ދިރާގު ދިވެހި ލީގު 2012

ލަނޑެއް ނުޖެހި މާޒިޔާ އާއި އީގަލްސް އެއްވަރުވެއްޖެ

ހަސަން ޝިފާން
06 ޖޫން 2012 19:56 1 ކޮމެންޓު
  • ދިރާގު ދިވެހި ލީގުގައި މާޒިޔާ އާއި އީގަލްސް މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި މާޒިޔާގެ ހަމަލާއެއް އީގަލްސްގެ ކީޕަރު ދިފާއުކުރަނީ: މި މެޗު ނިމުނީ ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެގެން.--ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

ދިރާގު ދިވެހި ލީގުގައި މިއަދު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ކްލަބް އީގަލްސް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

ލީގުގެ ދެވަނަ ބުރުގައި ދެ ޓީމު ވެސް ކުޅުނު ފުރަތަމަ މެޗު އެއްވަރުވެ، ތާވަލްގެ ތިން ވަނައިގައި އޮތް އީގަލްސް އަށް ވަނީ މިހާރު 12 ޕޮއިންޓް ލިބިފަ އެވެ. އީގަލްސްގެ ފަހަތުން ހަތަރު ވަނައިގައި މާޒިޔާ އޮތީ 11 ޕޮއިންޓާއެކު އެވެ.

މެޗުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް މާޒިޔާ އަށް ވަނީ ލިބިފަ އެވެ. އެންމެ ފާހަގަކޮށްލެވެނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން އެރި މާޒިޔާގެ އިސްމާއިލް އީސާ އަށް މެޗުގެ 71 ވަނަ މިނިޓުގައި ލިބުނު ފުރުސަތެވެ. އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އީސަ ފޮނުވާލި ބޯޅަ އީގަލްސްގެ ގޯލްކީޕަރު މުހައްމަދު ޔަމާން ވަނީ ދިފާއުކޮށްފަ އެވެ.

އީގަލްސް އަށް މެޗުގައި ލިބުނު ފުރުސަތުތަކުގެ ތެރެއިން އެންމެ ރަނގަޅު ފުރުސަތެއް ބޭކާރުކޮށްލީ ޒުވާން ފޯވަޑް އަހުމަދު އިމާޒް (އާއްކޮ) އެވެ. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރެއިން 22 އަހަރުން ދަށުގެ ގައުމީ ޓީމުގެ ފޯވަޑް އިމާޒް ފޮނުވާލި ބޯޅަ މާޒިޔާގެ ގޯލްކީޕަރު މުހައްމަދު އިމްރާން ވަނީ ދިފާއުކޮށްފަ އެވެ.

މެޗަށް ފަހު ވާހަކަދައްކަމުން މާޒިޔާގެ ކޯޗު އިސްމާއިލް މަހެފޫޒް (އިންމަ) ބުނީ މެޗުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހޭ ކަމަށެވެ.

"މެޗުން މޮޅުވާން ނިކުތް ނަމަވެސް ފައިބަން މި ޖެހުނީ ޑްރޯއަކާ އެކު. އަހަރެމެންނަށް ފުރަތަމަ ބުރުގައި އީގަލްސް އަތުން މޮޅުވެވުނު. އެހެންވީމަ މި ނަތީޖާއާ މެދު ހިތްހަމައެއް ނުޖެހެއޭ ދެންނެވޭނީ،" އިންމަ ބުންޏެވެ.

އިންމަ ބުނީ މާޒިޔާ އަށް ލިބޭ ޗާންސްތަކުގެ ބޭނުން ނުހިފެނީ ކުޅުންތެރިންގެ ކޮންސެންޓްރޭޝަން ދަށްވާތީ ކަމަށާއި އެކަމަށް ހައްލެއް ހޯދަން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ޒުވާން ފޯވަޑް އަސަދުﷲ އަބްދުﷲ އަށް މިއަދުގެ މެޗުން ފުރުސަތު ނުދިނީ ފަހަކަށް އައިސް އޭނާގެ ކުޅުން ދަށްވުމުން ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑު ބުނާނީ ކުޅުންތެރިންގެ ކޮންސެންޓްރޭޝަން ދަށްވީމައޭ ފުރުސަތުތަކުގެ ބޭނުން ނުހިފެނީ. އެކަން އެބަޖެހޭ ރަނގަޅުކުރަން. މިހާރު ބައެއް ފަހަރު ނިންމާނުލެވި، ދޭން ޖެހޭ ރަނގަޅު ޕާސްތައް ނުދެވިގެން ދަނީ،" އިންމަ ބުންޏެވެ. "އަޅުގަނޑަށް އެނގިފައިވާ ގޮތުންނަމަ މިއަދު ]ރާއްޖެ އަންނާނެ ކަމަށް ބެލެވޭ[ ބިދޭސީ ދެ ކުޅުންތެރިން ( ދެ ފޯވަޑުން) މިހާރު މާލެގައި ތިބޭނީ."

މެޗަށް ފަހު ވާހަކަދައްކަމުން އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ މެޗުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ ކަމަށެވެ.

"ޕޮއިންޓެއް ލިބުނީމަ ހިތްހަމަޖައްސައިގެން މި ހުރީ. އެއީ ހުސްއަތާ ނިންމާލަން ނުޖެހުނީމަ. މާޒިޔާ އަކީ އަހަރެމެންނަށް ކުރިމަތިވާނެ އެންމެ އުނދަގޫ މެޗު. އެއީ ދެ ޓީމަކީ ވެސް ގަދަ ހަތަރަކަށް ވާދަކުރާ ޓީމަކަށް ވީމަ އެ ކުރިމަތިވާ ޕްރެޝަރު ބޮޑުވޭ،" ސާންތީ ބުންޏެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ވެލެންސިއާ އާއި ވިޔަންސާ އެވެ. އަދި މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ވީބީ އައްޑޫ އެފްސީ އާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އެވެ.

1 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait