ދިރާގު ދިވެހި ލީގު 2012

ވެލެންސިއާ އަތުން ފަސޭހަކަމާ އެކު މޮޅުވެ ނިއު ތަފާތު ބޮޑުކޮށްފި

މުހައްމަދު ހަމްދޫން
ހަވީރު ނިއުސް ސާވިސް، 15 ޖުލައި 2012 19:25 4 ކޮމެންޓު
  • ނިއުގެ ޓޮމް (މ) އާއި ދަގަނޑޭ (ކ) އަދި ކަރަމަނޯފް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ: ތިން ކުޅުންތެރިން ވެސް މިއަދުގެ މެޗުގައި ލަނޑު ޖެހި. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

ދިރާގު ދިވެހި ލީގުގެ ދެ ވަނަ ބުރުގައި މިއަދު ހަވީރު ވެލެންސިއާ އަތުން 5- 1 އިން ނިއު ރޭޑިއަންޓް މޮޅުވެއްޖެ އެވެ.

އަލީ އަޝްފާގް (ދަގަނޑޭ) އާއި އަހުމަދު ތޯރިގް (ޓޮމް)، ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖެހި މެޗާ އެކު ނިއު ވަނީ ތާވަލުގެ ކުރީގައި ތަފާތު ބޮޑުކޮށްފަ އެވެ. އެ ޓީމު 27 ޕޮއިންޓާއެކު އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި، އެއް މެޗު މަދުން ކުޅެފައިވާ ވިކްޓަރީ އޮތީ 18 ޕޮއިންޓާ އެކު އެވެ. ވެލެންސިއާ އޮތީ ހަތް ޕޮއިންޓާ އެކު ފުލުގަ އެވެ. މި މެޗުން ބަލިވުމުން ވެލެންސިއާ އަށް ވަނީ ގަދަ ހަޔަކަށް އެރުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

މިއަދުގެ މެޗުގައި ނިއު އަށް ލީޑު ލިބުނީ 18 ވަނަ މިނެޓުގައި ބަލްގޭރިއާ މިޑްފީލްޑަރު އީވާން ކަރަމަނޯފުގެ ގޯލުންނެވެ. އަލީ އުމަރު ނަގައިދިން ހުރަސް ކަރަމަނޯފް ވައްދާލީ ބޮލުން ޖަހައި ގޯލުގެ މަތީ ކަނަށެވެ. އޭގެ ހަތަރު މިނެޓު ފަހުން ނިއުގެ ލީޑު ފުޅާވީ ދަގަނޑޭ ޖެހި ލަނޑުންނެވެ. މިއީ ޓޮމް ތަނަވަސްކޮށްދިން ފުރުސަތަކުން އޭރިއާ ތެރޭ ހުރެ އެއް ފަހަރުން ޖަހައި އޭނާ ވައްދާލި ލަނޑެކެވެ.

ވެލެންސިއާ އަށް 28 ވަނަ މިނެޓުގައި ލަނޑެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ނިއުގެ ކުރީގެ ކުޅުންތެރިޔާ ޗާލްސް ރައިޓް ގަޔޭ އަށް އޭރިއާ ތެރެއިން ލިބުނު ބޯޅަ ފޮނުވާލުމުން ގޯލާ އަމާޒުވި ނަމަވެސް ހުރަހަކަށްވީ ނިއުގެ ގޯލްކީޕަރު އިމްރާން މުހައްމަދެވެ.

ނިއުގެ ތިން ވަނަ ލަނޑު ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޓޮމް އެވެ. އަރިމަތިން އެއްލި ބޯޅަ ޓޮމް ވައްދާލީ ބޮލުން ޖަހަ އެވެ.

ވެލެންސިއާގެ ހަމައެކަނި ލަނޑު 67 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު ވިޝާމް (ޖެރާޑް) ނެގި ހުރަހަކުން ޗާލްސް އެވެ.

ނިއުގެ ހަތަރު ވަނަ ލަނޑު އަދި ޓޮމްގެ ދެ ވަނަ ލަނޑު އޭނާ 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކަރަމަނޯފް ނަގައިދިން ހުރަހަކުންނެވެ. އެ ޓީމުގެ ފަސް ވަނަ ލަނޑު 83 ވަނަ މިނެޓުގައި ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ދަގަނޑޭ އެވެ.

ނިއުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މިއީ ފަސޭހަ މޮޅެއް ކަމަށާއި ޓީމުގެ ކުޅުން ވެސް ރަނގަޅު ކަމަށެވެ.

"ތިން ޕޮއިންޓް ލިބުމުން ވަރަށް ހިތްހަމަޖެހިއްޖެ،" މޯހަން ބުންޏެވެ. "ފަސޭހަ މޮޅެއް މިއީ. މެޗުގެ ބައެއް ވަގުތު ފަސޭހަކޮށްލެވުނަސް ޖުމްލަކޮށް ބަލާއިރު ކުޅުން ވެސް ވަރަށް ރަނގަޅު."

އޭނާ ބުނީ މިއަދުގެ މެޗުގެ މެދުތެރެ ބެލެހެއްޓި ކަރަމަނޯފް އާއި މުހައްމަދު ހުސެއިން (އޮއިއްޓޭ) ގެ ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

"ބަލްގޭރިއާ ކުޅުންތެރިޔާ ވެސް އަންނަނީ ހަމަޔަކަށް އެޅެމުން. އޭނާގެ ހުނަރު އެބަހުރި. ތަޖުރިބާކާރު ކުޅުންތެރިއެއް އޭނާ އަކީ. އޭގެ ފައިދާ ފެނޭ. އޮއިއްޓޭ ވެސް ވަރަށް ގިނަ ދުވަސްތަކަށް ފަހު ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނީ. ފުރަތަމަ ކޮޅު އުނދަގޫވި ނަމަވެސް ފަހުން ވަރަށް ރަނގަޅު،" މޯހަން ބުންޏެވެ.

އޭނާ ބުނީ އަނިޔާގެ ސަބަބުން މިއަދު ނުކުޅޭ ކިންގްސްލީ އަށް ކުޅެން ނުކުމެވޭނެ ކަމަށް ލަފާކުރެވެނީ ދެ ހަފުތާ ފަހުން ކަމަށާއި ސީދާ ދުވަހެއް ބުނަން އަދި ނޭނގޭ ކަމަށެވެ.

ވެލެންސިއާގެ އެސިސްޓެންޓް ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ ގިނަ ލަނޑުތަކެއް ވަނަސް ކުޅުންތެރިންގެ މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

"ނަތީޖާ ވަރަށް ދަށްކޮށް ދިޔައީ. އެކަމަކު ކުޅުންތެރިން ވަރަށް ހިތްވަރު ކުރި. އެ ކުޅުންތެރިންގެ މަސައްކަތާ މެދު ހިތްހަމަޖެހޭ،" ނާދު ބުންޏެވެ.

އެންމެ ފަހުން ކުޅުނު ދެ މެޗުގައި 11 ލަނޑު ބައިކޮޅަށް ވަދެފައިވާއިރު ނާދު ބުނީ ކުރިއަށް އޮތްތަނަށް ޑިފެންސް ރަނގަޅުކުރަން ހާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

4 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait