ސިޔާސީ ހަލަބޮލިކަން ގައުމަށް ކުރިމަތިވެފައިވާ މި ދަނޑިވަޅު، ރިހޭ ފައިމައްޗަށް އަނެއްކާ ވެސް މި ވަނީ ފޮއި ވެއްޓިފަ އެވެ. އެންމެ ހާސްކަން ބޮޑުވި ދަނޑިވަޅު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވަނީ މެދުކަނޑާލައިފަ އެވެ. މުއްދަތެއް ނެތް ގޮތަށް މަޖިލީހުގެ ޖަލްސާތައް އަންގާރަ ދުވަހު މެދުކަނޑާލީ އާސަންދައިގެ މައްސަލައިގައި އެމްޑީޕީގެ ހިތްހަމަނުޖެހުންތަކާ ގުޅިގެން ޖަލްސާތައް ކުރިއަށް ނުގެންދެވޭނެހެން ހީވެގެންނެވެ.
މިހާރު ކުރިމަތިވެގެން އުޅޭ މައިގަނޑު އަދި ސީރިއަސް މައްސަލައަކީ ގާނޫނީ ބެލެނިވެރިކަން ދީފައިވާ ގަވައިދުތަކެއްގެ މުއްދަތު ހަމަވާތީ އެވެ. އާ ގާނޫނު އަސާސީގެ ކުރިން ބޭނުންކުރި އެ ގަވައިދުތަކުގެ ތެރޭގައި މުހިންމު ގަވައިދުތަކެއް ވެ އެވެ. އޭގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ގަވައިދު ވެސް ހިމެނެ އެވެ. ދެން އޮތް އަނެއް ގަވައިދަކީ ޖިނާއީ އިޖުރާއަތުގެ ގަވައިދެވެ. އަދި އާދިއްތަ ދުވަހުގެ ނިޔަލަށް މި ގަވައިދުތަކަށް މުއްދަތު އިތުރުކޮށް ނުދީފި ނަމަ މި ނޫނަސް ބައެއް މުހިންމު ގަވައިދުތައް ބާތިލްވެގެން ދާނެ އެވެ. އޭގެ ސަބަބުން ގައުމުގެ ހިންގުމަށް ބުރޫ އަރައި ދުސްތޫރީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓުމަކަށް އަތުވެއްޖެ ނަމަ ދިމާވާ އެހެން މައްސަލަތައް ވެސް އެބަހުއްޓެވެ. އޭގެ މާނައަކީ ދައުލަތުގެ އެންމެ މުހިންމު އެއް ބާރު ހުއްޓިފައި އޮތުމެވެ.
ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ކަމެއް ނުވުމަކީ، އަދި ވަކި ބަޔަކު ބޭނުންވާ ގޮތް ނޫން ގޮތަކަށް ކަމެއް ވުމަކީ ދައުލަތުގެ ބޮޑު މުއައްސަސާއެއް ހުއްޓެން ޖެހޭ ސަބަބެއް ނޫނެވެ. އެކަމުގައި ހައްލެއް އޮންނަން ޖެހޭނެ އެވެ. ވާހަކަ ދެކެވެން ޖެހޭނެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގަސްތުގައި ބަޔަކު ހުއްޓުވާ ނަމަ އެ ބަޔަކާ ދޭތެރޭ ހަރުކަށި ފިޔަވަޅު އަޅަން ޖެހޭނެ އެވެ. ވަކި މެމްބަރަކު ގަސްތުގައި މަޖިލީހުގެ ޖަލްސާތަކަށް ހުރަސް އަޅުއްވާ ނަމަ، އޭނާ އަށް ދެވޭނެ އަދަބުތަކެއް ވެސް އޮންނަން ޖެހޭނެ އެވެ. ސަބަބަކީ، ޖަލްސާތައް ހުއްޓި އޭގެ ހުރިހާ ގެއްލުމެއް ތަހަންމަލު ކުރަން މި ތިބެނީ ރައްޔިތުން ކަމަށް ވާތީ އެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ ހުރިހާ ރައްޔިތުންގެ މަސްލަހަތު ހިމެނޭ މަޖިލީހަކަށް ވެފައި، ވަކި ބައެއްގެ ނުވަތަ ވަކި މީހެއްގެ ނުފޫޒުން ޖަލްސާތައް ހުއްޓުވުމުގެ ހައްގެއް ނޯންނާނެތީ އެވެ.
އާންމު ރައްޔިތުންނަށް ވުރެ ބޮޑު މުސާރައަކާއި ބޮޑެތި އިމްތިޔާޒުތަކެއް ލިބިވަޑައިގަންނަވާ މެމްބަރުން ރައްޔިތުންގެ މަސައްކަތަށް އިހުލާސްތެރިކަމާ އެކު ނުކުމެވަޑައިގެން ގައުމުގެ ކަންތައްތައް ހަމައަކަށް އަޅުވަން އެބަޖެހެ އެވެ. ނުހެދި ހުރި ބައިވަރު ގާނޫނުތަކެއް ހަދައިދޭން އެބަ ޖެހެ އެވެ. މަޖިލިސް ބޭއްވިޔަސް، ކޮންމެ ދުވަހަކު ޒުވާބެއްގައި ހޭދަކުރުމުގެ ބަދަލުގައި އޮއްޓަރު ހުރި މަސައްކަތެއް ކޮށް ނަތީޖާ ނެރެން އެބަޖެހެ އެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނަށް ހިދުމަތްކޮށްދޭން އޮތް މަޖިލީހެކެވެ. އެތާނގައި ތިއްބެވީ ރައްޔިތުންގެ މަންދޫބުންތަކެކެވެ. އެހެންވެ ނަތީޖާ ނެރުއްވަން އެބަޖެހެ އެވެ.
0 comment