އަހަރަކު އެއް ފަހަރު ރާއްޖޭގެ ވިޔަފާރިވެރިންނަށް ކުރިމަތިވާ ރަނުގެ މޫސުން އަނެއްކާ މި އަހަރު ވެސް މި އޮތީ ފެށިފަ އެވެ. ރޯދަ މަސް ފެށެން މަސްދުވަހަށް ވުރެ ކުޑަވެފައިވާ އިރު، ބާޒާރުމަތިން މިހާރު ވަނީ ރޯދައިގެ އަލާމާތްތައް ފެންނަން ފަށައިފަ އެވެ. ރޯދަ އަށް އާންމުކޮށް އަގު އުފުލޭ ބާވަތްތައް، މިހާރު ދަނީ މަޑުމަޑުން އަގު އުފުލެމުންނެވެ. ފިޔާ، އަލުވި ބިހެވެ. އަދި އަމުދުން މިއީ ހުޅަނގު މޫސުން ކަމަށް ވުމުން، ރާއްޖޭގައި އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް މި ރޯދަ މަހު މަދުވާނެ ކަމަށް ބެލެވޭތީ، ބޭރުން އެތެރެކުރާ އެފަދަ ބާވަތްތަކުގެ އަގު ރަނަށް އެރުމަކީ ދުރުކަމެއް ނޫނެވެ.
ދުނިޔޭގެ އެހެން އިސްލާމީ ގައުމުތަކުގައި ރޯދަ އަށް މަރުހަބާ ކިޔުމުގެ ގޮތުން، ކާބޯތަކެތީގެ އަގުތައް ކުރަނީ ހެވެވެ. ކާބޯ ތަކެއްޗާއި ތަރުކާރީ އާއި މޭވާ ވިއްކާ ފިހާރަތައް އިތުރުކޮށް، ޚާއްސަ ހެޔޮ އަގުތަކެއްގައި އެ ތަކެތި ވިއްކަ އެވެ. ރޯދަ މަހަކީ ކާބޯތަކެތި ގަންނަ މިންވަރު އިތުރުވާ މަހަކަށް ވާތީ، އެކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ވަގުތީ ފައިދާއެއް ނަގާކަށް އެ ގައުމުތަކުގެ ވިޔަފާރިވެރިން މަސައްކަތެއް ނުކުރެ އެވެ. އޭގެ ބަދަލުގައި އެ ގައުމުތަކުގެ ވިޔަފާރިވެރިން އިސްކަން ދެނީ، ވިޔަފާރީގެ ގޮތުން މާ ބޮޑު ފައިދާއެއް ނުލިބުނު ކަމުގައި ވިޔަސް، ރޯދަ މަހު މީސްތަކުންނަށް ލުއިފަސޭހަކޮށްދީގެން ﷲގެ ހަޒްރަތުން އިތުރު ދަރުމަ އާއި ސަވާބު ހޯދުމަށެވެ.
ނަމަވެސް މި ރާއްޖޭގައި ކަން ހިނގަނީ މި ގޮތަކަށް ނޫނެވެ. ހުރިހާ ވިޔަފާރިވެރިންނެއް ނޫނެވެ. ހަމަ ގައިމު ވެސް، ރޯދައަށްޓަކައި ތަކެތި އަގު ހެޔޮކުރާ އުސޫލެއް މި ރާއްޖޭގެ ބާޒާރުން ނުފެނެ އެވެ. އޭގެ ބަދަލުގައި ފެންނަނީ ރޯދަ އަށް އަގުތައް އުފުލެމުންދާ ތަނެވެ. ރޯދަ މަސް ފެށޭ ތަނުން ތަކެތީ އަގުތައް ވަރަށް ބޮޑަށް އުފުލުމާ އެކު ވިޔަފާރިވެރިން ބުނަނީ، ބޭރުން ތަކެތި ގެނައުން ދަތިވުމާއި ބާޒާރުގައި އެ އުފެއްދުންތައް މަދުކަމުން އަގު އުފުލެނީ ކަމަށެވެ. އެސްޓީއޯ އިން މިކަމުގެ ތެރެއަށް ނުވަންނަ ނަމަ ބައެއް އެއްޗެހީގެ އަގު މައްޗަށް ދާނެ މިންވަރެއް ވެސް ނޭނގެ އެވެ.
ރޯދަ މަސް ނިމުމާ އެކު ފެންނަނީ ކުނިގޮނޑުތަކަށް ބާރު ބޮޑުވާ މަންޒަރެވެ. ރޯދަ މަހު އަގު އުފުލިގެން ދިޔަ، ބާވަތްތައް ބަސްތަ ބަސްތާ އިން ގޮނޑަށް އުކާލެވޭ މަންޒަރެވެ. ބައެއް ބާވަތުގެ މުދާ، މިދިޔަ ދެ އަހަރުގެ ތެރޭގައި ކޮންޓޭނަރުން ވެސް އުކާލާފައި އެބަ ހުއްޓެވެ. އެހެންކަމުން އެނގެނީ، ރޯދަ މަހު ތަކެތީގެ އަގުތައް އުފުލިގެން ދަނީ ތަކެތި ލިބުން ދަތިވެގެން ނުވަތަ ރާއްޖެ އަށް އެތެރެކުރެވިފައިވާ މިންވަރު މަދުވެގެން ނޫން ކަމެވެ. އެހެން ނޫން ނަމަ، ރޯދަ މަސް ނިމި، އެ ތަކެތީގެ ޑިމާންޑް ގެއްލޭ އިރަށް، ގޮނޑުތަކަށް އެ ތަކެތި އުކާލާކަށް ނުޖެހޭނެ އެވެ.
މިއީ އަޅުގަނޑުމެން ވިސްނައި އިސްލާހުކުރަން ވެއްޖެ މުހިންމު މައްސަލައެކެވެ. މިކަމުގެ ސަބަބުން އިޖްތިމާއީ ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވެ އެވެ. އާއިލާގެ އެތައް ކަމަކަށް ހޭދަކުރަން ހުންނަ ފައިސާ، އަގު ބޮޑުކޮށް މުދާ ގަންނަން ހޭދަކުރަން ޖެހުމަކީ ގިނަ އާއިލާތަކަށް ކުރިމަތިވާ ވަރަށް ބޮޑު ތަކުލީފެކެވެ. އިސްލާމީ ތާރީޚުގެ ފަތްފުށްތަކަށް ވިސްނައިލުމުން އެނގެނީ އަހަރުގެ ހުރިހާ ދުވަސްތަކަކީ ވިޔަފާރިކޮށް ފައިދާ ހޯދުމުގެ ދުވަސްތައް ކަމެވެ. ނަމަވެސް ރޯދަ މަހަކީ ﷲގެ މަގުގައި ހޭދަކޮށް ދީލަތިކަން އިސްކުރަން ޖެހޭ މައްސަރެއް ކަމެވެ.
އެންޓި ޓެރަރިޒަމް ތަމްރީން ނިމުން
3 comments