އެޑިޓޯރިއަލް

އާ ގާނޫނު އަސާސީގެ ހަތަރު އަހަރު!

07 އޯގަސްޓް 2012 12:55 4 ކޮމެންޓު

ރާއްޖެ އަށް ހަގީގީ ޑިމޮކްރަސީ އައީ މިހާރު އަމަލުކުރަމުން ދާ ގާނޫނު އަސާސީއާ އެކު އެވެ. މި ގާނޫނު އަސާސީއާ އެކު ޑިމޮކްރަސީގެ ބިންގާ އަޅުގަނޑުމެން އެޅީމެވެ. މިއަދަކީ އަޅުގަނޑުމެން ފަހުރުވެރިވި ފެހި ގާނޫނު އަސާސީގައި ހިފަހައްޓައިގެން ތިބޭތާ ބަރާބަރު ހަތަރު އަހަރުވީ ދުވަހެވެ.

ކިތަންމެ ބޮޑު މިނިވަންކަމެއް ލިބިދިނަސް، ކިތަންމެ ގިނަ މުއައްސަސާތަކެއް އުފެދުނަސް، އަދި ކިތަންމެ މޮޅު ގާނޫނު އަސާސީއެއް އޮތް ނަމަވެސް އޭގެ ފޮނިމީރުކަން ހޯދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ވޭތުވެދިޔަ ހަތަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް ވަނީ އެނގިފަ އެވެ. މި ވޭތުވެދިޔަ ހަތަރު އަހަރަކީ ސިޔާސީ ގޮތުން ރާއްޖެ ދުވަހަކު ވެސް ނުދެކޭ ފަދަ ސިޔާސީ ހަލަބޮލި ދުވަސްތަކެއްކަން ގައިމެވެ. ޑިމޮކްރަސީގެ އިރު އެރުމާ އެކު ކުރަންޖެހުނު މަސައްކަތްތައް ގިނަވެގެން ބައިވަރު ކަންތައްތައްނުކުރެވި އަދިވެސް ދިގުލަމުން ދާކަން އެއީ ހަގީގަތެކެވެ.

އާ ގާނޫނު އަސާސީއާ އެކު ކުރިމަތިވި މައްސަލަތައް ދިރާސާކޮށްލުމުން ފެންނާން އެބަހުއްޓެވެ. ބައެއް ކަންތައްތަކުގެ މިނިވަންކަން ހައްދެއް ނެތި ދިނުމުން އެހެން މީހުންގެ ހައްގުތަކަށް އަރައިގަނެވޭ ގޮތް އެބަވެ އެވެ. ތިން ބާރު ވަކިވެފައި އޮތަސް އެއް ބާރު އަނެއް ބާރާ ކޯޅެމުންދާތަން ފެންނަމުން އެބަ ދެ އެވެ. ބައެއް މިނިވަން މުއައްސަސާތައް މިނިވަންކަމާ އެކު ހިނގައެއް ނުގަނެ އެވެ. ބޭނުންވާ ގާނޫނުތައް ނުހެދި ސިޔާސީ ކޯޅުންތަކެއްގައި ރައްޔިތުންގެ މަޖިލިސް އޮތީ މަރުތަޅު އެޅިފަ އެވެ. ހަމައެއާ އެކު ގާނޫނު އަސާސީން ކަށަވަރުވެފައިވާ ހުރިހާ ކަންތައްތަކެއް ރައްޔިތުންނަކަށް ލިބެމުންނެއް ވެސް ނުދެ އެވެ. މި ހުރީ ހައްތާ ވެސް މައްސަލަ އެވެ.

މައްސަލައަކީ ގާނޫނު އަސާސީއެއް ނޫނެވެ. އެފަދަ ޒަމާނީ ގާނޫނު އަސާސީއެއް އައީ ރާއްޖޭގެ ސިޔާސީ މަސްރަހު އެންމެ ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅުގައި ކަމަށްވުން އެއީ އެއް މައްސަލަ އެވެ. ހަމައެއާ އެކު ގާނޫނު އަސާސީ ތަންފީޒުކުރަން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޒަމާންވީ ވެރިކަމެއް ވެއްޓި އެހެން ވެރިކަމެއް ފަށައިގަތުމާއި އެ ވެރިކަމަށް އައި ލޮޅުންތަކަކީ ވެސް ގާނޫނު އަސާސީ އެންމެ ފުރިހަމަ ގޮތުގައި ނަގަހައްޓަން ދިމާވި ބޮޑު ހުރަހެކެވެ. އާ ގާނޫނު އަސާސީގެ އެންމެ މީރު ރަހަ ލިބެން އޮތީ އެކަމާ ބެހޭ ގާނޫނުތައް ހަދައިގެން ކަމަށްވާއިރު ގާނޫނު ހަދާ މަޖިލީހުގައި ސިޔާސީ ޒުވާބު ނޫން އެއްޗެއް ނުފެނެ އެވެ.

ކޮންމެ ގޮތެއް ވިޔަސް، އެ ގާނޫނު އަސާސީ އަޅުގަނޑުމެން މި ތިބީ ބަލައިގަނެގެންނެވެ. އެހެންކަމަށް ވަންޏާ އެއަށް އަޅުގަނޑުމެން އަމަލުކުރަން އެބަޖެހެ އެވެ. އެ ގާނޫނު އަސާސީ އަށް އަމަލުކުރުމަކީ ބައެއް ހާލަތްތަކުގައި ދަތިކަމެއް ނަމަވެސް އެކަން ވެސް ކުރަން އެބަޖެހެ އެވެ. ގާނޫނު އަސާސީގައި އަޅުގަނޑުމެން ތަބާވާންވީ ވަކި މާއްދާތަކަކަށް ނޫނެވެ. ހުރިހާ މާއްދާތަކަކަށް ވެސް އަޅުގަނޑުމެން ކިޔަމަންވާން ޖެހެ އެވެ. އެ މާއްދާތަކުގެ ފޮނިކަން ރައްޔިތުންނަށް ހޯދައިދޭން ކަމާ ބެހޭ ފަރާތްތަކުން މަސައްކަތްކޮށްދޭން ޖެހެ އެވެ. ފެހި ގާނޫނު އަސާސީ އަކީ އަޅުގަނޑުމެންގެ ކުރިމަގު އުޖާލާކޮށްދޭ އެއްޗަކަށް ހެދޭނީ ކަމާ ބެހޭ ފަރާތްތައް ވަރަށް ހުށިޔާރުވެގެންނެވެ.

4 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait