މިހާރު އަމަލުކުރަމުން އަންނަ ގާނޫނު އަސާސީގައިވާ ގޮތުން، ގާނޫނަކުން ބާރު ލިބިގެން މެނުވީ އެއްވެސް ގަވާއިދެއް ނުހެދޭނެ އެވެ. ކޮންމެ ގަވާއިދަކީ ވެސް ގާނޫނަކާ ހަވާލާދީ ގާނޫނެއްގެ ދަށުން ހަދަންޖެހޭ އެއްޗެކެވެ. އެހެން ނަމަވެސް ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށި އިރު، ރާއްޖޭގައި އަމަލުކުރަމުން އައި ބައެއް ގަވާއިދުތަކަކީ ގާނޫނެއް ނެތި، ހަދާފައިވާ ގަވާއިދުތަކެކެވެ. އެހެން ވިޔަސް، އެ ގަވާއިދުތަކަކީ ކޮންމެހެން ވެސް އަމަލުކުރަންޖެހޭ ގަވާއިދުތަކެކެވެ. އެ ގަވާއިދުތަކަށް އަމަލުކުރަން ހުއްޓާލައިފި ނަމަ، ކިތަންމެ ކަމަކަށް ގާނޫނީ ހުސްކަމެއް އަންނާނެ އެވެ.
އޭގެ އެއް މިސާލަކީ ސިޔާސީ ޕާޓީތަކާ ބެހޭ ގަވާއިދެވެ. ސިޔާސީ ޕާޓީތައް އުފައްދައި ހިންގުމާ ބެހޭ ގާނޫނެއް މިހާތަނަކަށް ނެތެވެ. އެހެންކަމުން އެ ގަވާއިދަށް އަމަލުކުރުން ހުއްޓާލައިފި ނަމަ، ސިޔާސީ ޕާޓީތަކުގެ ގާނޫނީ ހައިސިއްޔަތު އެ ހިސާބުން ގެއްލުނީ އެވެ. މިހާރު އުފައްދާފައިވާ ސިޔާސީ ޕާޓީތައް ވެސް ނުހިންގޭނެ އެވެ. އެ ޕާޓީތަކަކީ ޣައިރު ގާނޫނީ ޕާޓީތަކެއް ކަމުގައިވާނެ އެވެ. މި ނޫނަސް މި ހާލަތު ދިމާވާނެ ކިތަންމެ ކަމެއް އެބަހުއްޓެވެ.
އައު ގާނޫނު އަސާސީ އަށް، 2008 ގައި އަމަލުކުރަން ފެށި އިރު، ގާނޫނެއްގެ ބެލެނިވެރިކަން ނެތް 80 އަށް ވުރެ ގިނަ ގަވާއިދު ހިންގަމުން އައެވެ. ގާނޫނު އަސާސީ އޮތް ގޮތުން، ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށުމާ އެކު، އެ ގަވާއިދުތައް އުވިގެންދާނެ އެވެ. އެހެންކަމުން އެ ހުރިހާ ގަވާއިދުތަކަކީ، އެއް ގާނޫނެއް ކަމުގައި އޭރުގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެވެ. އަދި އެ ގާނޫނަށް އަމަލުކުރުމަށް ދެ އަހަރުގެ މުއްދަތެއް ދިނެވެ.
އެ ދެ އަހަރުގެ މުއްދަތު 2010ގައި ހަމަވި އިރު، އޭގެ ތެރެއިން ގާނޫނެއް ހެދުނީ ވަރަށް މަދު ގަވާއިދަކަށެވެ. ނަތީޖާއެއްގެ ގޮތުން އެ ގަވާއިދުތަކަށް އިތުރު މުއްދަތެއް ދިނެވެ. މާދަމާ ރޭ އެ މުއްދަތު ވެސް ހަމަވާނެ އެވެ. ނަމަވެސް އެ ގަވާއިދުތަކަށް ބޭނުންވާ ގާނޫނުތައް އަދިވެސް ނުހެދެ އެވެ. މި ކަމަށް އިސްކަން ދީގެން އެ ގާނޫނުތައް ހަދަންއުޅޭ ތަނެއް ނުފެނެ އެވެ. އެހެން ކަމުން ގާނޫނު އަސާސީގެ ރޫހުގައި ގާނޫނީ އޮނިގަނޑު ދެމެހެއްޓުމަށް، ގާނޫނު ހަދާ މަޖިލިސް އިސްކަންދެނީ ކިހާ ވަރަކަށްތޯ ވިސްނާލަންޖެހެ އެވެ.
މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިހާތަނަށް ފެނިގެން ދަނީ ޒިންމާދާރުކަން ވަރަށް ކުޑަ ގޮތެއްގަ އެވެ. ގިނަ ދުވަސްދުވަހު ކޯރަމް ހަމަނުވެގެން ޖަލްސާތައް މެދުކަނޑާލައި ބައެއް ދުވަހު ޖަލްސާތައް ކެންސަލްކުރަންޖެހިފައި އެބަހުއްޓެވެ. ހަމަ އެފަދައިން، ކުއްލި މައްސަލަތަކާއި ގަރާރުތަކުގައި ބަހުސްކޮށް، މަޖިލީހުގެ ވަގުތު ބޭކާރުކޮށްލާ އިރު، މަޖިލީހުން ނިންމަންޖެހޭ ކަންތައް ހުރީ ފުނިޖެހިފަ އެވެ. އޭގެ ފަހުން މި ރޯދަ މަސް ފެށުނީއްސުރެ ފެންނަމުން ދަނީ، ކަނޑައެޅިގެން ގަސްދުގައިި މަޖިލިސް ހުއްޓުވާ މަންޒަރެވެ.
މަޖިލީހުގެ މަސްއޫލިއްޔަތު އަދާކުރައްވަން ތިއްބެވި ބޭފުޅުން މި ކަންކަމާ ވިސްނަވަންޖެހެ އެވެ. މަޖިލީހުގެ މަސައްކަތް ހުއްޓުވުމުން، ހަދަންޖެހޭ ގާނޫނުތައް ނުހެދުމުން، އެ ކަމުގެ ގެއްލުން ފޯރާނީ ސަރުކާރަށް އެކަންޏެއް ނޫނެވެ. މުޅި ދައުލަތަށެވެ. ވަކިވަކި ފަރުދުންނަށެވެ. އާންމު މުޖްތަމައަށެވެ.
13 comments