ދިރާގު ދިވެހި ލީގު 2012

ވިޔަންސާ ބަލިކޮށް ވިކްޓަރީ އަލުން ދެވަނަ އަށް

ހަސަން ޝިފާން
17 ޖުލައި 2012 22:33
  • ވިކްޓަރީގެ އުމެއިރު: ވިޔަންސާ އަތުން ވިކްޓަރީ މޮޅުވިއިރު ދެ ލަނޑު ވެސް ކާމިޔާބުކުރީ އުމެއިރު. -- ހަވީރު ފޮޓޯ / މުހައްމަދު ވަހީދު

މުހައްމަދު އުމެއިރުގެ ދެ ލަނޑާއ ެކު ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ވިޔަންސާ އަތުން 2- 0 އިން މޮޅުވެ، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލްގެ ދެވަނަ މަގާމް އަލުން ހޯދައިފި އެވެ.

މެޗުން މޮޅުވެ ވިކްޓަރީ ތާވަލްގެ ދެވަނަ މަގާމް ހޯދީ 21 ޕޮއިންޓާ އެކު އެވެ. އަދި މި މޮޅާ އެކު އެއްވަނައިގައި އޮތް ނިއު ރޭޑިއަންޓްގެ ލީޑު ވަނީ ހަ ޕޮއިންޓަށް އަނެއްކާ ވެސް ކުޑަވެފަ އެވެ. ތާވަލްގެ ތިން ވަނައިގައި ވީބީ އައްޑޫ އެފްސީ އޮތީ 18 ޕޮއިންޓާ އެކު އެވެ.

ސަސްޕެންޝަންގެ ސަބަބުން މެޗުގައި ނުކުޅެވުނު ޝާފިއު އަހުމަދު (ޝާފީ)ގެ ބަދަލުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އުމެއިރު ވިކްޓަރީ އަށް ލީޑު ހޯދައިދިނީ މެޗުގެ 55 ވަނަ މިނިޓުގަ އެވެ. އަދި މެޗުގެ 81 ވަނަ މިނިޓުގައި އުމެއިރު ވަނީ ވިކްޓަރީގެ ލީޑު ފުޅާކޮށްދީ، އެ ޓީމަށް މެޗުން ތިން ޕޮއިންޓުގެ ޔަގީންކަން ހޯދައިދީފަ އެވެ. އުމެއިރު މި ސީޒަންގައި ކާމިޔާބުކުރި 13 ވަނަ ލަނޑާއެކު އޭނާ ވަނީ ލަނޑު ލިސްޓުގެ ކުރިއަށް ޖެހިލައިފަ އެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ މެޗުން މޮޅުވިޔަސް ކުޅުންތެރިން މެޗު ފަސޭހަކޮށްލުމުން ހިތްހަމަނުޖެހޭ ކަމަށެވެ.

"އަބަދުވެސް އާދައިގެ ޓީމުތައް ކައިރީގައި ބޮޑު ޓީމު ފަސޭހަކުރާ ވާހަކަ ދައްކާ. އޭތި ވެއްޖެ ދިވެހި ފުޓްބޯޅައިގެ ތެރެއިން ނައްތާލަން. ކުޑަކުއްޖަކާއެކު ނުކުތަސް މޮޅުވާން ކުޅެންޖެހޭނީ. ސިކުނޑިން މޮޅުވުމުގެ ރޫހު، (މޮޅުވުމުގެ) އެޓިޓިއުޑް ދަނޑުމަތީގައި ނުގެންގުޅުމުން 2- 0ގެ ނަތީޖާއެއް ނުކުތީ،" ނަޒީހު ބުންޏެވެ.

ވިޔަންސާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ މެޗުން ބަލިވިޔަސް، ކުޅުންތެރިން މެޗުގައި ދެއްކި ކުޅުމާއި ކުޅުންތެރިންގެ މަސައްކަތާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި މެޗުން ބަލިވުމުގެ އެއް ސަބަބަކީ ވިޔަންސާ އަށް ލިބުނު ޗާންސްތަކުގެ ބޭނުން ނުހިފުމުން ކަމަށެވެ.

"ކުޅުންތެރިން ދެއްކި ކުޅުން ފާހަގަކޮށް، އެ ކުޅުންތެރިންނަށް މަރުހަބާ ކިޔަން. އެ ކުޅުންތެރިންގެ މަސައްކަތް އެޕްރިޝިއޭޓް (އަގުވަޒަން) ކުރަން،" ފެސްކޯ ބުންޏެވެ."މީގައި ވިކްޓަރީ ކަހަލަ ބޮޑު ޓީމަކާއެކު ކުޅޭއިރު ލިބޭ ޗަންސްތައް ބޭނުންނުކުރެވެންޏާ މި ކަހަލަ ނަތީޖާއަކުން ލިބޭނީ. ފުރަތަމަ ހާފުގައި ރަނގަޅު ޗާންސްތަކެއް ލިބުނު. އެ ޗާންސްތަކުގެ ބޭނުން ނުހިފުމުން ކަމަށް ބުނެވޭނީ މި ގޮތަށް ނަތީޖާ މި ނުކުތީ."

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި