އެޑިޓޯރިއަލް

ރާއްޖޭގެ ގުދުރަތީ ރީތިކަން ހިމާޔަތްކުރުމުގެ ބުރަ މަސައްކަތް

28 ޖޫން 2012 12:14

ރާއްޖެ އަކީ ދުނިޔޭގައި ނެތްވަރުގެ ގުދުރަތީ ރީތިކަމެއް އެކުލެވިގެންވާ ޖަޒީރާއެކެވެ. ދުނިޔެ މަތީގެ ސުވަރުގެ ގޮތުގައި ރާއްޖެ ސިފަކުރަމުން އަންނަނީ ހަގީގަތުގައި ވެސް ލިބިފައިވާ ވަރަށް ތަފާތު ހިތްގައިމުކަމަކާއި ގުދުރަތީ މުއްސަނދިކަމެއްގެ ސަބަބުންނެވެ. ގިނަ ދިވެހިންނަށް ހަމަ ލޮލުން ފެނިފައިނުވާ ކަނޑު އަޑީގެ ރީތިކަން ދުނިޔޭގެ އެހެން ތަނަކުން ނުފެންނަ މިންވަރަށް ތަފާތެވެ. މިހުންނަނީ އަޅުގަނޑުމެން ހިމާޔަތްކުރަން ޖެހޭ ވަސީލަތްތަކެވެ.

ރާއްޖޭގެ ކަނޑާއި މޫދުގެ ބައެއް ސަރަހައްދުތައް ހިމާޔަތްކުރުމުގެ ނަމުގައި ބޮޑެތި މަޝްރޫއުތަކެއް މިހާރު ދަނީ ހިންގަމުންނެވެ. އެންމެ ބޮޑު އިންޑަސްޓްރީ ޓޫރިޒަމް ދާއިރާގެ ބައެއް ކުންފުނިތަކުގެ އެހީ އާއި ދުނިޔޭގެ ކަމާ ބެހޭ ބައެއް ޖަމިއްޔާތަކުގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދާ މި މަޝްރޫއުތަކުގައި ސަރުކާރު ބައިވެރިވާ ނިސްބަތް ވެސް ވަރަށް ބޮޑެވެ. އެހެންކަމުން ރާއްޖޭގެ ރީތިކަމާއި ގުދުރަތީ ދިރުންތައް ހިމާޔަތްކުރުމުގައި، ކޮންމެ ސަރުކާރެއް ވެރިކަމުގައި އޮތަސް، ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ.

ބ. އަތޮޅުގައި މިހާރު އުފައްދާފައިވާ ޚާއްސަ ސަރަހައްދު ނުވަތަ ބަޔޮސްފެއާ އަކީ ރާއްޖޭގެ އެކި ހިސާބަށް އެފަދަ ހިމާޔަތްތައް ފެތުރިދާނެކަމުގެ ހެއްކެކެވެ. ބ. އަތޮޅު ސަރަހައްދުގެ ކަނޑާއި މޫދުގައި ވަރަށް އާދަޔާ ޚިލާފު އަދި ތަދު ދިރުންތައް އެކުލެވެ އެވެ. އެ އެއްޗެހި ހިމާޔަތްކުރުމަށްޓަކައި ކަނޑައަޅާފައިވާ ޚާއްސަ އުސޫލުގެ ސަބަބުން ކުރިމަގުގައި ވަރަށް ބޮޑު ރައްކަލެއް ގުދުރަތީ މުޅި ނިޒާމަށް ލިބުމުގެ ފުރުސަތު ބޮޑެވެ. އެހިސާބަށް ޑައިވްކުރުމާއި އުޅަނދުފަހަރު އަޅާފައި ބޭއްވުން ފަދަ ކަންކަން މިހާރު ކުރަން ޖެހޭނީ ޚާއްސަ އުސޫލުތަކެއް ދަށުންނެވެ. އެކަންކަން ކުރުމަށް ހުއްދަ ވެސް ބޭނުންވާނެ އެވެ.

ރާއްޖޭގެ ގުދުރަތީ ރީތިކަން ހިމާޔަތްކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ހަގީގަތުގައި ވެސް ކުރަން ޖެހެ އެވެ. އެއީ ހަމައެކަނި ވަކި ސަރަހައްދުތަކެއް، ކަރުދާހުގައި ލިއެ، ނުވަތަ ސިޔާސީ ވެރިން ވިދާޅުވާ ބަސްފުޅަކުން ކުރެވެން އޮތް ކަމެއް ނޫނެވެ. އަމަލީ ގޮތުން އެކަން ދެމެހެއްޓުމަށްޓަކައި ހުރިހާ ދިވެހިންގެ އެހީތެރިކަން ނުހަނު ބޮޑަށް ބޭނުންވާނެ އެވެ. ހިމާޔަތްކޮށްފައިވާ ތަނެއް، އެގޮތުގައި ދެމެހެއްޓޭނީ، އަމިއްލަ އެދުމަށް ކުރަން ޖެހޭ އެތައް ކަމެއް ވެސް ގުރުބާންކޮށްގެންނެވެ.

ރާއްޖޭގެ ދިރުންތަކާއި ރީތިކަން ހިމާޔަތްކުރުމަށް ސަރުކާރުން ކަނޑައަޅާ ސިޔާސަތުގެ ސަބަބުން އާންމު ދިރިއުޅުމުގެ މަސައްކަތްތަކަށް ބުރޫއަރާނެ ނިސްބަތް ކުޑަކުރުމަކީ ވެސް އޮތް ކަމެކެވެ. އެއީ ސަރުކާރުން ވަރަށް ޒިންމާދާރުކަމާ އެކު ކުރަން ޖެހޭނެ ކަމެކެވެ. މުޅި ރާއްޖެ މެރިން ރިޒާވަކަށް ބަދަލުކުރަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވެފައިވާ އިރު އެކަން ކުރަން ޖެހޭނީ ރާއްޖޭގެ މަސްވެރިކަމަށާއި ޓޫރިޒަމާ ގުޅިފައި ހުރި އެހެން ކަންކަމަށް ބޮޑު ގޮންޖެހުމަކަށް ނުވާނެ ފަދަ ގޮތަކަށެވެ. ދިރުންތައް ނެތިނުދާނެ ގޮތަށް އަދި ދިރިއުޅޭ މީހުންގެ ދިރިއުޅުމުގެ މަސައްކަތް ވެސް ނެތިނުދާނެ ގޮތަކަށް ސިޔާސަތުތައް ބައްޓަން ކުރެވޭނެ ގޮތެއް ސަރުކާރުން ހޯދަން ޖެހޭނެ އެވެ. އެކަމަކު މިއީ ހަގީގަތުގައި ފަސޭހަ ކަމެއް ވެސް ނޫނެވެ.

0 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި