ބަރަކާތްތެރި ރަމަޟާން މަހުގެ އެންމެ ފަހު ދުވަސްތައް ގުނަމުން ދާއިރު އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ އެއް ކަމަކީ އެ މަހުގައި އަޅުކަމަށް ދިން އިސްކަން ކުރިއަށް އޮތް ތަނުގައި ވެސް ދެމެހެއްޓުމަށެވެ. އަޅުކަމަށް ސަމާލުކަންދީ ފާހިޝް އަމަލުތަކާ ދުރުވުމަކީ ރަމަޟާން މަހަށް އެކަނި އޮންނަ ކަމަކަށް ހަދައިގެން ނުވާނެ އެވެ.
ކެތްތެރިކަމާއި އޯގާތެރިކަން އިސްކޮށް، އަޅުކަމައިގެން މަޝްއޫލްވެގެން އުޅުމަށް ފަހު ރަމަޟާން މަހާ އެކު އެ ހުރިހާ ކަމެއް ދޫކޮށްލުމަކީ ގިނަ ބަޔަކު ކަން ކުރާ ގޮތެވެ. ރަމަޟާން މަހު މިސްކިތްތައް ފުރި ބާރުވެގެން ދިޔަ ނަމަވެސް މި މަސް ނިމުމާ އެކު މިސްކިތްތަކަށް އަންނަނީ ވަރަށް ބޮޑު ފަޅުކަމެކެވެ. މިއީ ހިތާމަކުރަން ޖެހޭ ކަމެކެވެ.
ރަމަޟާން މަސް ވާންޖެހޭނީ ތިމާގެ އުޅުމާއި އަހްލާގަށް ދާއިމީ ހެޔޮ ބަދަލެއް އަންނަ މަހަކަށެވެ. އެ މަހު އަޅުކަމަށް ދިން ސަމާލުކަން ކުރިއަށް އޮތް ތަނުގައި ވެސް ފެންނަން ޖެހޭނެ އެވެ. އެ މަހު ދަސްވި ކެތްތެރިކަމުގެ ފިލާވަޅުތައް އެއީ މުޅި އުމުރަށް ވެސް ބޭނުންކުރެވޭ އެއްޗަކަށް ހަދަން ޖެހޭނެ އެވެ. ރަމަޟާން މަހު އެހެން މީހުންނަށް ފޯރުވައިދިން އެހީތެރިކަމަކީ ތިމާގެ ކިބައިން އަބަދުވެސް ފެންނަ ކަމަކަށް ހަދަން ޖެހޭނެ އެވެ. ފާހިޝް އަމަލުތަކާ ދުރުވުމަކީ ވެސް އުމުރު ދުވަހުގެ ކަމަކަށް ހަދަން ވަރުގަދަ އަޒުމެއް ކަނޑައަޅަން ޖެހޭނެ އެވެ.
ދަތިހާލުގައި އުޅޭ ނިކަމެތިންގެ މަތިން ހަނދާންކޮށް، މާތްﷲ އެ މީހަކަށް ދެއްވި ނިއުމަތްތަކަށް ޝުކުރު ކުރުމަށް ދަސްކޮށްދިން މައްސަރު ނިމިގެން ދިޔަ ކަމުގައި ވިޔަސް ކޮންމެ މީހަކީ ވެސް ނިކަމެތިންނަށް އެހީވުމުގައި ދެމިހުންނަ މީހަކަށް ވުމީ މިފަދަ މާތް ދުވަސްތަކެއްގެ ފުރުސަތު އިންސާނުންނަށް ދެއްވުމުގެ ހިކުމަތެކެވެ.
ދުނިޔަވީ އެދުންތައް ކޮންޓްރޯލްކުރުމަށް ރަމަޟާން މަހުން ލިބުނު ފިލާވަޅުތަކުގެ ބޭނުން އަބަދުވެސް ކުރަންޖެހޭނެ އެވެ. އަމާންކަމާއި ސުލްހަޔާއި ލޯތްބާ އެކު ދިރިއުޅޭ މުޖުތަމައެއް ގާއިމުކުރުމަށް ބޭނުންވާ ހުރިހާ ފިލާވަޅުތަކެއް މި ބަރަކާތްތަރި މައްސަރުގައި ވަނީ ލިއްބައިދީފަ އެވެ. އަހަރެމެންނަށް އޮތީ އެ ފިލާވަޅުތަކުގެ ފައިދާ ހެޔޮ ގޮތުގައި ލިބިގަތުމެވެ.
ދިރާގު ދިވެހި ލީގު: ވެލެންސިއާ - ބީޖީ
0 comment