ސިއްހީ ފަރުވާ ހޯދުމަކީ ރާއްޖޭގައި އަބަދުވެސް ބޮޑު މައްސަލައެކެވެ. ސިއްހީ ޚިދުމަތުގެ ފެންވަރު ދަށްކަމުގެ ޝަކުވާ ހުއްޓުނު އިރެއް ނާދެ އެވެ. ރާއްޖެ އިން ފަރުވާ ލިބެން ނެތިގެން ބޭރަށް ދާން ޖެހުމަކީ އާއްމު ކަމެކެވެ. ބޮޑެތި ޚަރަދުތަކެއް ހިނގާ ކަމެކެވެ. އެކަމަކު މި އަހަރު ފެށުމާ އެކު އާއްމުންނަށް ވަރަށް ބޮޑު ލުޔެއް ލިބުނެވެ. ސަރުކާރުގެ އިޖުތިމާއީ ހެލްތު އިންޝުއަރެންސް ސްކީމް، އާސަންދައާ އެކު ބޭސްފަރުވާ މުޅިން ހިލޭ ލިބެން ފެށުމުންނެވެ. ޑޮކްޓަރަށް ދައްކަން ވެސް ބޭސް ނަގަން ވެސް އަތުން އެންމެ ރުފިޔާއެއް ޚަރަދު ނުކޮށް ހުރިހާ ކަމެއް، އެއް ލައްކަ ރުފިޔާ ހަމަވަންދެން، ރާއްޖޭގައި ކުރެވޭ ގޮތް ހަމަޖެހުނެވެ. އަދި ރާއްޖެ އިން ބޭރުން ޚިދުމަތް ހޯދުން ވެސް ލުއިވެގެން ދިޔަ އެވެ. އެކަމަކު އާސަންދަ އަކީ ވަރަށް ކުއްލި އެއްޗެކެވެ. ސިޔާސީ އިދިކޮޅު ފަރާތްތަކަށް އޭރުގެ ސަރުކާރުން ދިން ރައްދެކެވެ. ނަތީޖާ އަކަށް ވީ، އަވަސް އަރުވާލައިގެން ތައާރަފްކުރި ނިޒާމްގައި ބޮޑެތި ބާގަނޑުތަކެއް ހުރުމެވެ.
އިޖުތިމާއީ ހެލްތު އިންޝުއަރެންސް ސްކީމަކަށް ބަލާ އިރު އާސަންދަ އޮތީ ރަނގަޅަކަށް ނޫނެވެ. އޭގައި ކޮންމެވެސް ހިފެހެއްޓުންތަކެއް ހުންނަން ޖެހެ އެވެ. މިހާތަނާ ޖެހެންދެން ވެސް އޮތީ ޚިދުމަތް ހޯދާ މީހާގެ އަތުން އެއްވެސް އެއްޗެއް ނުނަގާ ގޮތަށެވެ. ނަމަވެސް މިހާރު، އަމިއްލަ ތަންތަނުން ކޯޕޭމެންޓް ނަގާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. އެއީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައިވާ މައްސަލައެކެވެ. އަދި ސަރުކާރުން ކުރަން ވަރަށް ބޮޑަށް ފަސްޖެހުނު ކަމެކެވެ. އަމާޒުވާނެ ފާޑުކިޔުންތަކާ މެދު ކަންބޮޑުވި މައްސަލައެކެވެ. އާސަންދަ ޚިދުމަތްދިނުމާ ގުޅުން ހުރި އެކި ފަރާތްތަކުގެ މެދުގައި އުފެދިފައިވާ ދެބަސްވުންތަކުން ވެސް އެކަން އެނގެ އެވެ.
ހަގީގަތަކީ އާސަންދަ އަކީ ސިޔާސީ ސްކީމެކެވެ. އިންޝުއަރެންސް ފަދަ ޚިދުމަތްތަކަކީ ކޮންމެ ސަރުކާރެއްގެ ވެސް މަގްބޫލުކަމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަމެވެ. ކުރީގެ ސަރުކާރުން އާސަންދަ ތައާރަފްކުރީ އެ މަގްބޫލުކަން ހޯދާށެވެ. އެ ސްކީމަށް ބަދަލެއް ގެންނަން ނުވަތަ އާއްމުންގެ އަތުން އެއްޗެއް ނަގާ ގޮތަށް ހަމަޖައްސަން މި ސަރުކާރުން ފަސްޖެހެނީ އެ މަގްބޫލުކަން ގެއްލިދާނެތީ އެވެ. ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތްތަކުން މިހާރު އެންމެ އަޑުހަރުކޮށް ދައްކަމުންދާ ވާހަކައަކީ ވެސް އާސަންދައިން އަގު ނެގުމެވެ. އެއީ ސިޔާސީ ގޮތުން އެ ފަރާތްތަކަށް ފައިދާ ލިބޭ ކަމެކެވެ. އާއްމުން އެ ވާހަކަ ގަބޫލުކުރާނެ އެވެ. އަމިއްލަ ޖީބުން އެއްޗެއް ދައްކަން ޖެހުމަކީ ކޮންމެ މީހަކަށް ވެސް ބުރައެކެވެ. އެކަމަކު އެއަށް ވުރެ ފުޅާކޮށް ވިސްނަން އެބަ ޖެހެ އެވެ.
އާސަންދަ އިންޝުއަރެންސް ސްކީމަކީ ހަގީގަތުގައި ދައުލަތުގެ ބަޖެޓަށް ކުޅަދާނަ ޚަރަދެއް ނޫނެވެ. ކޮންމެ މަހަކު އެތަކެއް މިލިއަން ރުފިޔާއެއް ސަރުކާރުން ފައިބައިގެން ދަނީ އެއްވެސް ހިފެހެއްޓުމެއް ނެތި އެވެ. ޚަރަދުތައް ވަރަށް ބޮޑުވެފައިވާ އިރު އާސަންދަ އަށް ދައްކަން ޖެހޭ ފައިސާ ސަރުކާރަށް އޮންނަނީ ނުދެއްކިފަ އެވެ. އެހެންކަމުން ކޮންމެވެސް ކަހަލަ ހިފެހެއްޓުންތަކެއް އެ ސްކީމްގައި އޮންނަން ޖެހެ އެވެ. މިއީ ކަމުގައި އޮތް ހަގީގަތެވެ.
އާންމުންނަށް ރަނގަޅަށް ނުވިސްނޭ ކަންކަމުގައި ސިޔާސީ ފައިދާ ހޯދަން ސިޔާސީ މީހުން މަސައްކަތްކުރުމަކީ މިގައުމަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ކަންކަން އޮޅުވާލައިގެން އާންމުންނަށް ވިސްނައިދޭން މަސައްކަތްކުރާތީ ގައުމުގެ އިގުތިސާދު ހަމަ މަގަށް އެޅުވުމަށް ކޮންމެ ސަރުކާރަކަށް ވެސް ހުރަސްތައް ކުރިމަތިވެ އެވެ. އަޅުގަނޑުމެން މިދައްކަނީ ކުޑަ މައްސަލައެއްގެ ވާހަކައެއް ނޫނެވެ. ސަރުކާރުގެ ޚަރަދުގެ ވާހަކަ އެވެ. ލިބެން ނެތް ލާރިއެއް ހޭދަކުރަން ޖެހޭ ވާހަކަ އެވެ. ގައުމުގެ އެހެން ހުރިހާ ކަމެއް ހުއްޓާލާފައި އެންމެ ދާއިރާއަކަށް ހޭދަކުރަން ޖެހޭ ވާހަކަ އެވެ.
ގައުމީ ނަޒަރަކުން ވިސްނާ، ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުންފިލުވާދޭނެ ސިޔާސީ ވެރިން ރާއްޖެއަކު ނެތެވެ. އަވަސް ކުރިމަގެއްގައި ލިބިދާނެ ކަމަކަށް ވެސް ނުފެނެ އެވެ.
6 comments