އެޑިޓޯރިއަލް

ކުދިކުދި ސަރުކާރުތަކުގެ ވާހަކަ

09 އޯގަސްޓް 2012 13:00 4 ކޮމެންޓު

ލޯކަލް ކައުންސިލްތަކުގެ ތެރޭގައި މި ސަރުކާރު ގަބޫލުކުރާ ކައުންސިލްތަކާއި ގަބޫލުނުކުރާ ކައުންސިލްތައް ހިމެނެ އެވެ. އަދި ފާޅުގައި، މި ސަރުކާރަށް އެއްބާރުލުން ނުދޭނެ ކަމަށް ބުނެ އެ ގޮތަށް އަމަލުކުރާ ކައުންސިލްތައް ވެސް ހިމެނެ އެވެ. މި ސަރުކާރަށް އެއްބާރުލުން ނުދޭން، ނުވަތަ މާ ބޮޑު ގުޅުމެއް ބާއްވަން ބޭނުންނުވާ ކައުންސިލްތައް ނިސްބަތްވަނީ އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލްތަކަށެވެ.

އެމްޑީޕީގެ ސަރުކާރު އޮތް އިރު ވެސް އެ މައްސަލަ ކުރިމަތިވި އެވެ. އޭރު އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ބައެއް ކައުންސިލްތައް ވެސް ސަރުކާރާ ދުރުދުރުން އުޅެމުން ދިޔަ ތަން ފެނުނެވެ. އަދި އޭރު އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ ކައުންސިލްތަކާ ސަރުކާރުން ވެސް މާ ބޮޑު ގުޅުމެއް ބޭއްވި ތަނެއް ނުފެނުނެވެ. އޭރު ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ދިމާނުވެގެން ކައުންސިލްތަކުން ވަރަށް ހާލުގައި އުޅުނު ވާހަކަތަކެއް ވެސް އިވެމުން ދިޔަ އެވެ.

މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ ކައުންސިލެވެ. އެންމެ އާބާދީ ބޮޑު އަދި ރާއްޖޭގައި އޮތް ހަމައެކަނި ދެ ސިޓީ ކައުންސިލަކީ ވެސް އެއީ އެވެ. އެހެން ނަމަވެސް އެ ކައުންސިލްގެ ފަރާތުން ފެންނަމުން ދަނީ ސަރުކާރަށް އެއްބާރުލުން ދޭން ބޭނުންނުވާ މަންޒަރުތަކެކެވެ. ބައެއް ކަންތައްތަކުގައި އެއްވެސް ވަރަކަށް އެއްބާރުލުން ނުދޭއިރު ބައެއް ކަންތައްތަކުގައި ޖެއްސުންކުރާ ތަން ވެސް ފެނެ އެވެ. ބިންތަކުގެ މައްސަލަ އާއި ބައެއް އިމާރާތްތަކުގެ މައްސަލައިގައި ބޮޑެތި ދެބަސްވުންތަކެއް މީގެ ކުރިން ވެސް އަދި މިހާރު ވެސް އުފެދިފައިވެ އެވެ.

ކައުންސިލްތަކުގެ ދައުރަކީ ސަރުކާރެއް ހިންގުމެއް ނޫނެވެ. ދައުލަތް ހިންގުމުގެ މުއައްސަސާއަކީ ސަރުކާރު ކަމަށްވާ އިރު މި ދައުލަތް ހިންގުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެކެވެ. އެހެންކަމަށް ވަންޏާ ދައުލަތުގެ ދެން ހުރި މުއައްސަސާތަކުން އެކަމަށް އެއްބާރުލުން ދޭންޖެހޭނެ އެވެ. އެހެން ނަމަވެސް، ސިޔާސީ ވާދަވެރިކަމާއި އެ ހަލަބޮލިކަމުގެ ތެރޭގައި ބައެއް ކައުންސިލްތައް ކުދިކުދި ސަރުކާރުތަކަށްވެ، އެއްބާރުލުން ވަނީ ނެތިގެން ގޮސްފަ އެވެ. މިއީ ޑިމޮކްރަސީގެ ވަރަށް ޅަފަތުގައި އޮތް ގައުމަކަށް ދިމާވާނެ ވަރަށް ބޮޑު މައްސަލައެކެވެ.

ކައުންސިލްތަކުގެ ހަގީގީ ދައުރަކީ ރައްޔިތުންނާއި ސަރުކާރާ ދެމެދު މެދުވެރިއެއްގެ ބައި އަދާކުރުމެވެ. އެ ދައުރު އަދާކުރުމަށްޓަކައި، ގާނޫނުން ބާރު ދީގެން ރައްޔިތުންގެ ބެލެނިވެރިކަން ކައުންސިލްތަކަށް ދިނީ އެ ބާރުތައް ރަނގަޅު ގޮތުގައި ކުރާށެވެ. ރަށްރަށުގެ ބިންތަކާއި ރަށްރަށުގައި އިސްވެ ބަސްބުނުމުގެ ހައްގު ކައުންސިލްތަކަށް ދޫކޮށްލީ ހިންގުން ފުރިހަމަކުރާށެވެ. ވަކިވެގަނެ، ވަކި ސަރުކާރުތަކެއް އުފައްދާކަށް ނޫނެވެ.

4 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait