ގިނަ މީހުންނަށް ޔަގީންވާނެ އެވެ؛ މިހާރު މި ކުޑަކުޑަ ގައުމު ވަނީ ނުރައްކާތެރި ކުށްތަކުން ފުރިފަ އެވެ. ތެދެކެވެ. މީހުން މެރުން އާންމެވެ. ބޮޑެތި މާރާމާރީތައް ވެސް ދޭތެރެ ދޭތެރެއިން ހިނގަ އެވެ. އެނޫން ވެސް ވަރަށް ބޮޑެތި ކުށްތައް ރާއްޖޭގައި ގިނަ އެވެ. މިއީ އިޖުތިމާއީ ބޮޑެތި މައްސަލަތަކެވެ. ދެން އޮތީ އިގުތިސާދެވެ. ހަމަ އެ ހާލަތުގަ އެވެ. ސިޔާސީ ކަންކަން އެހާލަތުގަ އެވެ. އެހެންކަމުން މި ގައުމު މިދާ މިސްރާބު އެނގޭ ބަޔަކު އެބަ އުޅޭ ބާވައޭ ސުވާލު ކުރެވޭ ވަރަށް ރާއްޖެ އަށް ކުރިމަތިވެފައިވާ މައްސަލަތައް ގިނަވެފައި ނުރައްކަލެވެ.
ގައުމެއްގެ ކުރިމަގު އުޖާލާކުރުމުގެ މަސައްކަތަކީ ވަރަށް ބޮޑު، އެހާމެ ވިސްނުންތެރިކަން ބޭނުންވާ ކަމެކެވެ. އެކަމަށް ބޭނުންވަނީ ވަރުގަދަ ލީޑަރުންނެވެ. ކޮންމެ މީހަކު ވެސް އެމީހަކު ތާއީދުކުރާ ސިޔާސީ މީހަކީ އެކަހަލަ ވަރުގަދަ ލީޑަރެކޭ ބުނެފާނެ އެވެ. އެކަމަކު ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކުރެވޭވަރުގެ ޕްލޭނަކާއި އެކަންކަން ތަންފީޒުކުރެވޭ ވަރުގެ ހިތްވަރެއް އަދި ފެންނަމުންނެއް ނުދެ އެވެ. ގައުމުގައި ހުރި ސާފުކުރަން ޖެހޭ "ކުނިބުނި" އަންދާލެވޭނެ ގޮތްތަކެއް އަދި ދައްކައިދެމުންނެއް ވެސް ނުދެ އެވެ. ފުރަތަމަ ކަމެއްގެ ގޮތުގައި ފެންނަނީ ވެރިކަން ހިމާޔަތްކުރުމާއި (ކުރި އާއި މިހާރު ވެސް) ސިޔާސީ އެކުވެރިން ހިތްހަމަޖައްސައިދޭން އުޅޭ ތަނެވެ. އެކަން ކޮށްފައި ދެން އަމަލީ މަސައްކަތަކާއި ޕްލޭނަކާ ދިމާއަށް ދެވޭ ވަރެއް ނުވެ އެވެ.
ސިޔާސީ ޚިޔާލު ތަފާތުވުމާ ދުރު ކަމެއްގެ މިސާލު ނަގަމާ ހެއްޔެވެ؟ މިއީ ކިތައްމެ އާންމު ވާހަކައެއް ނަމަވެސް މިހާރު ރާއްޖޭގައި ބިދޭސީން ގިނަވެފައިވާ މިންވަރަށް ބަލާއިރު ވަރަށް އަވަސް ހައްލުތަކެއް ބޭނުންވެ އެވެ. ލޯކަލް މާރުކޭޓް ކޮންޓްރޯލްކުރަނީ ބިދޭސީންނެވެ. ރާއްޖޭގެ ދަނޑުވެރިކަން ކޮންޓްރޯލްކުރަނީ ބިދޭސީންނެވެ. ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ އަދަދު 40،000 އަށް ވުރަ މަތި ކަމަށް ހިސާބުތަކުން ދައްކަ އެވެ. މިއީ ސީރިއަސް އަދަދެކެވެ. އެކަމަކު ސަރުކާރަށް ކުރެވޭ ކަމެއް ނެތެވެ.
ގައުމުގެ ކުރިމަގު ބައްޓަން ކުރާނެ ގޮތުގެ ސީދާ މިސްރާބެއް ކަނޑައަޅައި އެ މަގުން ދަތުރުނުކުރެވިއްޖެ ނަމަ މި ގައުމު ވާނީ ބޮޑެތި މައްސަލަތަކުގެ ހާއްޔަކަށެވެ. ރާއްޖޭގެ ވިސްނުންތޫނު މީހުން ރާއްޖެ ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކުރާނެ އެވެ. ރާއްޖޭގައި އެހެން ނަސްލުތަކުގެ މީހުންގެ ބާރުގަދަވެ، މުޅި ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ނުބައި ހިޔަންޏެއް އެޅޭނެ އެވެ. އެހެންކަމުން މިހާރު ވެސް ވަރަށް ބޮޑަށް ގައުމީ ނަޒަރަކުން ބަލައިގެން، އަވަސް ފިޔަވަޅުތަކެއް އަޅަން މިވަނީ ޖެހިފަ އެވެ. ކުށްކުރުން މަދުކުރުމުން ފެށިގެން ބިދޭސީ މަސައްކަތު މީހާއާ ހަމައަށް ދެމިފައި ހުރި މައްސަލަތައް ނައްތާލަން ޖެހެ އެވެ. އެކަމަށް ބޭނުންވާ މިސްރާބު އަވަހަށް ހޯދުމަކީ ސިޔާސީ ވެރިންގެ މަސްއޫލިއްޔަތެކެވެ.
4 comments