ދިރާގު ދިވެހި ލީގު 2012

ނިއު އާއި ވިކްޓަރީ ލަނޑެއް ނުޖެހި އެއްވަރުވެއްޖެ

މުހައްމަދު ހަމްދޫން
05 ޖޫން 2012 20:32 13 ކޮމެންޓު
 • ނިއުގެ ދަގަނޑޭ (މ) އަތުން ބޯޅަ ހޯދުމަށް ވިކްޓަރީގެ ކުޑައްޓޭ (ކ) އާއި ކުޑަމައްލާ މަސައްކަތްކުރަނީ. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

 • ނިއުގެ މިދުހަތު (ކ) އާއި ވިކްޓަރީގެ ކަކާ ބޯޅައަށް މަސައްކަތްކުރަނީ. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ވާދަވެރި ނިއު ރޭޑިއަންޓާއި ވިކްޓަރީގެ މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

މި ދެ ޓީމު ފުރަތަމަ ބުރުގައި ކުޅެ 5- 1 އިން ނިއު މޮޅުވި ފޯރިގަދަ މެޗާ ހިލާފަށް މި މެޗުގައި މާބޮޑު ފޯރިއެއް ނެތެވެ. މުޅި މެޗުގައި ވެސް ނިއު އަށް ވުރެ މޮޅަށް ވިކްޓަރީން ކުޅުނު އިރު އެ ޓީމުން ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.

މި މޮޅާ އެކު ނިއު ވަނީ ލީގުގެ އެއް ވަނަ މަގާމު ދިފާއުކޮށްފަ އެވެ. އެ ޓީމަށް 18 ޕޮއިންޓް ލިބިފައިވާއިރު ވިކްޓަރީ ދެ ވަނައިގައި އޮތީ 17 ޕޮއިންޓާ އެކު އެވެ.

ވިކްޓަރީން މިއަދު ކުޅުނީ މިދިޔަ ހުކުރު ދުވަހު އަވަހާރަވި އެ ކްލަބުގެ ބާނީ މައިނާ އިބްރާހިމް ރަޝީދުގެ ހަނދާނުގައި ކަޅު ޖާޒީ ލައިގެންނެވެ. އަދި މެޗު ފެށުމުގެ ކުރިން ސުކޫތެއް ގެނަ އެވެ.

ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ އޭނާގެ ޓީމު މިއަދު "ފިސާރި ކުޅެލައިފި" ކަމަށާއި ނަމަވެސް މިއަދު ހިތްހަމަޖެހުން އޮތީ އެއް ހާފުގައި "ބަނޑަހަގެ ޖަހައިގެން" ތިބެ މެޗު ނިންމާލި ނިއު އަށް ކަމަށެވެ.

"ހިތްހަމަނުޖެހޭ ފުރުސަތު ލިބި ނުޖެހި ދިޔައީމާ. ކޮންމެ ދުވަހަކު ފުޓްބޯޅަ އަށް ވާގޮތޭ ކިޔާފައި ނިންމާލެވޭކަށް ނެތް. އެކަމަކު މިއީ ފުޓްބޯޅައިގެ ރީތިކަން. އެއީ ނިއު ރޭޑިއަންޓުން ގާތްގަނޑަކަށް އެއް ހާފުގައި ބަނޑަހަގެ ޖަހައިގެން ތިބެލައިގެން މެޗު ނިންމާލީ އެއް ޕޮއިންޓާ އެކު. އެ މީހުންނަށް ރަނގަޅު އެއްޗެއް. އެކަމަކު ވިކްޓަރީން ފިސާރި ކުޅެލައިފި،" ނަޒީހު ބުންޏެވެ.

އޭނާ ބުނީ ވިކްޓަރީގެ ރަނގަޅު ސްޓްރައިކަރެއް ނެތުމުގެ މައްސަލަ ދިމާވާ ކަމަށާއި އަނިޔާގެ ސަބަބުން މިއަދު ނުކުޅޭ ފޯވާޑް ހުސެއިން ޝިމާޒް (ކޮކީ) ގެ ސްޓްރައިކް ރޭޓާ މެދު ވެސް ހިތްހަމަނުޖެހޭ ކަމަށެވެ. އަދި މި މަހު ހުޅުވޭ ޓްރާންސްފާ ބާޒާރުގައި ފޯވާޑެއް ގެންނަން މަސައްކަތްކުރާ ކަމަށް ވެސް ބުންޏެވެ.

އޭނާ ބުނީ މުހައްމަދު ރަޝީދު (ހޮކޭ) އަރިމަތިން ކުރިއަށް ލައިގެން އަދި އަކްރަމް އަބްދުލް ގަނީ ފަހަތުން އަރި މައްޗަށް ލައިގެން ކުޅުނު ފޯމޭޝަން ރަނގަޅު ކަމަށް ދެކޭ ކަމަށެވެ.

"މުހައްމަދު (ހޮކޭ) ވެސް 50 ޕަސެންޓް އެޓޭކް ކޮށްފައި 50 ޕަސެންޓް ޑިފެންސުގައި ބައިވެރިވި. އަކޫ ވެސް 30- 40 ޕަސެންޓް އެޓޭކް ކުރި. ރިލޭ (ރިލުވާން ވަހީދު) ވެސް އައުޓްސްޓޭޑިން. ބައެއް ބޯޅަތައް ދިޔަ ހުރަސްކުރަން ޖެހޭ އެއްޗެހި ނުނެގި. އެހެން ވެދާނެ މެޗެއްގައި. މިހާރު މިއޮތީ ސެޓްލްވެފައި. ވަރަށް ބޮޑަށް ގޯހެއް ވެގެން ނޫނީ ބަދަލެއް ނާންނާނެ،" ނަޒީހު ބުންޏެވެ.

ނިއުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ޓީމުގެ ފަރާތުން ފެނިގެން ދިޔައީ ދަށް ކުޅުމެއް ކަމަށާއި ޕޮއިންޓެއް ލިބުނީތީ ހިތްހަމަޖެހޭ ކަމަށެވެ.

"ހިތްހަމަޖެހޭ އެއް ޕޮއިންޓް ލިބުނީތީ ވެސް. ދަށް ކުޅުމެއް މިއަދު ފެނުނީ. އެއްގޮތަކަށް ވެސް ނުކުޅެވުނު،" މޯހަން ބުންޏެވެ.

އޭނާ ބުނީ ކާޑު ހަމަވުމުގެ ސަބަބުން ނުކުޅޭ އަލީ އުމަރު ނެތްތައް ދެއްކި ކަމަށާއި އަދި އަނިޔާގެ ސަބަބުން ފުރަތަމަ ހާފަށް ފަހު ބަދަލު ކުރި އިބްރާހިމް ފަޒީލް (އޮއްޕޮ) ނެތުމާ އެކު، މެދުތެރެއިން އެއްގޮތަކަށް ވެސް ނުކުޅެވުނު ކަމަށެވެ.

"ލިބޭ ބޯޅަތައް ބޭނުންކުރާނެ އެޓޭކިން މިޑްފީލްޑަރެއްގެ މައްސަލަ ބޮޑު. އަލީ އުމަރު މިދިޔަ މެޗުތަކުގައި އެ ތަނަށް ވަރަށް ރަނގަޅަށް ކުޅެފައި އޭނާ މިއަދު ނެތުމުން އެތަން ދެއްކި. އޮއްޕޮ ވެސް ނެތުމާއެކު. ހަގީގަތުގައި ބެންޗުގައި އެކްސްޕީރިއަންސް ކުޅުންތެރިއެއް ނެތްތަން މިއަދު ވަރަށް ބޮޑަށް ދެއްކި. އެއީ އާ ކުޅުންތެރިންގެ ހުނަރު ހުއްޓަސް ވިކްޓަރީ އާއި ނިއު ރޭޑިއަންޓް ކަހަލަ ބޮޑު މެޗެއްގައި ކުޅެން އުނދަގޫވާނެ" މޯހަން ބުންޏެވެ.

އޭނާ ބުނީ މިއަދު ނިއު ސަލާމަތްކޮށްދިނުމުގައި ގޯލްކީޕަރު އިމްރާން މުހައްމަދާއި ނައިޖީރިއާ ޑިފެންޑަރު ކުދޫސްގެ ހިއްސާ ބޮޑު ކަމަށާއި މޮޅު ކީޕަރެއް ހުރުމުގެ ފައިދާ މިއަދު އިމްރާން ދައްކުވައިދީފި ކަމަށެވެ.

ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ރަނގަޅު ހަމަލާތަކެއް ނުއުފެއްދޭއިރު އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ނުވަ ވަނަ މިނެޓުގައި ވިކްޓަރީއަށެވެ. ގޯލް ލައިނާ ކައިރިން ކެމަރޫން ފޯވާޑް ހަންސްލީ އަވީލޯ ފޮނުވާލި ބޯޅަ ލައިން މަތިން ކަހަލަ ގޮތަކަށް އިމްރާން ސަލާމަތްކުރި އެވެ.

ދެ ވަނަ ހާފުގައި، 53 ވަނަ މިނެޓުގައި އުމެއިރު އަދި އޭގެ އެއް މިނެޓު ފަހުން އަވީލޯ ނިއުގެ ގޯލަށް ބާރު ދެ ހަމަލާ ފޮނުވާލި އެވެ. ނަމަވެސް ދެ ބޯޅަ ވެސް ގޯލާ އަމާޒެއް ނުވެ އެވެ.

މުޅި މެޗުގައި ވެސް ނިއު އަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ 65 ވަނަ މިނެޓުގަ އެވެ. އަހުމަދު ނިޔާޒް ނެގި ހުރަސް އޭރިއާ ތެރޭ ހުރި ކެޕްޓަން އަހުމަދު ތޯރިގް (ޓޮމް) ޖަހާނެ ގޮތަކަށް ޖަހަން ލިބުނު ނަމަވެސް އޭނާ ހޫރަލި ފައިގައި ބޯޅަ ލައްވައެއް ނުލި އެވެ.

އޭގެ ފަސް މިނެޓު ފަހުން ވިކްޓަރީގެ ނައީޖިރިއާ މިޑްފީލްޑަރު ކަކާ ފޮނުވާލި ބާރު ބޯޅައެއް އިމްރާން ދިފާއުކުރި އެވެ. އޭގެ ތިން މިނެޓު ފަހުން ގޯލެއް ޖެހުމާ ވަރަށް ގާތަށް ވިކްޓަރީން ދިޔަ އެވެ. ނަމަވެސް މުޅި މެޗުގައި މޮޅަށް ކުޅުނު މުހައްމަދު އުމެއިރުގެ ބާރު ޝޮޓް އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ނިއުގެ ނިޔާ އަށް 76 ވަނަ މިނެޓުގައި ލަނޑުޖަހާނެ ފުރުސަތު ލިބުނެވެ. ދަގަނޑޭ ހުރަސްކުރި ބޯޅަ ވިކްޓަރީގެ ގޯލްކީޕަރު ތުރުކީގެ ލެވެންޓް ވަންލީ އަށް ނުހިފުމުން ވެއްޓުނީ ނިޔާގެ ފައިބުޑަށެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް މަތިންނެވެ. މެޗު ނިމެން ހަތަރު މިނެޓް ހުއްޓާ އުމެއިރަށް އަނެއްކާ ވެސް ފުރުސަތު ލިބުނެވެ. ނަމަވެސް އޭރިއާ ތެރެއިން ލިބުނު ބޯޅަ އޭނާ އަށް ގޯލާ އަމާޒެއް ނުކުރެވުނެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

13 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait