އެޑިޓޯރިއަލް

މައްސަލަ އަކީ ޒިންމާ އޮޅުވާލުން، ކަމެއްގެ ބޮޑުކަން ނޭނގުން

17 ޖުލައި 2012 11:52 1 ކޮމެންޓު

ރާއްޖޭގައި މިހާރު ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލަ އަކީ ލިބުނު އާ މިނިވަންކަމާ އެކު އެބައެއްގެ ޒިންމާ އޮޅި، ކުރެވޭ ކަންކަމުގެ ބޮޑުކަމާއި އޭގެ ސަބަބުން މުޅި ގައުމަށް ކޮށްފާނެ ނުބައި އަސަރު ނޭނގުމެވެ. ސަރުކާރު ހިންގުމުގެ ބާރާއި ރައްޔިތުންގެ މަޖިލިހާއި ޝަރުއީ ނިޒާމާއި މިނިވަން މުއައްސަސާތަކާއި އެންމެ ކުޑަވެގެން ކައުންސިލްތަކަށް ބެއްޔަސް ފެންނަނީ މި މައްސަލަ އެވެ. ކޮންމެ ބަޔަކު ވެސް އުޅެނީ އަބައެއްގެ ބޮޑުކަމުގައި، އެހެން މީހުން ކުޑަކޮށްލައިގެންނެވެ. ރާއްޖޭގެ އަސްލު ސައިޒާއި އިގުތިސާދީ ފުދުންތެރިކަމާއި މީހުންގެ ގާބިލްކަމާ މެދު ޚިޔާލުކުރުމެއް ނެތެވެ.

ކޮންމެ މީހަކަށް ވެސް ހީވާ ކަހަލަ އެވެ؛ ތިމަންނާ އަކީ ދުނިޔޭގެ ހުރިހާ ކަމެއް އެންމެ މޮޅަށް އެނގޭ މީހާ އެވެ. މަށަށް ނޭނގޭ ކަމެއް ނެތެވެ. ކޮންމެ ކަހަލަ ދާއިރާއަކުން ވެސް މަށަކީ އިލްމުވެރިއެކެވެ. މިގޮތަށް އަމިއްލަ އަށް ވިސްނެން ދިމާވި މައިގަނޑު ސަބަބަކީ ރާއްޖޭގައި ލިބުނު ކުއްލި މިނިވަންކަމެވެ. ކުރިން ނަމަ ސިޔާސީ ވާހަކަ ދެއްކުމުގެ ނުވަތަ ދައުލަތުގެ ކަމަކާ ބެހޭ ގޮތުން ފާޅުގައި ފާޑުކިއުމުގެ މިނިވަންކަން ނެތުމުން އެންމެން ވެސް ތިބީ ހިމޭނުންނެވެ. އެކަމަކު އެ މިނިވަންކަމާ އެކު ގިނަ މީހުން ވީ ސިޔާސީ، ގާނޫނީ، އިގުތިސާދީ، އިޖުތިމާއީ ބޮޑެތި ތަޖުރިބާކާރުންނަށެވެ. ކޮންމެ މައުލޫއެއްގައި ވެސް ވާހަކަ ދައްކާލެވޭވަރުގެ ބޮޑު ހޭލުންތެރިކަމެއް ހަމަ ކުއްލިއަކަށް ރާއްޖެ އަށް އައި ކަހަލަ އެވެ.

ރައްޔިތުންގެ މަޖިލިހުން ބޮޑެތި ގާނޫނުތައް ހަދަނީ އޭގެ ސަބަބުން ދައުލަތަށް ކުރިމަތިވާނެ މާލީ އުނދޫތަކާއި އެ ގާނޫނު ތަންފީޒުކުރަން ދިމާވާ އެއްވެސް ދައްޗަކާ މެދު ވިސްނާލުމެއް ނެތި އެވެ. ލާމަރުކަޒީ ގާނޫނަކީ އޭގެ ނަމޫނާއެކެވެ. ކިތައްމެ ވަރަކަށް އެ ގާނޫނު ދިފާއުކޮށް ސިޔާސީ މީހުން ވާހަކަދެއްކިޔަސް އެއީ ރާއްޖެ ކަހަލަ ކުޑަ ގައުމަކަށް ކުޅަދާނަވަރުގެ ގާނޫނެއް ނޫނެވެ. އަދި އެއީ ބޭރުގެ ކަމާ ބެހޭ ޖަމާއަތްތަކުން ސަރުކާރަށް ދިން ލަފަޔާއި އިރުޝާދުތަކާ ވެސް މުޅިން ޚިލާފު ގޮތަކަށް ބައްޓަންކުރި ގާނޫނެކެވެ. ކޮންމެ ރަށެއްގައި މަދުވެގެން ފުލްޓައިމް ފަސް ކައުންސިލަރުން ލާ ގޮތަށް ގާނޫނުގައި ހިމެނީ، އެއް ބަޔަކު ތުހުމަތުކުރާ ގޮތުން، އޭރުގެ ބޮޑު ދެ ޕާޓީ އެމްޑީޕީ އާއި ޑީއާރުޕީގެ މީހުންނަށް ވަޒީފާތަކެއް ދިނުމަށެވެ.

ރާއްޖޭގައި އުފައްދާ މިނިވަން މުއައްސަސާތައް ވެސް މިވަނީ މާ ގިނަވެފަ އެވެ. އެއް ދާއިރާއަކަށް ދެ މުއައްސަސާ ވެސް އުފައްދާފައި އެބަ ހުއްޓެވެ. މިސާލަކަށް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނެވެ. ރާއްޖޭގެ ކުޑަކަމާއި މީޑިއާގެ ހާލަތަށް ބަލާއިރު މިއީ ދެ މުއައްސަސާއެއް އުފައްދަން ޖެހޭވަރުގެ ގައުމެއް ނޫނެވެ. އޮސްޓްރޭލިޔާ ފަދަ ބޮޑެތި ގައުމުތަކުގެ ނަމޫނާ ރާއްޖެއަކަށް މުޅިން ފިޓެއް ނުވާނެ އެވެ. އެކަމަކު އެކަން ވެސް އެއޮތީ ނިމިފަ އެވެ.

ކުރިމަގަށް މާ ބޮޑު ވިސްނުމެއް ނެތި އަދި ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގެ ނަމޫނާއިން ކަންކަން ކުރަން އުޅުމުގެ ބުރަ މިއަދު މިވަނީ އުފުލަން ޖެހިފަ އެވެ. އެހުރިހާ ކަމެއްގެ އުނދަގޫ ދައުލަތުގެ ބަޖެޓަށާއި ދައުލަތް ހިންގުމަށް ވެސް ވަނީ ކުރިމަތިވެފަ އެވެ. މިއީ ހަގީގަތުގައި ތިމާމެންގެ ޒިންމާ އޮޅި، ކުރެވޭ ކަމެއްގެ ބޮޑުކަން ރަނގަޅަށް ނޭނގުމުގެ ނަތީޖާ އެވެ. އަދިވެސް މި ގައުމު މިދަނީ އެ ނޭނގުމުގެ ތެރޭގަ އެވެ. ހުއްޓޭނީ ކޮން ހިސާބެއްގައިކަމެއް ނޭނގެ އެވެ.

1 comment

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait