ފިނޭންސް މިނިސްޓަރު

ދައުލަތް ހިންގޭނީ އިތުރު ޓެކްސްތައް ތައާރަފުކޮށް، އިތުރު އާމްދަނީ ހޯދައިގެން: ފިނޭންސް މިނިސްޓަރު

އަހުމަދު ރިޝާން
03 އޯގަސްޓް 2012 10:47 53 ކޮމެންޓު
  • ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު: އޭނާ ވިދާޅުވީ ދައުލަތް ހިންގުމަށް އާމްދަނީ ހޯދުމަށް އިތުރު ޓެކްސްތައް ތައާރަފުކުރަންޖެހޭ ކަމަށް. -- ހަވީރު ފައިލް ފޮޓޯ

ދައުލަތް ހިންގެން އަންނަނީ އިތުރު ޓެކްސްތައް ތައާރަފުކޮށް، އިތުރު އާމްދަނީ ހޯދައިގެން ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ރޭ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ދެ ވަނަ އަހަރީ ދުވަހާ ގުޅިގެން ދަރުބާރުގޭގައި ބޭއްވި ހަފުލާގައި ޖިހާދު ވިދާޅުވީ މި ދުވަސްވަރަކީ ރާއްޖޭގެ މާލީ ހާލަތު އެހާ ރަނގަޅު ދުވަސްވަރެއް ނޫން ކަމަށެވެ.

"ރާއްޖޭގެ މާލީ ހާލަތަށް ބަލާއިރު މިއީ އެންމެ ރަނގަޅު ދުވަސްވަރެއް ނޫން. އަޅުގަނޑުމެން އެބަޖެހޭ އެކި ގޮތްގޮތުން އިތުރު އާމްދަނީ ހޯދަން. މިއަހަރު ވެސް އަދި ކުރިޔަށް އޮތްތާގަ ވެސް،" އޭނާ ވިދާޅުވި އެވެ.

އިތުރު ޓެކްސެއް ތައާރަފުކޮށްފި ނަމަ މީރާގެ މަސައްކަތް މިހާރަށް ވުރެ އިތުރުވެގެންދާނެ ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މީރާ އަށް ދެ އަހަރު ވެގެންދިޔައިރު އެ އޮތޯރިޓީން ދުނިޔޭގެ އެހެން ޓެކްސް އިދާރާއަކުން ނުހޯދާވަރުގެ ފުރިހަމަ ކާމިޔާބީތައް ހޯދާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ތައާރަފުކޮށްފައިވާ ޓެކްސްތައް ނެގުމުގައި މީރާ އިން ވަރަށް ފުރިހަމަ އަށް މަސައްކަތްކޮށްފައިވާކަން ޖިހާދު ފާހަގަކުރެއްވި އެވެ.

ޖިހާދު ވިދާޅުވީ މީރާގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ވަރަށް ނަމޫނާ ބަޔަކަށްވާންޖެހޭ ކަމަށެވެ. އަދި ޓެކްސް ނެގުމުގައި ވަކި ސިޔާސީ ފިކުރަކަށް ތާއިދުކުރި ނަމަވެސް މަސައްކަތުގެ މާހައުލުގައި ސިޔާސީ ކުލަ ޖެހިގެންނުދާނެ ގޮތަކަށް މަސައްކަތްތައް ބައްޓަންކުރުމަށް ވެސް ޖިހާދު ވިދާޅުވި އެވެ.

މިހާރު ވެސް މީރާގެ ތަސައްވުރަކީ ގޯސް ތަސައްވަރެއް ނޫން ކަމަށާއި މީރާގައި މަސައްކަތްކުރައްވާ ފަރާތްތަކުން އިތުބާރު ހިފޭނެ ގޮތަށް ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭނެ ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެންމެ މުވައްޒަފަކު ވެސް ނުރަނގަޅު ކަމެއް ކޮށްފި ނަމަ މީރާގެ ނަން ހަޑިވެގެންދާނެ ކަމަށެވެ. އެހެންކަމުން އެގޮތަށް ކަންކަން ނުވާނޭހެން ވަރަށް ސާބިތުކަމާއެކު މަސައްކަތް ކުރުމަށް ޖިހާދު މީރާގެ މުވައްޒަފުންނަށް ގޮވާލެއްވެވި އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވިދާޅުވީ މީރާ އިން ހަރަދު ކުޑަކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެއްވެސް މަސައްކަތެއް ބޭރުގެ ފަރާތްތަކާ ހަވާލުނުކޮށް ސީދާ މީރާގެ މުވައްޒަފުން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މީރާ އަށް ދެ އަހަރު ފުރުނު އިރު މީރާ އިން ވަނީ ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި ވަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާދީފައި ކަމަށް ވެސް ޔަޒީދު ވިދާޅުވި އެވެ. އަދި މިކަމުގައި މީރާގެ މުވައްޒަފުން ވަރަށް ބުރަކޮށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވެސް ޔަޒީދު ވިދާޅުވި އެވެ.

މީރާގެ އަހަރީ ޖަލްސާގައި ވަނީ އެންމެ ހީވާގި މުވައްޒަފުން ފާހަގަކޮށް އެފަރާތްތަކަށް ސެޓްފިކެޓް ވެސް ދީފަ އެވެ. އަދި މީރާ އިން އަލަށް ތައާރަފުކުރާ އިސްތިހާރުތަކާއި މިދިޔަ އަހަރުގެ ރިޕޯޓް ވެސް ރޭ ވަނީ ރަސްމީކޮށް ނެރެފަ އެވެ.

މީރާގެ އަހަރީ ޖަލްސާގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބުގެ އިތުރަށް މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި ބައެއް ޖަމިއްޔާ ޖަމާއަތްތަކުގެ އިސް ފަރާތްތައް ވެސް ބައިވެރިވެ ވަޑައިގެންފައިވެ އެވެ.

53 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait