ދިރާގު ދިވެހި ލީގު 2012

އޭވައިއެލް އަތުން ވީބީ އަށް ތަފާތު ބޮޑު މޮޅެއް

މުހައްމަދު ހަމްދޫން
ހަވީރު ނިއުސް ސާވިސް، 07 ޖޫން 2012 23:53
  • ވީބީ އާއި އޭވައިއެލްގެ މިއަދު ކުޅެނީ. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

  • ވީބީގެ ބޮންޑާ (މ) އަތުން ބޯޅަ ހޯދަން އޭވައިއެލްގެ އާމިރު މަސައްކަތްކުރަނީ. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

  • ވީބީ އާއި އޭވައިއެލްގެ މިއަދު ކުޅެނީ. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

  • ވީބީ އާއި އޭވައިއެލްގެ މިއަދު ކުޅެނީ. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

  • ވީބީ އާއި އޭވައިއެލްގެ މިއަދު ކުޅެނީ. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

އަހުމަދު ނާޝިދު (ނާއްޓޭ) ޖެހި ހަތަރު ލަނޑާއެކު އޭވައިއެލް އަތުން 6- 1 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ވީބީ އައްޑޫ އެފްސީ މިރޭ މޮޅުވެއްޖެ އެވެ.

ލީގުގައި ލިބުނު ދެ ވަނަ މޮޅާ އެކު ވީބީ ވަނީ ނުވަ ޕޮއިންޓް ހަމަކޮށް ތާވަލުގެ ފަސް ވަނަ އަށް އަރައިފަ އެވެ. އޭވައިއެލް އޮތީ ހަތަރު ޕޮއިންޓާއެކު ފުލުގަ އެވެ.

ވީބީން މިރޭ ލީޑު ނެގީ ހަތް ވަނަ މިނެޓުގައި ނާއްޓޭ ޖަހައިދިން ލަނޑުންނެވެ. ކެޕްޓަން ޝަމްވީލް ގާސިމް (ބޮންޑާ) ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ލަނޑު ޖެހިއިރު، ވީބީގެ ދެ ވަނަ ލަނޑު ނާއްޓޭ ޖެހީ 24 ވަނަ މިނެޓުގަ އެވެ. ވީބީގެ ތިން ވަނަ ލަނޑު 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އާދަމް ފަޒީހް (ފަދިއްކޮ) ގެ ހުރަހަކުން ބޮންޑާ އެވެ.

އޭވައިއެލްގެ ހަމައެކަނި ލަނޑު 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް އާދަމް ލަރީފް (ރޮނާ) އެވެ.

އޭގެ މިނެޓެއް ފަހުން ނާއްޓޭ ވީބީގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނެވެ. ޒުވާން ކުޅުންތެރިޔާގެ ހަތަރު ވަނަ ލަނޑު އަދި ވީބީގެ ފަސް ވަނަ ލަނޑު ކާމިޔާބުކޮށްދިނީ 75 ވަނަ މިނެޓުގަ އެވެ. ވީބީގެ ހަ ވަނަ ލަނޑު 82 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސިއެރަލިއޯނުގެ ފޯވާޑް އަބޫ ޑެސްމޮންޑް މަންސާރޭ އެވެ.

ވީބީގެ ކޯޗު ޖޭން ވަންލީ ބުނީ ތިން ޕޮއިންޓާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި ކުޅުންތެރިން ކުރި މަސައްކަތަކަށް ޝުކުރުއަދާކުރާ ކަމަށެވެ.

"ވަރަށް އުފާވެއްޖެ،" ވަންލީ ބުންޏެވެ. "މިއީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ހޯދުނު ތިން ޕޮއިންޓް. އެކަމަށް ކުޅުންތެރިންނަށް ޝުކުރުއަދާކުރަން. މިރޭ އަހަރެމެންގެ އެޓޭކް ހުއްޓުވާނެ ގޮތެއް އިދިކޮޅު ޓީމަށް ނުފެނުނު."

އޭނާ ބުނީ އޭވައިއެލް އަކީ ފަސޭހަ ޓީމެއް ނޫން ކަމަށާއި ހާއްސަކޮށް އެ ޓީމުގެ ރޮނާ ހުއްޓުވަން މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށެވެ.

އޭވައިއެލްގެ ކޯޗު އަހުމަދު އާތިފް (އާތީ) ބުނީ ބަލިވީ ޑިފެންޑަރުންނަށް ހެދުނު ގޯސްތަކެއްގެ ސަބަބުން ކަމަށެވެ.

"ވީބީ ވަރަށް ސްޓްރެންތާއެކު ނުކުންނާނެ ކަން އެނގިގެން އެއަށް ތައްޔާރުވެ ތިބީ. އެކަމަކު ސެންޓްރަލް ދެ ޑިފެންޑަރުންނަށް ހެދުނު ގޯހުން ވީބީން ފުރަތަމަ ދެ ލަނޑު ޖެހީ. ކުޅުންތެރިން އިން-ޑިސިޕްލިން ވުން ހަގީގަތުގައި މައްސަލައަކީ. ޓީމުގެ ޓެކްޓިކްސް ނުހިފައްޓާ ކުޅުންތެރިންނާ މެދު ކުރިއަށް އޮތްތަނުގައި ވިސްނާނަން،" އާތީ ބުންޏެވެ.

ލީގުގައި އާދީއްތަ ދުވަހު ހަވީރު ވާދަކުރާނީ ނިއު ރޭޑިއަންޓާއި މާޒިޔާ އެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި