ދިރާގު ދިވެހި ލީގު 2012

ވެލެންސިއާ އަތުން ވިޔަންސާ މުހިންމު މޮޅެއް ހޯދައިފި

ހަސަން ޝިފާން
07 ޖޫން 2012 22:55 1 ކޮމެންޓު
  • ވެލެންސިއާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ވިޔަންސާގެ ކުޅުންތެރިން އުފާފާޅުކުރަނީ: މި މެޗުން ވިޔަންސާ މޮޅުވީ 1- 0 އިން. -- ހަވީރު ފޮޓޯ / މުހައްމަދު ވަހީދު

  • ވިޔަންސާގެ ގޯލްކީޕަރު އެލެކްޒަންޑާ )ކ( ބޯޅަ ހިފާއިރު ވެލެންސިއާގެ ކުއިންސީ ބޯޅަ ހޯދަން މަސައްކަތްކުރަނީ: މި މެޗުން ވިޔަންސާ މޮޅުވީ 1- 0 އިން. -- ހަވީރު ފޮޓޯ / މުހައްމަދު ވަހީދު

  • ވެލެންސިއާގެ ކުޅުންތެރިއެއް )ކ( އާއި ވިޔަންސާގެ ކުޅުންތެރިއެއް ބޮލުން ބޯޅަ ޖަހަން މަސައްކަތްކުރަނީ: މި މެޗުން ވިޔަންސާ މޮޅުވީ 1- 0 އިން. -- ހަވީރު ފޮޓޯ / މުހައްމަދު ވަހީދު

ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވެލެންސިއާ އަތުން 1- 0 އިން ވިޔަންސާ މޮޅުވެއްޖެ އެވެ.

ލީގުގެ ގަދަ ހައެއްގެ ތެރޭގައި ދެމި އޮތުމަށް ވާދަކުރަމުން އަންނަ ދެ ޓީމުގެ ކުރިމަތިލުމުގެ ހަމައެކަނި ލަނޑު މެޗުގެ 81 ވަނަ މިނިޓުގައި ވިޔަންސާ އަށް ކާމިޔާބުކޮށްދިނީ އަބްދުލް މުހައިމެނެވެ.

މި ނަތީޖާއާ އެކު ތާވަލްގެ ހަ ވަނަ އަށް ވެލެންސިއާ ވެއްޓި، ވިޔަންސާ ވަނީ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. ނުވަ ޕޮއިންޓުގައި ވިޔަންސާ އޮތްއިރު ވެލެންސިއާ ހަ ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ވިޔަންސާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ މެޗުން މޮޅުވީމަ ވަރަށް ހިތްހަމެހިއްޖެ ކަމަށާއި ކުޅުންތެރިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ.

"މިއަދު ތިން ޕޮއިންޓް ލިބުނީމަ ވަރަށް އުފާކުރަން. ކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފްކުރަން. ފުރަތަމަ ހާފު ނުކުޅެވުނު އެންމެ އެދެވިގެންވާ ގޮތަށްކަށް. އެކަމަކު ދެވަނަ ހާފުގައި ވަރަށް ގިނަ ކަންތައްތައް ރަނގަޅުކުރި. ޖުމްލަކޮށް މުޅި މެޗަށް ބަލައިފިއްޔާ ރަނގަޅު ކަންނޭނގެ،" ފެސްކޯ ބުންޏެވެ.

ފެސްކޯ ބުނީ ވިޔަންސާ އަށް މި މެޗުން ލިބުނީ ވަރަށް މުހިންމު ތިން ޕޮއިންޓް ކަމަށާއި މިއީ ގަދަ ހައެއްގެ ޖާގައެއް ކަށަވަރުކުރުމަށް އެޅުނު "ފުރަތަމަ ފިޔަވަޅު" ކަމަށެވެ.

"މި މެޗަކީ ވަރަށް މުހިންމު މެޗެއް. އެއް ސްޓެޕް ކުރިއަށް މި ނެގުނީ ގަދަ ހައެއް ޔަގީންކުރުމަށް،" ފެސްކޯ ބުންޏެވެ.

ވެލެންސިއާގެ ކޯޗު މުހައްމަދު އިގުބާލް ބުނީ މެޗުގައި ވެލެންސިއާ އަށް މާ ރަނގަޅު ކުޅުމެއް ނުދެއްކުނު ކަމަށާއި މެޗުން ބަލިވުމުގެ އެއް ސަބަބަކީ ޓީމުގައި ތިބި ތަޖުރިބާކާރު ކުޅުންތެރިން އެ ކުޅުންތެރިންގެ ޒިންމާ ނުނެގުން ކަމަށެވެ.

"ހަގީގަތުގައި މިއީ އަހަރެމެންގެ ފުލް ޓީމު އޮތް ނަމަ އީޒީ މެޗެއް. މިއަދު އަސްލު އެއްވެސް ކަމެއް ނުކުރެވުން ތަން ފެނިގެންދިޔައީ. މީގައި އެބައޮތް އެކްސްޕީރިއަންސް ކުޅުންތެރިން ފަރުވާކުޑަކޮށްލިތަންކޮޅު ވެސް. އެމީހުން ރެސްޕޮންސިބިލިޓީ ނުނަގަންޏާ މިކަމެއް ނުވާނެ. މޮޅުވާން ކުޅެގެން ވާނީ. ހިތްވަރު ލައިގެން ނުކުޅެންޏާ ވަރަށް އުނދަގޫވާނެ،" އިގުބާލް ބުންޏެވެ.

އިގުބާލް ބުނީ ވެލެންސިއާ ދެން ކުޅެންޖެހޭ މެޗުގެ ނަތީޖާ ގޯސްވެއްޖެ ނަމަ އެ ޓީމަށް ޖެހޭނީ ރެލިގޭޝަނަށް ތައްޔާރުވާން ކަމަށެވެ.

1 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait