ދިރާގު ދިވެހި ލީގު 2012

ފަހަތުން އަރާ ވެލެންސިއާ އަތުން ވީބީ މޮޅުވެއްޖެ

މުހައްމަދު ހަމްދޫން
ހަވީރު ނިއުސް ސާވިސް، 11 ޖުލައި 2012 19:37 3 ކޮމެންޓު
  • ވީބީގެ އަބޫ (ކ) ގޯލަށް ބޯޅަ ފޮނުވާލާއިރު ވެލެންސިއާގެ އިމްރާން ހުރަސް އަޅަނީ. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

ދިރާގު ދިވެހި ލީގުގައި މިއަދު ކުޅުނު މެޗުގައި އެކަކު މަދުކޮށް ކުޅެ ވެލެންސިއާ އަތުން ފަހަތުން އަރައި ވީބީ އައްޑޫ އެފްސީ  6- 5 އިން މޮޅުވެއްޖެ އެވެ.

ވީބީން ލަނޑެއް ޖަހާފައިވަނިކޮށް ވެލެންސިއާ އިން ފަހަތުން އަރައި  ދެ ލަނޑު ޖަހައި ލީޑު ނަގާފައިވަނިކޮށް ވީބީން އަލުން ކުރި ހޯދީ އެ ޓީމުގެ ފައިރޫޒް އާދަމަށް ރަތް ކާޑު ދައްކާފައިވަނިކޮށެވެ. މެޗުގެ  75 ވަނަ މިނެޓުގައި ވެލެންސިއާގެ އަބްދުއްރަޝީދު މާހިރު (އަބޫ) އަށް ވެސް ރަތްކާޑެއް ދެއްކި އެވެ. މެޗުގައި ވީބީގެ ޝަމްވީލް ގާސިމް (ބޮންޑާ) އާއި އަބޫ ޑެސްމޮންޑް މަންސާރޭ ތިން ލަނޑު ޖަހައި ހެޓްރިކް ހެދި އެވެ.

މި މޮޅާއެކު ވީބީ ވަނީ  15 ޕޮއިންޓް ހަމަކޮށް ތާވަލުގެ ތިން ވަނަ އަށް އަރައިފަ އެވެ. ވެލެންސިއާ އޮތީ ހަތް ޕޮއިންޓާއެކު ހަތް ވަނައިގަ އެވެ.

ވީބީން ލީޑު ނެގީ ތިން ވަނަ މިނެޓުގައި ބޮންޑާ ޖެހި ގޯލުންނެވެ. އޭގެ ހަތަރު މިނެޓު ފަހުން ވެލެންސިއާގެ އަހުމަދު ވިޝާމް (ޖެރާޑް) ވަނީ ހިލޭ ޖެހުމަކުން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ވިޝާމްގެ ހިލޭ ޖެހުން ގޯލުގެ މަތީ ކަނަށް އަމާޒުވިއިރު އޭގެ ކުރިން އޭނާ ފޮނުވާލި ހިތްގައިމު ބޯޅައެއް އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ވެލެންސިއާ އަށް  16 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ވެސް ވިޝާމެވެ. މި ގޯލް އޭނާ ޖެހީ ވެލެންސިއާ އަށް ލިބުނު ޕެނަލްޓީއެއްގައި މުހައްމަދު އިރުފާން ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު، އިބްރާހިމް ހަމްދާން ދިން ބޯޅައަކުންނެވެ. މި ޕެނަލްޓީ ދިނީ ޓްރާންސްފާގައި ވީބީން ވެލެންސިއާއާ ގުޅުނު ޗާލްސް ރައިޓް ގަޔޭ އަށް، ފަހު ޑިފެންޑަރުގެ ގޮތުގައި ހުރެ ވީބީގެ ފައިރޫޒް ހުރަސް އަޅައި ވައްޓާލުމުންނެވެ. ފައިރޫޒަށް ރެފްރީ އަހުމަދު ޝިފާން ރަތްކާޑު ދެއްކީ މި ފައުލަށް ފަހު އެވެ.

އެކަކު މަދުވެ އަދި އެއް ލަނޑު ފަހަތުގައި އޮތުމުން ވީބީން ކުރަން ޖެހޭ މަސައްކަތް ދެގުނަވި ނަމަވެސް އެޓީމުން ވަނީ މާބޮޑު އުނދަގުލެއް ނެތި  26 ވަނަ މިނެޓުގައި އަބޫގެ ގޯލަކުން އަދި  29 ވަނަ މިނެޓުގައި ބޮންޑާގެ ގޯލަކުން އަލުން ލީޑު ނަގައިފަ އެވެ. އަދި  31 ވަނަ މިނެޓުގައި އަބޫ އިތުރު ގޯލެއް ޖަހައި ނަތީޖާ  4- 2 އަށް ބަދަލުކުރި އެވެ. ހާފު ނިމުމުގެ ކުރިން ވެލެންސިއާ އަށް އުއްމީދެއް ގެނެސްދިނީ  38 ވަނަ މިނެޓުގައި ހަމްދާނެވެ.

ދެ ވަނަ ހާފު ފަށައިގެން  51 ވަނަ މިނެޓުގައި އަބޫ ވަނީ އޭނާގެ ތިން ވަނަ ލަނޑު ޖަހައި ނަތީޖާ  5- 3 އަށް ބަދަލުކޮށްފަ އެވެ. ވެލެންސިއާގެ ހަތަރު ވަނަ ލަނޑު  64 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަބްދުލްވާހިދެވެ.

މެޗުގެ ތިން ޕޮއިންޓް ވީބީން ކަށަވަރުކުރީ  75 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ބޮންޑާ ކާމިޔާބުކުރި ލަނޑާ އެކު އެވެ. މި ފައުލާ ގުޅިގެން ވެލެންސިއާގެ އަބޫ އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ.

ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް ވެލެންސިއާގެ ޗާލްސް ބޮލުން ގޯލެއް ޖަހައި ނަތީޖާ  6- 5 އަށް ބަދަލުކުރި އެވެ. އަރިމަތިން ހުރަސްކުރި ބޯޅަ ޗާލްސް ބޮލުން ފޮނުވާލިވިއިރު ވީބީގެ ތަޖުރިބާކާރު ގޯލްކީޕަރު ހުސެއިން ހަބީބަށް ހުރެވުނީ ހަރަކާތެއް ނެތި އެވެ. އިތުރު ވަގުތުގައި ވެލެންސިއާ އިން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރަން މުޅި ޓީމު ކުރިއަށް ޖެހުނު ނަމަވެސް މެޗު ނިމުނީ ނަތީޖާއަށް ބަދަލެއް ނައިހެވެ.
 
ވީބީގެ ކޯޗު ޖޭން ވަންލީ މެޗަށް ފަހު ބުނީ ނަތީޖާއާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށާއި މިއީ އނުދަގޫ މޮޅެއް ކަމަށެވެ.

"ހަގީގަތުގައި ދިހަ މީހުންނާއެކު ވެލެންސިއާ ފަދަ ޓީމަކާ ދެކޮޅަށް ކުޅެން ވަރަށް އުނދަގޫވި. މިއީ ދެ ޓީމަށް ވެސް ހުޅުވިފައި އޮތް މެޗެއް. އެކަމަކު އުނދަގުލާއެކު ވެސް އަހަރެމެން މެޗު ކާމިޔާބުކުރީ،" ވަންލީ ބުންޏެވެ.

އޭނާ ބުނީ އެ ޓީމުގެ ކީޕަރު ޓްރެއިނަރު ހަބީބު ގޯލަށް އަރަން ޖެހުނީ އަބްދުﷲ ޒިޔަޒަން ބަލިވެ އުޅޭތީ ކަމަށެވެ. އަދި ހަބީބަކީ ތަޖުރިބާކާރު ކީޕަރެއް ނަމަވެސް އޭނާގެ ފިޓްނަސް މައްސަލަ ފެނުނު ކަމަށެވެ.
 
ވެލެންސިއާގެ އެސިސްޓެންޓް ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ ބްރޭކަށް ފަހު ޓީމު ނުކުމެ ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި މިއީ މޮޅުވެވޭނެ މެޗެއް ކަމަށެވެ.

"ބްރޭކަކަށް ފަހު ނުކުމެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ. އެކަމަކު ލިބުނު ފުރުސަތުތަކަށް ބަލާއިރު މިއީ މޮޅުވެވޭނެ މެޗެއް. ނަސީބު ވެސް ދެރަކޮށް ދިޔައީ،" އެ ޓީމުގެ ކޯޗު އަހުމަދު އިގްބާލް ނެތުމުން މިއަދުގެ މެޗުގައި ޓީމަށް އިރުޝާދުދިން ނާދު ބުންޏެވެ.

އޭނާ ބުނީ މިއީ މެޗުގައި އެ ޓީމުގެ ގޯލް ބެލެހެއްޓި މުހައްމަދު ސަރުހަން ބޮޑު މެޗަކަށް ނުކުތް ފުރަތަމަ ފަހަރު ކަމަށާއި ޖުމްލަކޮށް އޭނާގެ ޕާފޮމަންސާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށެވެ. އެކަމަކު ޑިފެންސް ލައިނުގައި ރަނގަޅު ކުރަން ޖެހޭ ކުދިކުދި މައްސަލަތައް ހުރި ކަމަށް ބުންޏެވެ. އޭނާ ބުނީ އެއް ވަނަ ކީޕަރު އިބްރާހިމް އިފްރާހް އަރީފްގެ ބޭނުން ނުހިފުނީ އޭނާ ޕްރެކްޓިހަށް ނާންނާތީ ކަމަށެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

  • 0%
    ދެރަވި
  • 0%
    އުފާވި
  • 0%
    ރުޅިއައި
  • 0%
    މައުލޫމާތު މުއްސަނދިވި

3 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait