ދިރާގު ދިވެހި ލީގު 2012

އޭވައިއެލް އަތުން މާޒިޔާ މޮޅުވެއްޖެ

މުހައްމަދު ހަމްދޫން
18 ޖުލައި 2012 19:27 1 ކޮމެންޓު

ދިރާގު ދިވެހި ލީގުގެ ދެ ވަނަ ބުރުގައި މިއަދު ހަވީރު އޭވައިއެލް އަތުން 2- 0 އިން މާޒިޔާ މޮޅުވެއްޖެ އެވެ.

މި މޮޅާއެކު މާޒިޔާ އަށް 10 ޕޮއިންޓް ލިބިފައިވީ ނަމަވެސް އެ ޓީމު އޮތީ އަދިވެސް ހަތަރު ވަނައިގަ އެވެ. އޭވައިއެލް އޮތީ ހަތަރު ޕޮއިންޓާ އެކު އެންމެ ފުލުގަ އެވެ. މި މެޗުން ބަލިވުމުން އޭވައިއެލް އަށް ވެސް ވަނީ ގަދަ ހަޔަކުން ފުރުސަތު ހޯދުމަށް އިތުރު ހުރަހެއް ކުރިމަތިވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ދެ ޓީމަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ދިޔަ އެވެ. އެގޮތުން 13 ވަނަ މިނެޓުގައި އޭވައިއެލްގެ އަބްދުﷲ މުއާޒް (އޮޓޯ)، މާޒިޔާގެ ގޯލް ކީޕަރު އަހުމަދު އިމްރާން ކައިރިން ނައްޓާފައި ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭރު އޮޓޯއަށް އޮތީ އޭންގަލް ހަނިވެފަ އެވެ. އޭގެ އެއް މިނެޓު ފަހުން މާޒިޔާގެ އަސަދުﷲ އަބްދުﷲ ނެގި ހުރަހަށް މުހައްމަދު ހުސެއިން ނިޔާޒް (ބޮކުރީ) އެރި ނަމަވެސް، ގޯލް ކުރިމަތީ ހުހަށް ހުރި ބޮކުރީގެ ބޮލުގައި ޖެހިފައި އެ ބޯޅަ ދިޔައީ ބޭރަށެވެ. އޭގެ ފަހުން 31 ވަނަ މިނެޓުގައި މާޒިޔާގެ އަހުމަދު ރަޝީދު (އައްމަޑޭ) ބޮލުން ފޮނުވާލި ބޯޅަ ޖެހުނީ ދަނޑީގަ އެވެ.

މާޒިޔާ އިން ލީޑު ނެގީ 68 ވަނަ މިނެޓުގައި އަހުމަދު މުހައްމަދު (އައްމަޑޭ) ދިން ޕާހަކުން ބޮކުރީ އެވެ. އޭގެ ދެ މިނެޓު ފަހުން ލީޑު ފުޅާވީ ހިލޭ ޖެހުމަކުން ނިއު ރޭޑިއަންޓުގެ ކުރީގެ ކެޕްޓަން އައްމަޑޭ ޖެހި ގޯލުންނެވެ.

މެޗަށް ފަހު މާޒިޔާގެ ކޯޗު އިސްމާއިލް މަހެފޫޒް (އިންމަ) ބުނީ ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި މިގޮތަށް ކޮންމެ މެޗެއްގައި ކުޅެން ޖެހޭ ކަމަށެވެ.

"ފުރަތަމަ ހާފުގައި ވަރަށް ރަނގަޅަށް އެޓޭކްކުރި. ކަން ދިމާކުރި ގޮތުން ދެ ވަނަ ހާފުގައި ލަނޑަކާ ހަމަޔަށް ދެވުނީ. ކުޅުން މިއަދު ވަރަށް ރަނގަޅު. މިގޮތަށް ކުޅެން ޖެހޭނީ،" އިންމަ ބުންޏެވެ.

އޭވައިއެލްގެ ކޯޗު އަހުމަދު އާތިފް (އާތީ) ބުނީ ކުޅުން ރަނގަޅު ކަމަށާއި ބަލިވީ އެންމެ ގޯހެއް ހެދިގެން ކަމަށެވެ.

"ރަނގަޅަށް ކުޅުނު. އެކަމަކު މާޒިޔާ އިން ލަނޑު ޖެހީ އަޅުގަނޑުމެންނަށް ޓެކްޓިކަލް ޑިސިޕްލިން ނެތިގެން. އެ ބޯޅައިގައި ގޯސް ހެދުނީ. ދެން ހިލޭ ޖެހުމުގައި ޖެހި ކުޅުންތެރިޔާ މޮޅުވުމުން ކީޕަރަށް ކުރެވޭނެ ކަމެއް ނޯންނާނެ،" އާތީ ބުންޏެވެ.

އޭނާ ބުނީ ވަކިވަކި ކުޅުންތެރިންގެ ހުނަރު ބޭނުން ކުރަން ޖެހޭ ކަމަށާއި އެކަމަކު އޭގައި ބެލެންސެއް ގެންގުޅެން ޖެހޭ ކަމަށެވެ.

1 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait