މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން

ސްޓަންޓެއް ހަދާ އިޝްތިހާރެއްގައި އިންޒާރު ހިމަނަން ފުރަތަމަ ފަހަރަށް އަންގައިފި

07 އޯގަސްޓް 2012 17:44 7 ކޮމެންޓު
  • މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން: ސްޓަންޓެއް ހަދާ އިޝްތިހާރެއްގައި އިންޒާރު ހިމަނަން ފުރަތަމަ ފަހަރަށް އެ ކޮމިޝަނުން ވަނީ އަންގާފައި. --ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް

ސްޓަންޓެއް ހަދާ މަންޒަރު ފެންނަ އިޝްތިހާރެއްގައި އިންޒާރުގެ މެސެޖު ނުހިމަނާ ދައްކަމުން ގެންދާތީ އިންޒާރުގެ މެސެޖު ހިމަނައިގެން ނޫނީ އެ އިޝްތިހާރު ނުދެއްކުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ހުރިހާ ބްރޯޑްކާސްޓަރުންނަށް އަންގައިފި އެވެ.

އިންޒާރުގެ މެސެޖާ އެކުގައި ނޫނީ ނުދެއްކުމަށް އަންގާފައި ވަނީ، ބައިސްކަލެއްގައި އިންނަ މީހަކު ކާރެއްގެ މަތިން ފުންމާލާ މަންޒަރު ފެންނަ ވަތަނިއްޔާގެ އިޝްތިހާރެކެވެ.

ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގައި އިޝްތިހާރުކުރުމުގެ މިންގަނޑުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން އިޝްތިހާރެއްގެ ތެރެއިން ދައްކާ އެކްޝަނެއް ނުވަތަ ސްޓަންޓެއް ނަކަލުކޮށްފާނެތީ އެކަން މީހުންގެ ސަމާލުކަމަށް ގެންނަން ޖެހޭނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ޖުލައި 15ގައި ބްރޯޑްކާސްޓަރުންނަށް އަންގައިފަ އެވެ.

ނަމަވެސް ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނީ އެގޮތަށް އެންގި ފަހުން ވެސް ވަތަނިއްޔާގެ އެ އިޝްތިހާރު ދައްކަނީ ސަމާލުކަމުގެ މެސެޖު ނުހިމަނާ ކަމަށާއި މީގެ ފަހުން އެ އިޝްތިހާރު ދައްކާ ނަމަ ދައްކަން ޖެހޭނީ މެސެޖާ އެކުގައި ކަމަށެވެ.

މި އިޝްތިހާރުގެ މައްސަލާގައި ވަތަނިއްޔާ އިން ބުނީ އިޝްތިހާރެއް ބްރޯޑްކާސްޓްކުރުމުގެ ކުރިން އެއަށް ބަދަލެއް ގެންނަންޖެހޭ ކަމަށް ބްރޯޑްކާސްޓަރުން ބުނެފި ނަމަ އެ ބަދަލެއް ގެންނަ ކަމަށާއި އެކަމަކު ކާރުމަތިން ބައިސްކަލްގައި ފުންމާލާ އިޝްތިހާރުގައި އިންޒާރުގެ މެސެޖު ހިމަނަން ޖެހޭނެ ކަމަށް ބްރޯޑްކާސްޓަރުން އަންގާފައި ނުވާ ކަމަށެވެ. އަދި ގަވާއިދުގައި ބުނާ ކަންކަން އިޝްތިހާރުތަކުގައި ހިމެނުމަށް ވަތަނިއްޔާގެ ޕްރޮޑަކްޝަން ޓީމަށް އަންގާފައި ވާނެ ކަމަށް ވެސް ބުންޏެވެ.

އިޝްތިހާރު ކުރުމުގެ މިންގަނޑުގައި ބުނާ ކަންކަން ފުރިހަމަވެފައިވާކަން ޔަގީންކުރުމަށް ފަހުގައި ނޫނީ އިޝްތިހާރުތައް ބްރޯޑްކާސްޓް ނުކުރުމަށް، ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ހުރިހާ ބްރޯޑްކާސްޓަރުންނަށް ފޮނުވި ސާކިއުލާގައި ވެސް ހަދާން ކޮށްދީފައިވެ އެވެ.

7 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait