ސޮނޭވާ ގްރޫޕުން ހިންގާ ސޮނެވާގިލި (ލަންކަންފުށި)، ސިންގަޕޫރުގެ އެޗްޕީއެލް ހޮޓެލްސް އެންޑް ރިސޯޓްސް އިން އަންނަ މަހުން ފެށިގެން ހިންގަން ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި އެ ކުންފުންޏާ ހަވާލާދީ ބުނެފައި ވަނީ ސޮނޭވާ ގްރޫޕުން ކުރިން ހިންގަމުންގެންދިޔަ ރިސޯޓް އާ މެނޭޖްމަންޓުން ޖުލައި 1 އިން ފެށިގެން ހިންގާނީ "ގިލި ލަންކަންފުށި"ގެ ނަމުގައި ކަމަށެވެ. އަދި ރިސޯޓް ހިންގަމުންދާނީ ކުދިކުދި ބަދަލުތަކެއް އައި ނަމަވެސް ކުރިން ހިންގަމުންގެންދިޔަ ގޮތަށް ކަމަށް ވެސް އެ ބުނެފައިވެ އެވެ.
އެޗްޕީއެލްގެ ޗެއާމަން ސްޓެފަން ލައު ވިދާޅުވީ އެ ރިސޯޓަކީ އެ ކުންފުނީގެ ތަނެއްގެ ގޮތުގައި ހަމަޖެހިފައިވާ ކަމަށާއި އެ ރިސޯޓް ހިންގަމުންގެންދާނީ މަތީ ފެންވަރުގެ ރިސޯޓެއްގެ ގޮތުގައި ކަމަށެވެ.
މާލެ އަތޮޅުގެ އުތުރުގައި ހިންމަފުށީ ކައިރީގައި އޮންނަ އެންމެ މަތީ ފެންވަރުގެ މި ރިސޯޓަކީ މޫދުގައި 45 ވިލާ ހިމެނޭ ގޮތަށް ތަރައްގީކޮށްފައިވާ ތަނެކެވެ.
ގިލި ލަންކަންފުއްޓަކީ އެޗްޕީއެލްގެ ރާއްޖޭގެ ފަސްވަނަ ރިސޯޓެވެ. އެ ކުންފުނީގެ ރިސޯޓްތަކުގެ ތެރޭގައި ފޯސީޒަން ކުޑަހުރާ އާއި ފޯސީޒަން ލަނޑާގިރާވަރާއި ހޮލިޑޭއިން ކަނޑޫމާ ރިސޯޓާއި ރިހިވެލި ބީޗް ރިސޯޓް ހިމެނެ އެވެ.

0 comment