ދިރާގު ދިވެހި ލީގު 2012

އީގަލްސް ބަލިކޮށް ވީބީ ދެވަނަ އަށް އަރައިފި

ހަސަން ޝިފާން
16 ޖުލައި 2012 19:49 1 ކޮމެންޓު
 • އީގަލްސްގެ ބަކާ )ވ( އަތުން ބޯޅަ ހޯދުމަށް ވީބީގެ އިއްސޭ މަސައްކަތްކުރަނީ: އީގަލްސް ބަލިވީ ކުޅުންތެރިން މެޗަށް ރަނގަޅަށް ތައްޔާރު ނުވުމުން ކަމަށް ކޯޗު ބުނި. -- ހަވީރު ފޮޓޯ / މުހައްމަދު ވަހީދު

ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ކްލަބް އީގަލްސް އަތުން 4- 1 އިން މޮޅުވެ، ވީބީ އައްޑޫ އެފްސީ ތާވަލްގެ ދެވަނަ އަށް އަރައިފި އެވެ.

ފާއިތުވި ތިން އަހަރު ލީގު ހޯދި ވީބީ އީގަލްސް އަތުން މޮޅުވެ، އެއްވަނަ އަށް އެރީ 18 ޕޮއިންޓާ އެކު އެވެ. ތާވަލްގެ ދެވަނައިގައި އޮތް ވިކްޓަރީ އަށް ވެސް 18 ޕޮއިންޓް ލިބިފައި އޮތް ނަމަވެސް، ލަނޑުގެ ތަފާތުން ކުރީގައި އުޅެނީ ވީބީ އެވެ. އެކަމަކު ލީގުގައި މާދަމާ ވިޔަންސާއާ ދެކޮޅަށް ކުޅޭ މެޗުން ވިކްޓަރީ ބަލިނުވެއްޖެ ނަމަ، ވިކްޓަރީ އަށް އަލުން ދެވަނަ ލިބޭނެ އެވެ. ލީގުގެ ކުރީގައި 27 ޕޮއިންޓާ އެކު އޮތީ ނިއު ރޭޑިއަންޓެވެ.

މެޗުގެ 38 ވަނަ މިނިޓުގައި ވީބީ އަށް ލީޑު ހޯދައިދިނީ މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) އެވެ. އީގަލްސްގެ ގޯލަށް ބޮންޑާ ބޯޅަ އަމާޒުކޮށްލީ ހުނަރުވެރިކަމާއެކު އީގަލްސްގެ ފަހަތް ފޫއަޅުވާލުމަށް ފަހު އެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅު ވީބީގެ ލީޑު ފުޅާކޮށްދިނީ ތަޖުރިބާކާރު މިޑްފީލްޑަރު އިސްމާއިލް މުހައްމަދެވެ. ވީބީގެ ތިން ވަނަ ލަނޑު މެޗުގެ 67 ވަނަ މިނިޓުގައި ކާމިޔާބުކުރީ ހޮލެންޑްގެ މިޑްފީލްޑަރު ސެންގިޒް ހުސެއިން އެވެ. އީގަލްސްގެ ގޯލަށް ސެންގިޒް ބޯޅަ ވައްދާލީ ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުމަކުންނެވެ. އަދި ވީބީގެ ފަހު ލަނޑު 87 ވަނަ މިނިޓުގައި ކާމިޔާބުކުރީ ސިއެރަ ލިއޯންގެ ފޯވަޑް އަބޫ ޑެސްމޮން މަންސާރޭ އެވެ. މިއީ މި ސީޒަންގައި އޭނާ ކާމިޔާބުކުރި 13 ވަނަ ލަނޑެވެ. މެޗުގެ 79 ވަނަ މިނިޓުގައި އީގަލްސްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މުސްތަފާ އަބްދުލް ކަރީމެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ވީބީގެ ކޯޗު ތުރުކީގެ ޖޭން ވަންލީ ބުނީ މެޗުގައި އޭނާގެ ޓީމުން ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ކުޅުންތެރިން މި މެޗުގައި ޓެކްޓިކަލް ޑިސިޕްލިން ވަރަށް ރަނގަޅަށް ހިފެހެއްޓި ކަމަށް ބުންޏެވެ.

"އަހަރެން މިހުރީ ވަރަށް ހިތްހަމަޖެހިފައި. ނަތީޖާގެ އިތުރުން މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާމެދު ވަރަށް އުފާވޭ. ކުޅުންތެރިން މެޗުގައި ވަރަށް ރަނގަޅަށް ޓެކްޓިކަލް ޑިސިޕްލިން ހިފެހެއްޓި. ހާއްސަކޮށް ފާހަގަކޮށްލަން އަޑޭ (ވީބީގެ ކެޕްޓަން އަސްއަދު އަލީ). އަޑޭ މިއަދު ވަރަށް މޮޅު. ކުޅުންތެރިންނަށް އަހަރެން ޝުކުރުއަދާކުރަން ރަނގަޅަށް ކުޅުނީތީ،" ވަންލީ ބުންޏެވެ.

މެޗަށް ފަހު އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ މެޗުގެ ނަތީޖާ ގަބޫލު ނުކުރެވޭ ކަމަށާއި މެޗުގައި އީގަލްސަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ފޯވަޑުންގެ ކުޅުން ދަށްވުމުން ކަމަށެވެ.

"މެޗުގެ ނަތީޖާ ނުކުތް ގޮތެއް މި އަޅުގަނޑު ވިސްނަނީ. މީގައި މިއުޅެނީ އެހެން މައްސަލައެއް. ކުޅުންތެރިން މެޗަށް ތައްޔާރުވުމުގައި މައްސަލަ މި އުޅެނީ. ފުރަތަމަ ހަފުގައި ކުރީގައި ތިބި ކުޅުންތެރިންގެ ފަރާތުން ޓީމަށް އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭ. އެއްބާރުލުމޭ މި ބުނީ އެންމެ ފަހުން ކުޅުނު މެޗުގައި ކުޅުނު ގޮތުގެ ވާހަކަ. އީގަލްސް އަށް އަބަދު ވެސް ދިމާވާ މައްސަލައެއް މިއީ ލަނޑުނުޖެހުން. ގޯލު ނުޖެހެންޏާ މިކަހަލަ ގޮތެއް ދިމާވާނީ. މިއީ ގަބޫލްކުރެވޭ ނަތީޖާއެއް ނޫން. ވީބީ އާއި އީގަލްސް މިހާ ތަފާތު ބޮޑުވާނެ ކަމަކަށް ގަބޫލެއް ނުކުރަން. ތައްޔާރުވުމުގެ މައްސަލަ މި އުޅެނީ،" ސާންތީ ބުންޏެވެ.

ސާންތީ ބުނީ އީގަލްސްއާ އަޅާބަލާއިރު ވަކިވަކި މޮޅެތި ކުޅުންތެރިން ވީބީގައި ގިނަ ކަމަށެވެ. ހާއްސަކޮށް ވީބީގެ ފޯވަޑް އަބޫ، ސާންތީ ފާހަގަކުރި އެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

1 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait