މިދިޔަ އަހަރު ހިއްސާގެ ބާޒާރުގައި އެމްޓީސީސީގެ ހިއްސާ ވިއްކުނު މިންވަރު އޭގެ ކުރީ އަހަރަށް ވުރެ 77 ޕަސެންޓް ދަށްވެފައިވާ ކަމަށް އެ ކުންފުނީގެ އަހަރީ ހިސާބުތަކުން ދައްކައިފި އެވެ.
ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު ހިއްސާގެ ބާޒާރުގައި ވިއްކާފައި ވަނީ އެމްޓީސީސީގެ 85 ހިއްސާ އެވެ. މިއީ 2010 ވަނަ އަހަރު ހިއްސާގެ ބާޒާރުގައި މުއާމަލާތްކުރި 370 ހިއްސާއާ އަޅާބަލާއިރު 285 ހިއްސާ މަދު އަދަދެކެވެ.
މިދިޔަ އަހަރު އެމްޓީސީސީގެ ހިއްސާ ހިއްސާގެ ބާޒާރުގައި މުއާމަލާތްކޮށްފައިވާ އެންމެ މަތީ އަގަކީ 500ރ. އެވެ. އަދި އެންމެ ދަށްކޮށް 130ރ. އަށް މުއާމަލާތްކޮށްފައިވެ އެވެ.
މިދިޔަ އަހަރަށް ބަލާއިރު އެމްޓީސީސީގެ ހިއްސާގެ މުއާމަލާތެއް އެންމެ ފަހުން ކޮށްފައި ވަނީ 290ރ. ގެ މަގުންނެވެ. މިދިޔަ އަހަރު ނިމުނުއިރު އެމްޓީސީސީގެ ހިއްސާގެ ރައުސުލްމާލުގެ އަގަކީ 72.5 މިލިޔަން ރުފިޔާ އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ހިއްސާއަކަށް 33.18ރ. ގެއްލުންވެފައިވެ އެވެ.
އެމްޓީސީސީ އަށް 2010 ވަނަ އަހަރު 5.5 މިލިއަން ރުފިޔާ ގެއްލުން ވެފައި ވާއިރު މިދިޔަ އަހަރު ވެސް 8.3 މިލިއަން ރުފިޔާ ގެއްލުން ވުމުން ހިއްސާދާރުންނަށް އެއްވެސް އެއްޗެއް ނުބަހަން އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ވަނީ ނިންމައިފަ އެވެ. މިއީ ހިއްސާދާރުންނަށް އެމްޓީސީސީން ފައިސާ ނުބަހާތާ ތިން ވަނަ އަހަރެވެ.

0 comment