ދިރާގު ދިވެހި ލީގު 2012

ވިޔަންސާ ބަލިކޮށް އޭވައިއެލް އަށް މުހިއްމު ތިން ޕޮއިންޓް

މުހައްމަދު ހަމްދޫން
ހަވީރު ނިއުސް ސާވިސް، 13 ޖުލައި 2012 19:43 1 ކޮމެންޓު
 • އޭވައިއެލްގެ ސްޓެފަން )ކ( ގޯލަށް ބޯޅަ ވައްދާލަނީ. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ވިޔަންސާ އަތުން  3- 0 އިން މޮޅުވެ އޭވައިއެލް މުހިއްމު ތިން ޕޮއިންޓް ހޯދައިފި އެވެ،

މި މޮޅާ އެކު އޭވައިއެލް ވަނީ  10 ޕޮއިންޓް ހަމަކޮށް ތާވަލުގެ ހަ ވަނަ އަށް އަރައިފަ އެވެ. ވިޔަންސާ އޮތީ ނުވަ ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.

މެޗުގެ  24 ވަނަ މިނެޓުގައި އޭވައިއެލް އަށް ލީޑު ނަގައިދިނީ ކެމަރޫން މިޑްފީލްޑަރު ބޫގާ ލޮޖާ ސްޓެފަން އެވެ. މިއީ އެ ޓީމުގެ އަބްދުﷲ މުއާޒް (އޮޓޯ) ގޯލަށް ފޮނުވަލި ހަމަލާއެއް ވިޔަންސާގެ ގޯލްކީޕަރު އެލެކްސެންޑާ އޮސޭއީ ބްލޮކްކުރުމުން އެނބުރި ކުޅުމުގެ ތެރެއަށް އައި ވަގުތު ސްޓެފަން ވައްދާލި ލަނޑެކެވެ.

އޭވައިއެލްގެ ދެ ވަނަ ލަނޑު  80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެމަރޫންގެ މޮޑޯ ހިއުސް އެވެ. މިއީ އޭވައިއެލްގެ ބްރެޒިލް މިޑްފީލްޑަރު އެވަޓަން ސޫޒާ ސަންޓޯސް ދިން ބޯޅަ އަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ 90 ވަނަ މިނެޓުގައި އޭވައިއެލްގެ ތިން ވަނަ ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މިޑްފީލްޑަރު މުހައްމަދު އާމިރެވެ. ވެލެންސިއާގެ ކުރީގެ ކުޅުންތެރިޔާ މި ލަނޑު ޖެހީ އޭރިއާ ބޭރުން ފޮނުވާލި ބޯޅައަކުންނެވެ.

މެޗަށް ފަހު އޭވައިއެލްގެ މެނޭޖަރު މުހައްމަދު ލަމްއާން ބުނީ މިއީ ޓީމުގެ ކުޅުންތެރިން ކުރި މަސައްކަތް ކަމަށާއި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށެވެ.

"މިއީ ޓީމް އެފަޓެއް. ޓީމުގެ ހުރިހާ ކުޅުންތެރިން އެކުލަވާލައިގެން ވަރަށް ރަނގަޅު ކުޅުމެއް ދެއްކީ. ވަރަށް ހިތްހަމަޖެހޭ. އަމުދުން ބްރޭކަކަށް ގޮސްފައި އައިސް މި ވަރުގެ ކުޅުމެއް ދެއްކުމުން ހިތްހަމަޖެހޭ،" ލަމްއާން ބުންޏެވެ.

އޭނާ ބުނީ ބިދޭސީ ތިން ކުޅުންތެރިންނަށް ކުރި އިންވެސްޓްމަންޓަކީ ރަނގަޅު އިންވެސްޓެއް ކަން މި ދެ މެޗުން ސާބިތުވެއްޖެ ކަމަށެވެ. އޭވައިއެލް ވަނީ މިދިޔަ ހޮނިހިރު ދުވަހު އެފްއޭ ކަޕުގެ ދެ ވަނަ ބުރުގައި މުއިވެޔޮ ފްރެންޑްސް އަތުން  10- 0 އިން މޮޅުވެފަ އެވެ.

"އިންވެސްޓްމަންޓް ރަނގަޅު. ލީގުގެ ގަދަ ހަޔެއްގެ ތެރޭ ހިމެނޭނެ ކަމާމެދު ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް،" ލަމްއާން ބުންޏެވެ.

ވިޔަންސާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ކުޅުމާ ދޭތެރޭ ހިތްހަމަނުޖެހޭ ކަމަށާއި މި ގެއްލުނީ ވަރަށް މުހިއްމު ތިން ޕޮއިންޓް ކަމަށެވެ.

"މިއަދު ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމައެއް ނުޖެހޭ. ޓީމެއްގެ ގޮތުގައި ނުކުޅެވުނު އެއް ގޮތަކަށް ވެސް. މި ގެއްލުނީ ވަރަށް މުހިއްމު ތިން ޕޮއިންޓް ގަދަ ހަޔަކަށް އެރުމަށް. މޮޅުވި ނަމަވެސް ޕޮއިންޓުގެ ފަރަގެއް އަންނާނެ،" ފެސްކޯ ބުންޏެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

1 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait