ދިރާގު ދިވެހި ލީގު 2012

އޭވައިއެލް އަތުން ބަލިވެ ވެލެންސިއާ އަށް ރެލިގޭޝަންގެ ބިރު

ހަސަން ޝިފާން
12 ޖޫން 2012 20:34 3 ކޮމެންޓު
  • ވެލެންސިއާ އާއި އޭވައިއެލް ކުޅުނު މެޗެއްގެ ތެރެއިން: އޭވައިއެލް އަތުން ބަލިވެ ވެލެންސިއާ އަށް ވަނީ ރެލިގޭޝަންގެ ބިރު ބޮޑުވެފައި. --ހަވީރު ފައިލް ފޮޓޯ

ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަތުން 1- 0 އިން ބަލިވެ، ކްލަބު ވެލެންސިއާ އަށް ރެލިގޭޝަންގެ ބިރު ބޮޑުވެއްޖެ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް އޭވައިއެލް އަށް ލަނޑުޖަހައިދިނީ ވެލެންސިއާ އަށް ކުރިން ކުޅުނު ފޯވަޑް އާދަމް ލަރީފް (ރޮނާ) އެވެ.

ދެވަނަ ބުރުގައި ކުޅުނު ދެ ވަނަ މެޗުން ވެސް ބަލިވެ، ވެލެންސިއާ ތާވަލްގެ ހަތް ވަނައިގައި އޮތީ ހަތް ޕޮއިންޓާއެކު އެވެ. ތާވަލްގެ ފުލުގައި އޮތް އޭވައިއެލް ވެސް ހަތް ޕޮއިންޓާއެކު އޮތް ނަމަވެސް، ވެލެންސިއާ އެ ޓީމަށްވުރެ ކުރީގައި އޮތީ ލަނޑުގެ ތަފާތުންނެވެ.

ލީގުގެ ދެވަނަ ބުރު ނިމޭއިރު، ތާވަލްގެ ފުލުގައި އޮންނަ ދެ ޓީމަށް ރެލިގޭޝަން ކުޅެންޖެހޭނެ އެވެ. ލީގުގެ ތިން ވަނަ ބުރަށް ކޮލިފައިވާނީ ގަދަ ހަ ޓީމެވެ.

"ދަށުގެ އޮންނަ ޓީމު އަތުން އަނެއްކާ ވެސް ބަލިވެގެން މިދިޔައީ. އަނެއްކާ ވެސް ވަރަށް މުހިންމު ތިން ޕޮއިންޓް މި ގެއްލުނީ،" މެޗަށް ފަހު ވެލެންސިއާގެ ކޯޗު މުހައްމަދު އިގްބާލް ބުންޏެވެ. "މިހާރު މި އޮތީ ވެލެންސިއާ އަށް ވަރަށް އުނދަގޫ ދުވަސްވަރަކާ ދިމާވެފައި ކޮންމެ ގޮތެއް ވިޔަސް. އެބަޖެހޭ ރެލިގޭޝަނަށް ވެސް އެބަޖެހޭ ވިސްނަން. ކުރިއަށް އޮތް މެޗުތަކަށް ވެސް އެބަޖެހޭ ވިސްނަން. ކޮންމެ ގޮތެއްވިޔަސް މި އަންނަނީ އެއް މަސް ދުވަހުގެ ބްރޭކެއް. ޓްރާންސްފާ ޕީރިއަޑްގައި އިތުރު ގޮތްގޮތް ހަދައިގެން ގަދަ ހަޔަކަށް އަރަން މަސައްކަތްކުރަންޖެހޭނީ."

އޭވައިއެލްގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ މެޗުން އެ ޓީމަށް ލިބުނީ ވަރަށް މުހިންމު ތިން ޕޮއިންޓް ކަމަށާއި މި މެޗުން މޮޅުވުމުން ރެލިގޭޝަނުން ސަލާމަތްވުމުގެ އުންމީދު އާވެއްޖެ ކަމަށެވެ.

"މި ތިން ޕޮއިންޓް ގެއްލުނުނަމަ ގާތްގަނޑަކަށް ރެލިގޭޝަނުގައޭ ބުނަންޖެހޭނީ. ވަރަށް ހަނިވާނެ ރެލިގޭޝަނުން ސަލާމަތްވުމުގެ ފުރުސަތު މިއަދު ބަލިވިނަމަ. ތިން ޕޮއިންޓަކީ ހަމަ ރެލިގޭޝަނުން ސަލާމަތްވެ، ތިން ވަނަ ބުރު ކުޅެން ލިބޭ ވަރަށް ބޮޑު އަލިކަމެއްހެން ހީވަނީ،" އާތީ ބުންޏެވެ.

އާތީ ބުނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި މަހުގެ ނިޔަލަށް ހުޅުވޭ ޓްރާންސްފާ ޕީރިއަޑްގައި އޭވައިއެލް އަށް ރަނގަޅު ބިދޭސީ ތިން ކުޅުންތެރިން ގުޅޭނެ ކަމަށާއި ޓީމު ވަރުގަދަވެ، ރެލިގޭޝަނުން ސަލާމަތްވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

މިއަދު މެޗަށް ފަހު ލީގުގެ ކުޅުން ވަނީ މެދުކަނޑާލައިފަ އެވެ. ލީގުގެ ދެވަނަ ބުރުގެ ކުޅުން އަލުން ފަށާނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ.

3 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait