހަކައެއް ތަކުރާރުކުރެ އެވެ. އެއީ އެސްޓީއޯ އިން ވިއްކާލި ސައިފަތް ދަނޑުގެ ވާހަކަ އެވެ. އެ ވާހަކަ މިއަހަރު ވެސް ދައްކާފައިވެ އެވެ.
"މީގެ ދެތިން އަހަރު ކުރިން ވެސް އަޅުގަނޑު ބުނިން އަށް ލައްކަ ޑޮލަރަށް ގަތް ސައިފަތް ދަނޑު ފަސް ލައްކަ ރުފިޔާ އަށް ވިއްކާ ނުލައްވާށޭ. ދެ އަހަރު ފަހުން ތީގެ އަގު ޑަބަލް އަރައިގެންދާނެއޭ. މާދަމާ ވޯ [ހަނގުރާމަ] ހުއްޓާލިއަސް ރަނގަޅުވާނެއޭ. އެހެން އެކަން ވީ. މިހާރު ތިން މިލިއަން ރުފިޔާ އަށް ވުރެ އަގު ވަނީ މަތިވެފައި،" ނާސިރު ބުންޏެވެ.
ބައެއް ހިއްސާދާރުން ސަރުކާރަށް ވެސް "ހޫނުކޮށް" ފާޑު ކިޔާފައިވެ އެވެ.
ހިއްސާދާރުން ބުނިގޮތުގައި އެ ކުންފުނީގެ މައި ހިއްސާދާރު ކަމަށްވާ ސަރުކާރުން ބޭނުން އިރަކު ކުންފުނީގެ ތެރެއަށް އަތް ބާނާ ގޮތަށް އޮތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންނަކީ މައިނޯރަޓީ ހިއްސާދާރުން. އިންޓަރެސްޓް ބަލަހައްޓާދެން ޖެހެނީ މައިނޯރިޓީ ހިއްސާދާރުން. އެހެންވެ މެޖޯރިޓީ ހިއްސާދާރުން [ސަރުކާރު] ގެ ވޭސްޓް ބޮޑުވުމަކީ އިންސާފެއް ނޫން. އެއީ ކޮރަޕްޝަން. ސަރުކާރުން އެހާ ބޮޑު އެއްޗެއް ނަންގަވައިގެން ކޭޝް ފްލޯ އަށް ބޭންކުން ބޮރޯކޮށްގެން ދިޔައީމަ މައިނޯރިޓީ ހިއްސާދާރުންގެ ރައިޓްސް މުގުރާ ލެވެނީ. އެހެންކަމުން އަޅުގަނޑު ސަޖެސްޓް ކުރާނީ ޑިވިޑެންޓް ދޭއިރު އަދަދެއް ޑިވިޑެންޓަށް ކަނޑާލަދެއްވަން. އެއީ މިހާރުގެ ގާނޫނުތައް ހުރި ގޮތުން ސަރުކާރަކަށް ވެސް ބޭނުން ގޮތެއް ނުހެދޭނެ،" ނަސީރު ބުންޏެވެ.
އެސްޓީއޯ އިން މިހާރު ކުރަމުން ގެންދާ ވިޔަފާރީގެ އިތުރުން އިތުރު އާ ވިޔަފާރިތަކުގެ ތެރެއަށް ވަނުމަށް ވެސް ހިއްސާދާރުން އިލްތިމާސްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޝިޕިންގެ ވިޔަފާރި އާއި ދަނޑުވެރިކަމާ ގުޅުން ހުރި ވިޔަފާރިތައް ހިމެނެ އެވެ.
"އަޅުގަނޑު އެދެން އެސްޓީއޯ އިންޑިއާ ލިމިޓެޑު އުފައްދަން. އަދި ޓްރިވެންޑްރަމް ނޫނީ ޓުޓިކޮރިންގައި ރަނގަޅު ބިސް ފާމެއް އަޅަން. މިއީ ވަރަށް ހިނި އަންނަ ވާހަކައެއް. ނަމަވެސް މިއީ ބިޒްނަސް. ތިބޭފުޅުން ބިޒްނަސް ތިކުރަނީ ވަން ސެންޓު ޓޫ ސެންޓަށް ހަދަން. އިލެކްޓްރޯނިކްސްގެ ލަގްޒަރީ ވިޔަފާރި ކޮށްގެން ދުވާލަކު 50،000ރ. ވެސް ނުހޯދޭނެ. ނަމަވެސް ބިސް ފާމެއް ހަދަން މާ ގިނަ ފައިސާއެއް ވެސް ނުދާނެ. އިންޑިއާގައި އެ އެއްޗިއްސާ ބެހޭ ސައިންޓިސްޓުންނާއި ލޭބަރުން އަދި ކާންދޭނެ އެއްޗެހި ވެސް ހުންނާނެ. އެ މަސައްކަތުން ދުވާލަކު އެއް މިލިއަން ބިސް ލިބޭނެ. ރާއްޖެ އަށް އެކަނި ވެސް ދުވާލަކު ވަން މިލިއަން ބިހާ ކައިރިކުރާ އަދަދަކަށް ބޭނުންވާނެ. އެފަދަ ކަމެއް ކޮށްފި ނަމަ ބިސް ވިއްކައިގެން އެކަނި ވެސް ދުވާލެއްގެ މައްޗަށް އެއް މިލިއަން ރުފިޔާ ހޯދޭނެ،" ހިއްސާދާރަކު ބުންޏެވެ.
އެސްޓީއޯ އިން މިހާރު ހޯދަމުން އަންނަ ފައިދާ އިން އެ ކުންފުނީގެ މުސްތަގުބަލް ރަނގަޅުކަން އެނގެ އެވެ. އަދި އާންމު ޖަލްސާގައި ހިއްސާދާރުން ވާހަކަ ދެއްކީ އެ އުއްމީދާ އެކު މިހާރަށް ވުރެ ވެސް ކުންފުނި ހިންގުން ވަރުގަދަކުރާށެވެ.

3 comments