ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފައްދާފައިވާ ނެޝަނަލް އިންކުއަރީ ކޮމިޝަންގެ މަސައްކަތް މި މަހުގެ ނިޔަލަށް ފުރިހަމަކުރަން ޖެހެ އެވެ. އެ ކޮމިޝަނުން މަސައްކަތްކުރަމުން ދަނީ ވެރިކަން ބަދަލުވުމާ އެކު އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ނައްތާލުމަށެވެ. ކޮމިޝަން އުފެއްދުމުގެ ބޭނުމަކީ ވެސް ގައުމަށް ހަމަޖެހުން ގެނައުމެވެ.
ކޮމިޝަންގެ މަސައްކަތް ކިތަންމެ ފުރިހަމަ ގޮތެއްގައި ކުރި ނަމަވެސް ކަންބޮޑުވާން ޖެހޭ ކަމުގެ ނިޝާންތަކެއް އެބަ ފެނެ އެވެ. ކޮމިޝަންގެ ނިންމުމަކީ ގައުމަށް ހަމަޖެހުން އަންނާނެ އެއްޗެއްގެ ގޮތުގައި އުންމީދުކުރަން ބޭނުންވި ނަމަވެސް ސިޔާސީ ލީޑަރުންގެ ފަރާތުން ފެންނަމުން ދަނީ ކޮމިޝަންގެ މަސައްކަތުގެ ހަގީގީ މަގްސަދު ހާސިލު ނުވެދާނެ ކަމުގެ ސިގްނަލްތަކެވެ.
ކޮމިޝަނުން ކޮންމެ ގޮތަކަށް ނިންމި ކަމުގައި ވިޔަސް، ރާއްޖޭގެ ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ނޫނީ ނުވާނެ ކަމުގައި ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ރާއްޖޭގެ ރައީސްކަން އެންމެ ގިނަ ދުވަހު ކުރެއްވި މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައި ވަނީ އޭގެ އަނެއް ކޮޅަށެވެ. އެއީ ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ގަބޫލު ނުކުރައްވާނެ ކަމަށެވެ. އެއީ ކޮމިޝަނުން ކޮންމެ ގޮތަކަށް ނިންމި ކަމުގައި ވިޔަސްމެ އެވެ.
ސިޔާސީ ގޮތުން ރާއްޖޭގައި އެންމެ ނުފޫޒު ގަދަ ދެ ބޭފުޅުން މި މޭރުމުން ރައްދު ދެއްވާފައި ވާއިރު މިއީ އެ ދެ ބޭފުޅުންގެ ސަޕޯޓަރުން ބަލައިގަންނާނެ ކަންކަމުގެ ގޮތުގައި ބަލަން ޖެހެ އެވެ. މާނަ އަކީ ކޮމިޝަންގެ މަސައްކަތް ފުރިހަމަ ކުރުމަށް ފަހުގައި ވެސް އެ ބަޔަކު އަ ބައެއްގެ ގޮތުގައި ދެމި ތިބޭނެ ކަމެވެ. ކޮންމެ ބަޔަކު ވެސް އެ ބަޔަކު ގަބޫލުކުރާ ކަންކަމުގެ މަތީގައި ގޮތް ދޫނުކޮށް ތިބޭނެ ކަމެވެ. މިއީ މިހާރު ވެސް މަސްރަހު ހޫނުވުމުގެ މައިގަނޑު ސަބަބެވެ.
ގައުމަށް ހަމަޖެހުން ގެނެވޭނީ ތަހުގީގުތަކާއި ޝަރީއަތްތަކަކުން އެކަންޏެއް ނޫނެވެ. ސިޔާސީ މައިދާނުގެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުން ގައުމީ ނަޒަރަކުން ވިސްނައިގެން ނޫން ގޮތަކަށް ގައުމު ސަލާމަތް ކުރެވޭކަށް ނެތެވެ. ސިޔާސީ ފިތުނައިގެ ހުޅުގަނޑު ފެތުރި ގައުމު އަނދަމުން ދާއިރު އެންމެން ވެސް ގޮތް ދޫކޮށް، ތަފާތު ހިޔާލުތަކާ އެކު ވެސް ގައުމަށްޓަކައި ހިދުމަތްކުރުމުގެ ރޫހެއް އުފައްދަން އެބަ ޖެހެ އެވެ. ނޫން ނަމަ ގައުމަށް ހަމަޖެހުން އަންނާނެ ކަމަށް އުންމީދުކުރުމަކީ މޮޔަކަމެކެވެ.

1 comment