ވަތަނިއްޔާ ޕްރޮމޯޝަން

ވަތަނިއްޔާ އިން ރޯދަ މަހަށް ހާއްސަކޮށް ޕްރޮމޯޝަންތަކެއް ފަށައިފި

21 ޖުލައި 2012 14:40
  • މިދިޔަ އަހަރުގެ މަސް ރޭހުގެ ހަރަކާތްތައް: ވަތަނިއްޔާ އިން ވަނީ ރޯދަ މަހަށް ހާއްސަކޮށް ވަރަށް ބައިވަރު ޕްރޮމޯޝަންތަކެއް ފަށާފައި. -- ހަވީރު ފައިލް ފޮޓޯ

ވަތަނިއްޔާ އިން ރޯދަ މަހަށް ހާއްސަކޮށް ޕްރޮމޯޝަންތަކެއް ފަށައިފި އެވެ.

މި ޕްރޮމޯޝަންގައި ނުވަ ހިދުމަތެއް ހިމަނާފައި ވާއިރު އައިޑީޑީ ކޯލުން ދީފައިވާ އިނާޔަތްތައް ފާހަގަކޮށްލެވެ އެވެ. ވަތަނިއްޔާ އިން ބުނީ ރޯދަ މަސް ނިމެންދެން މިނެޓަކު 99 ލާރިއަށް ރާއްޖެއިން ބޭރަށް ގުޅޭނެ ކަމަށެވެ.

އެކުންފުނިން ވަނީ ރޯދަ މަހަށް ހާއްސަކޮށް މޯބައިލް އިންޓަނެޓް 2ޖީބީގެ ޕެކޭޖެއް ވެސް ތައާރަފު ކޮށްފަ އެވެ. މުޅި މި މަހަށް މި ޕެކޭޖްގައި ހަރަދުކުރަންޖެހެނީ 179ރ. އެވެ.

ރޯދަ މަހަށް ހާއްސަކޮށް ވަތަނިއްޔާގެ 3ޖީ މޮޑަމް ވިއްކާ އަގު ވެސް ވަނީ 599ރ. އަށް ކުޑަކޮށްފަ އެވެ. އަދި އެކުންފުނިން ވަނީ ޑަބްލިއުބްރޯޑްބޭންޑް ޕްރީޕެއިޑް 199 އިން ކަސްޓަމަރުންނަށް ހިލޭ 200 އެމްބީ ވެސް ދިނުމަށް ނިންމާފަ އެވެ.

ވަތަނިއްޔާ އިން ވަނީ ރޯދަ މަހަށް ހާއްސަކޮށް ރޯދަ ކުއިޒެއް ވެސް ފަށާފަ އެވެ. އެސްއެމްއެސް މެދުވެރިކޮށް ކުރިޔަށް ގެންދާ މި ކުއިޒްގައި ބައިވެރިވާން ޖެހެނީ ސްޓާޓް<ސްޕޭސް>ޑަބްލިއުކިއު ޖެހުމަށް ފަހު 4480 އެސްއެމްއެސް ފޮނުވައިގެންނެވެ. މި މަހުގެ 20 އިން ފެށިގެން، އަންނަ މަހުގެ 18ގެ ނިޔަލަށް ކުރިޔަށް ގެންދާ މި ކުއިޒްގައި އަގުބޮޑެތި އިނާމުތައް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި 30،000ރ. އަގު ބޮޑު ބެޑްރޫމް ސެޓަކާއި އައިޕެޑެއްގެ އިތުރުން އައިފޯން4 އެސްއެއް ވެސް ހިމެނެ އެވެ.

ވަތަނިއްޔާ ކަސްޓަމަރުންގެ ތެރެއިން ރޯދަ މަހު ތެރޭ މޯބައިލް މެދުވެރިކޮށް ހަރަދުކުރާ ކޮންމެ 50ރ. އަކަށް ޕްރޮމޯޝަނެއްގައި ބައިވެރިވެވޭ ގޮތަށް ވެސް އެކުންފުނިން ވަނީ ހަދާފަ އެވެ. މި ޕްރޮމޯޝަންގެ އިނާމުތަކުގެ ތެރޭގައި ޑިޖިޓަލް ގުރުއާން، ސެމްސަންގް ގެލެކްސީ ފޯން، އެޗްޑީ ޓީވީގެ އިތުރުން މެލޭޝިއާ އަށް ދިއުމުގެ ފުރުސަތު ވެސް ހިމެނެ އެވެ.

ރޯދަ މަހަށް ހާއްސަކޮށް، އެސްއެމްއެސް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭ ގޮތް ވެސް ވަތަނިއްޔާ އިން ވަނީ ހަމަޖައްސާފަ އެވެ. އެގޮތުން ބާސްމަތީ ހަނޑުލުން ފިތުރުޒަކާތް ދެއްކުމަށް ހުސް އެސްއެމްއެސްއެއް ކުރަންޖެހެނީ 4787 އެކެވެ. ތައިލެންޑް ހުދު ހަނޑުލުން ފިތުރުޒަކާތް ދައްކަން ބޭނުންނަމަ އެސްއެމްއެސްކުރަން ޖެހެނީ 4788 ހުސް އެސްއެމްއެސްއެކެވެ. އަދި އާދައިގެ ހަނޑުލުން ފިތުރުޒަކާތް ދެއްކުމަށް ހުސް އެމްއެސްއެއް ފޮނުވަން ޖެހެނީ 4789 އަށެވެ. އެކުންފުނިން ވަނީ ރޯދަ މަހު ރީތީ ޓިއުންސް އިން މަދަހަ ފަދަ ދީނީ ޓިއުންތައް ވެސް ލިބޭ ގޮތް ހަދާފަ އެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މަސްރޭސް ކުއިޒެއް ވެސް ރޯދަ މަހަށް ހާއްސަކޮށް ހުޅުވާލާފައިވެ އެވެ. މިކުއިޒްގައި ބައިވެރިވުމަށް އެސްއެމްއެސް ކުރަން ޖެހެނީ ސްޓާޓް<ސްޕޭސް>އެމްއާރު ޖެހުމަށް ފަހު 4450 އަކަށެވެ. މި ކުއިޒްގެ އިނާމެއްގެ ގޮތުގައި ދިނުމަށް ނިންމާފައި ވަނީ 180،000ރ. ގެ އަގު ބޮޑު މާކާރީ ބްރޭންޑްގެ އައުޓްބޯޑް އިންޖީނެކެވެ.

ވަތަނިއްޔާ އިން ވަނީ މަސްރޭހަށް ހާއްސަކޮށް އިންސްޓަގްރާމް ފޮޓޯ މުބާރާތެއް ވެސް ހުޅުވާލާފަ އެވެ. މިބުރާތުގައި މަސް ރޭހާ ގުޅުން ހުރި ފޮޓޯއެއް ނެގުމަށް ފަހު ޓެގް ކުރަން ޖެހެނީ "ވަތަނިއްޔާ" އަދި "މަސްރޭސް" އެވެ. މިބުރާތުގައި އިނާމު ލިބޭ ފަރާތެއް ބަލާނީ އެންމެ ގިނަ ލައިކް ލިބޭ ފަރާތަކަށް ކަމަށް ވެސް ވަތަނިއްޔާ އިން ބުންޏެވެ. ލައިކް ހޯދުމަށް ފޭސްބުކް އަދި ޓުވިޓާގައި ވެސް އިންސްޓްގްރާމް ފޮޓޯޝެއާކޮށްގެން ލައިކް ހޯދިދާނެ އެވެ.

މިމުބާރާތުގައި އެއްވަނަ އިނާމުގެ ގޮތުގައި ހަމަޖައްސާފައި ވަނީ ސެމްސަންގް ގެލެކްސީ އެސް 3 ފޯނެއް ޕޯސްޕެއިޑް 600ގެ ޕެކޭޖެއް ތިން މަސް ދުވަހަށް ހިލޭ ލިބޭ ގޮތަށެވެ. އަދި ދެ ވަނަ އިނާމަކަށް ހުށަހަޅާފައި ވަނީ ބްލެކްބެރީ 9900 ބޯލްޑް ފޯނެއް ތިން މަސް ދުވަހަށް ބްލެކްބެރީ އެލީޓް ޕެކޭޖެއް ހިލޭ ލިބޭ ގޮތަށެވެ. އަދި ތިން ވަނަ އިނާމަކަށް ހުށަހަޅާފައި ވަނީ ބްލެކްބެރީ ޓަޗް ފޯނެއް ތިން މަސް ދުވަހަށް ބްލެކްބެރީ އެލީޓް ޕެކޭޖެއް ހިލޭ ލިބޭ ގޮތަށެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި