ވަތަނިއްޔާއިން ރާއްޖޭގައި މޮބައިލް ފޯނުގެ ހިދުމަތް ދެމުން ގެންދާތާ މި މަހުގެ އެއް ވަނަ ދުވަހަށް ހަތް އަހަރު ފުރިއްޖެ އެވެ.
ގަތަރު ޓެލެކޮމް (ކިއުޓެލް)ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ވަތަނިއްޔާއިން ރާއްޖޭގައި މޮބައިލް ހިދުމަތް ދޭން ފަށާފައިވަނީ އޮގަސްޓް ،1 2005ގަ އެވެ.
ވަތަނިއްޔާގެ ހަތް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ކުންފުނިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން ރާއްޖޭގައި ހިދުމަތްދޭން ފެށުމާ އެކު އިންޓަނޭޝަނަލް ކޯލްތަކުގެ އަގުތައް ވަރަށް ބޮޑުތަން ހެޔޮވެފައިވާ ކަމަށެވެ. އަދި މުއާސަލާތީ ހިދުމަތަކީ އަސާސީ ހިދުމަތަކަށްވާއިރު އެ ކުންފުނީގެ ސަބަބުން މުއާސަލާތީ ހިދުމަތްތައް އަގު ހެޔޮކޮށް ލިބުމުގެ މަގު ފަހިވެގެން ދިޔަ ކަމަށެވެ.
"ވަތަނިއްޔާގެ ހިދުމަތާއެކު، މުއާސަލާތީ ގޮތުން ކުރިއަރާފައިވާ އެތައް ހިދުމަތެއް ވަނީ ތައާރަފު ވެގެން ގޮސްފަ އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ތްރީޖީގެ ހިދުމަތާއި ބްލެކްބެރީގެ ހިދުމަތް ވެސް ތައާރަފުވީ ވަތަނިއްޔާގެ ސަބަބުންނެވެ. ފެހި ޓެކްނޮލޮޖީގެ ތެރެއިން ސިންގަލްރޭން މޮނޮޕޯލްގެ ހިދުމަތް އެންމެ ފުރަތަމަ ތައާރަފު ކުރީވެސް ވަތަނިއްޔާއިންނެވެ،" ބަޔާނުގައިވެ އެވެ.
"ޒަމާނީ ޓެކްނޮލޮޖީއަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އިތުރުން ވަކިވަކި ފަރުދުންނާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ހިންގާ ހަރަކާތްތަކަށް ވަތަނިއްޔާއިން ދަނީ ބޮޑު އެއްބާރުލުމެއް ދެމުންނެވެ،" ވަތަނިއްޔާއިން ބުންޏެވެ.
ވަތަނިއްޔާއިން ރާއްޖޭގައި ހިދުމަތް ދެމުން ގެންދާތާ ހަތް އަހަރު ފުރިފައިވާއިރު ރޯދަމަހާ ގުޅުވައިގެން އަގު ބޮޑު އެތައް ޕްރޮމޯޝަންތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި މި ޕްރޮމޯޝަންތަކުގައި އަގު ބޮޑު ގިނަ އިނާމުތަކެއް ދެމުން ގެންދާއިރު، ރާއްޖޭން ބޭރަށް ގުޅުމަށް 1.69ރ. ގެ ރޭޓެއް ވެސް އެ ކުންފުނިން ކަނޑައަޅާފައިވެ އެވެ.

4 comments