ގައުމުގެ ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން އެންމެ ނޭދެވޭ އަސަރެއް ކުރަމުން މި ދަނީ އިޖުތިމާއީ ރީތި އަދަބުތަކަށެވެ. އެ އަދަބުތައް ނެތިގެން ގޮސް، އަހުލާގީ މިންގަނޑު މުޅިން ނެތިގެން ހިނގައްޖެޔޭ ދެންނެވުމަކީ ދޮގެއް ނޫނެވެ. މިހާރު މަގުމަތިން ބައެއް މީހުންގެ ފަރާތުން އާންމުކޮށް ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކަކީ މިފަދަ މުޖުތަމައަކަށް ފެތޭ މަންޒަރުތަކަކާއި އަޑުތަކެއް ނޫނެވެ. ބައެއް ފަރާތްތަކުން "ނަމޫނާ"އެއްގެ ގޮތުގައި ދައްކަމުން އަންނަ ހަރަކާތްތަކާއި ބައެއް ފަރާތްތަކުން އެހެން މީހުންގެ އަބުރަށް އަރައިގަންނަ މަންޒަރުތަކަކީ މިހާރު ދިވެހި މުޖުތަމައުގެ ތެރެއިން އާންމު މަންޒަރެކެވެ.
ސިޔާސީ ކަންތައްތަކާ ހެދި ރާއްޖެ އަށް ވަރަށް ބޮޑު ބަދަލުތަކެއް ގެނުވައިފިކަން އެއީ އެންމެން ވެސް ގަބޫލުކުރާ ކަމެކެވެ. އޭގެ ސަބަބުން އަޅުގަނޑުމެން ގަބޫލުނުކުރާ އެތައް ކަމެއް ވެސް ތައާރަފުވެ އެކަންކަން އާންމުވެގެން ހިނގައްޖެ އެވެ. ކުރިން ވަރަށް ގޯސް ކަންތައްތަކެއްގެ ގޮތުގައި ބެލެވެމުން އައި ކަންތައްތައް އާންމުވެ އެކަން އެއްވެސް ކަމަކަށް ނުވާ ހިސާބަށް ހިނގައްޖެ އެވެ. ހަމައެއާ އެކު ކުރިން ލަދުވެތި ބައެއް ބަސްތައް އާންމުވެ އާންމުކޮށް ބޭނުން ވެސް ކުރަން ފަށައިފި އެވެ.
މިއީ މައްސަލަތަކެކެވެ. ގައުމެއްގެ އިޖުތިމާއީ ފޭރާން، ވަކި ބޭނުންތަކަކާ ހެދި ވީދަން ފަށައިގެން ނުވާނެ އެވެ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ތެރެއިން މި ފެންނަނީ އެ މަންޒަރެއް ނޫނެވެ. ގައުމު ފުނޑިގެން ދިޔަސް، ރައްޔިތުން ހަލާކުވެގެން ދިޔަ ނަމަވެސް، މިހާރު މިފެންނަނީ ކޮންމެ ގޮތެއް ހަދާފައި އެކަންކުރުމުގެ ނިޔަތް އިސްކުރާ ތަނެވެ. ގައުމުގައި އާންމުވެގެން އުޅޭ ނުބައި ބަސްތަކާއި މީހުންނަށް ޖެއްސުންކުރުމާއި މަލާމާތްކުރުމާއި ފުރައްސާރަކުރުން ފަދަ ކަންތައްތަކަކީ މިދެންނެވި ގޮތަށް އަމިއްލަ މަސްލަހަތު އިސްކޮށްގެން ދިމާވެގެން އުޅޭ ކަމެކެވެ.
ރާއްޖެ އަށް އިޖުތިމާއީ އިސްލާހުތަކެއް ބޭނުންވެ އެވެ. ގައުމާ ދޭތެރޭގައި ވިސްނައި ފިކުރުކުރާ ބަޔެއްގެ ގޮތުގައި އަޅުގަނޑުމެން އުޅެން ދަސްކުރަންވެއްޖެ އެވެ. ނުބައި ބަސްތައް ދުލުން ނެރެ ޒާތީ މަސްލަހަތުން އެއްކިބާވެފައިވާ ރައްޔިތެއް އުފެދެންވެއްޖެ އެވެ. ރީތި ނަމޫނާ ދައްކާ ބަޔަކަށް ވާންޖެހިއްޖެ އެވެ.
ގައުމު އެ ގޮތުގައި ދެމިއޮންނާނެ އެވެ. އަބަދުގެ އަބަދަށް ދެމި ނުތިބޭނީ އަޅުގަނޑުމެންނެވެ. އެހެންވެ އަޅުގަނޑުމެން މަރުވެގެން ދާއިރު އަޅުގަނޑުމެން ވާންޖެހޭނީ ރީތި ނަމޫނާ ދައްކާ ބަޔަކަށެވެ. މާދަމާގެ ޖީލާ އަޅުގަނޑުމެން މި ގައުމު ހަވާލުކުރާއިރު ވީރާނާވެ، ހަލާކުވެފައިވާ ގައުމެއް އަޅުގަނޑުމެން ހަވާލުކޮށްގެން ނުވާނެ އެވެ. އެ ގައުމު ވާން ޖެހޭނީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ގައުމަކަށެވެ.
2 comments