ކުޅިވަރު

ވިކްޓަރީ ބަލިކޮށް ވީބީ ދެ ވަނަ އަށް

މުހައްމަދު ހަމްދޫން
30 ޖުލައި 2012 15:27
 • ވިކްޓަރީގެ އަވީލޯ (ވ) އަތުން ބޯޯޅަ ހޯދުމަށް ވީބީގެ އުސްތާ މަސައްކަތްކުރަނީ. --ހަވީރު ފޮޓޯ: މުހައްމަދު ވަހީދު

ދިރާގު ދިވެހި ލީގުގައި ރޭ ވިކްޓަރީ އަތުން 2- 1 އިން މޮޅުވެ ވީބީ އައްޑޫ އެފްސީ ދެ ވަނަ އަށް އަރައިފި އެވެ.

ވީބީގެ ދެ ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގައި ހޮލެންޑް މިޑްފީލްޑަރު ސެންގިޒް ހުސެއިން އެވެ. ވިކްޓަރީގެ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ ފަހުކޮޅު އަކްރަމް އަބްދުލް ގަނީ އެވެ.

ވީބީ ދެ ވަނައިގައި އޮތީ 21 ޕޮއިންޓާއި ފައިދާ 13 ލަނޑާ އެކު އެވެ. ވިކްޓަރީ އަށް ވެސް އެ އަދަދަށް ޕޮއިންޓް ލިބިފައިވީ ނަމަވެސް ފައިދާ ނުވަ ގޯލާ އެކު އެ ޓީމު ވަނީ ތިން ވަނަ އަށް ވެއްޓިފަ އެވެ. އެއް ވަނައިގައި 27 ޕޮއިންޓާ އެކު އޮތީ ނިއު ރޭޑިއަންޓެވެ.

ވީބީގެ ކޯޗު ޖޭން ވަންލީ ބުނީ މިއީ ވަރަށް މުހިއްމު މޮޅެއް ކަމަށާއި ކުޅުންތެރިން ގޯސްކޮށް މެޗު ފެށި ނަމަވެސް ފަހުން ކުޅުން ރަނގަޅު ކުރި ކަމަށެވެ.

"ވަރަށް މުހިއްމު މޮޅެއް މި ލިބުނީ. ފުރަތަމަ މެޗު ފެށީ ރަނގަޅަކަށް ނޫން. އެކަމަކު ދެ ވަނަ ހާފުގައި ރަނގަޅު ކުރި. އޭގެ ސަބަބުން ކާމިޔާބީ ލިބުނީ،" ވަންލީ ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ ބުރުގައި ދަށްކޮށް އޮވެފައި، ތާވަލުގެ ދެ ވަނަ އަށް ޓީމު އެރުމަކީ ބަޔަކު ދިން ހަދިޔާއެއް ނޫން ކަމަށާއި މިއީ ކުޅުންތެރިންގެ މަސައްކަތް ކަމަށެވެ. އަދި މި ހިސާބުން ވެސް ލީގާ ދޭތެރޭ ނުވިސްނާ ކަމަށް އޭނާ ބުންޏެވެ.

"ލީގު ހޯދުމާ މެދު އެއްވެސް ވަރަކަށް ނުވިސްނަން. އަހަރެން ވިސްނަނީ ކުރިއަށް އޮތް މެޗަށް. އަހަރެމެން ސީޒަން ފެށީ ދަށްކޮށް. އެކަމަކު މިހާރު މި އޮތީ ދެ ވަނައިގައި. މިއީ ހަދިޔާއެއް ނޫން. މިއީ ކުޅުންތެރިންގެ މަސައްކަތް،" ވަންލީ ބުންޏެވެ.

ވީބީ އަށް ގެނައި ހޮލެންޑް މިޑްފީލްޑަރު ސުއަތު އުސްތާ ރޭ އެ ޓީމުގެ ޑިފެންސަށް ކުޅުނުއިރު ވަންލީ ބުނީ އޭނާގެ ތަޖުރިބާގެ ބޭނުން ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑަށް ހިފޭނެ ކަމަށެވެ.

ތިން މަހުގެ ސަސްޕެންޝަނަކަށް ފަހު ރޭ ބެންޗަށް އައި ވިކްޓަރީގެ ކޯޗު އަލީ ސުޒޭން ބުނީ ލަނޑު ނުޖެހުން ފިޔަވައި ހުރިހާ ކަމެއް ރަނގަޅަށް ދިޔަ ކަމަށެވެ.

"ވިކްޓަރީ ވަރަށް ރަނގަޅަށް ކުޅުނު. މިރޭ ލަނޑު ނުޖެހިގެން ދިޔައީ. އުމެއިރަށް އެކަނި ލިބުނު ފުރުސަތުތަކަށް ބަލާއިރު ވެސް ހަތަރު ވަރަކަށް ލަނޑު ޖަހާނެ ފުރުސަތު އެއީ. ވީބީ ދެ ލަނޑު ޖެހި ފަހުން ވެސް ފުރުސަތު ލިބުނު،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ ވިކްޓަރީގެ މެދުތެރެއިން ފުރުސަތު ތަނަވަސްކުރާ ކަމަށާއި އެ ފުރުސަތުގެ ބޭނުން ހިފަން ޓީމަށް މާ ތަފާތު ސެންޓަ ފޯވާޑެއް ބޭނުންނުވާ ކަމަށެވެ.

"ސެންޓަ ފޯވާޑެއްގެ ބޭނުމަކީ ރަނގަޅު ތަނަށް އަރައި ލަނޑު ޖެހުން. އުމެއިރު އެކަން ކުރޭ. މި ސީޒަނުގައި އޭނާ ލަނޑު ލިސްޓުގެ ކުރީގައި އޮތުމުން އެކަން ދައްކުވައިދޭ. އެކަމަކު މިރޭ އެކަން ނުވީ،" ސުޒޭން ބުންޏެވެ.

ލީގުގައި މި ހަފުތާގައި ކުޅޭ މެޗުތަކުން ވިޔަންސާ އަތުން ނިއު މޮޅުވެއްޖެ ނަމަ، ވިކްޓަރީއާ ނިއުއާ ދެމެދު ނުވަ ޕޮއިންޓުގެ ފަރަގެއް އަންނާނެ އެވެ. ސުޒޭން ބުނީ ތިން ވަނަ ބުރުގައި ނިއު ބަލިކޮށް ހަ ޕޮއިންޓަށް ތަފާތު ކުޑަކުރެވޭނެ ކަމަށާއި އެ ޔަގީންކަން އެބައޮތް ކަމަށެވެ.

"ހަގީގަތުގައި ނިއު އަށް ޕްރެޝަރެއް އަންނާނީ ވެސް ހަ ޕޮއިންޓުގެ ތަފާތެއް ވަރު އޮތުމުން. އޭރުން ކިރިޔާ ވީބީ މެޗުން ބަލިވިޔަސް ކައިރިކޮށްލެވޭނެ،" ސުޒޭން ބުންޏެވެ.

ދެ ޓީމުގެ ފަރާތުން އަވަސް ކުޅުމެއް ފެނުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނެ އެވެ. ލީޑު ނަގަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ 13 ވަނަ މިނެޓުގައި ވީބީގެ އާދަމް ފަޒީހު (ފަދިއްކޮ) އަށެވެ. އަބޫ ހުސްކޮށްލާފައި ދިން ޕާހަށް އަރާ އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑި މަތިން ބޭރަށެވެ. އޭގެ ފަސް މިނެޓު ފަހުން އުސްތާ ނެގި ހިލޭ ޖެހުމެއް، ހުހަށް ހުރި ސެންގިޒް ބޮލުން ފޮނުވާލުމުން ގޯލަށް ވަންނަން ދިޔަ ބޯޅަ ވިކްޓަރީގެ ކީޕަރު މުހައްމަދު ނިޝާހު ދިފާއުކުރި އެވެ.

ދެ ވަނަ ހާފު ފަށައިގެން ވިކްޓަރީގެ އުމެއިރަށް ލަނޑު ޖަހަން ރަނުގެ ދެ ފުރުސަތު ލިބުނެވެ. އެގޮތުން 46 ވަނަ މިނެޓުގައި އަވީލޯ ނެގި ހުރަސް އުމެއިރު ބޮލުން ޖެހުމުން ދަނޑި ކައިރިން ބޭރަށް ދިޔައިރު 50 ވަނަ މިނެޓުގައި ގޯލް ކުރިމަތީ ހުހަށް ހުރެ، ކީޕަރު ވެސް ނެތީސް އޭނާ ޖެހީ ބޭރަށެވެ.

ވީބީ އަށް ސެންގިޒް ލީޑު ނަގައިދިނީ 56 ވަނަ މިނެޓުގައި އަރިމަތިން ނެގި ހުރަހެއް ގޯލަށް ވައްދާލައިގެންނެވެ. އޭނާ ދެ ވަނަ ލަނޑު 65 ވަނަ މިނެޓުގައި ކާމިޔާބުކުރީ ވިކްޓަރީ ކީޕަރު ކައިރިން ވެސް ނައްޓައިފަ އެވެ.

މެޗު ނިމެން ކައިރިވެފައިވަނިކޮށް ވީބީގެ ކީޕަރު އަބްދުﷲ ޒިޔަޒަން އަށް އަނިޔާވުމުން ބަދަލު ކީޕަރު ހުސެއިން ހަބީބު އެރި އެވެ.

އިތުރު ވަގުތު ވިކްޓަރީގެ ޝައްފާޒް މުހައްމަދަށް އޭރިއާ ތެރެއިން ހުހަށް ހުރެ ލަނޑު ޖަހަން ފުރުސަތު ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ހަބީބް ދިފާއުކުރި އެވެ. ވިކްޓަރީން ސުން ކަނޑުވާލެވުނީ އިތުރު ވަގުތު އަކްރަމް ކާމިޔާބުކުރި ލަނޑުންނެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި