ފެބްރުއަރީ 7 ގައި ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުވީ ކިހިނެއްވެގެންތޯ ސާފުކުރުމަށް ރައީސް މުހަންމަދު ވަހީދު އެކުލަވާލެއްވި ނެޝެނަލް އިންކުއަރީ ކޮމިޝަން (ކޯނީ)ގެ ރިޕޯޓް މި މަހުގެ 30 ގައި ހާމަކުރާނެ އެވެ. އެކަމަށް ދެން އޮތީ މަދު ދުވަސްކޮޅެކެވެ. އެ ރިޕޯޓަކީ، ފަހުގެ ތާރީހެއްގައި، އެ ރިޕޯޓަކަށް ޓަކައި ބަޔަކު އިންތިޒާރު ނުކުރާހާ ވަރުގެ ބޮޑު އިންތިޒާރެއް ކުރަމުން އަންނަ ރިޕޯޓެކެވެ. އަދި ރިޕޯޓްގައި އޮންނާނީ ކީކޭތޯ މިއީ މިއަދު ހުރިހާ ދިވެހިން ވެސް ކުރަމުން އަންނަ ސުވާލެކެވެ.
ކޯނީގެ ރިޕޯޓް ނެރުމުގެ ކުރިން ވެސް އެކަމާ ބެހޭ ގޮތުން ދަނީ ތަފާތު ބަހުސްތައް ކޮށް، ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ. ސިޔާސީ ޕާޓީތަކުން މިހާރު ވެސް ދަނީ، އެ ރިޕޯޓްގައި ވަކި ގޮތަކަށް އޮވެއްޖެ ނަމަ އަޅާނެ ފިޔަވަޅުތައް އާންމުކުރަމުންނެވެ. ސިޔާސީ ޕާޓީތަކުގެ ރޫހު ހުރި ގޮތާއި ސަރުކާރުގެ އިންޒާރުތަކުން، ރިޕޯޓް ނެރޭ ދުވަސް ވެގެން ދާނީ ބޮޑު ދުވަހަކަށް ކަން މިހާރު ވެސް ޔަގީންވެ އެވެ.
ކޯނީގެ ރިޕޯޓަކީ މުހިންމު ރިޕޯޓެކެވެ. އެ ރިޕޯޓަކީ ތާރީހީ ރިޕޯޓެކެވެ. ސަބަބަކީ، ނަޝީދުގެ ވެރިކަން ފުރޮޅިގެން ދިޔައީ ބަޣާވާތަކުން ކަމަށް އެމްޑީޕީން ބުނާއިރު، ވެރިކަން ފުރޮޅުނީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ކަމަށް ސަރުކާރާ އިއްތިހާދުވެފައިވާ ޕާޓީތައް ބުނަމުންދާތީ އެކަން ނިމިގެން ދިޔައީ ކިހިނެއްކަން ސާފުވާނެތީ އެވެ. މިއީ ކުރިމަގަށް ވެސް މުހިންމު ރިޕޯޓެކެވެ. އެ ތަހުގީގަކީ ހަގީގަތުގައި ވެސް ކުރަން ޖެހޭ ތަހުގީގެކެވެ. އަދި އެ ރިޕޯޓަކީ ގައުމީ މަސްލަހަތަށާއި ތާރީހުގެ އިތުރުން މިވަގުތު ސިޔާސީ މަސްރަހު ފިނިކުރުމަށް ވެސް އޮތް ފުރުސަތެކެވެ. އެ ތަހުގީގު ކުރުމުގެ ބޭނުމަކީ ވެސް އެއީ އެވެ.
އެހެން ނަމަވެސް އެ ރިޕޯޓާ ގުޅިގެން ފެނިގެން ހިނގައިދާނެ ކަމަށް ބެލެވޭ މަންޒަރުތަކުން މިހާރު ވަނީ ކަންބޮޑުވާން ޖެހޭ ދަރަޖަ އަށް ކަންތައްތައް ގޮސްފަ އެވެ. ބައެއް ބޭފުޅުންގެ ނަޒަރުގައި ރިޕޯޓް ނެރޭ ދުވަހު މުޅި ރާއްޖެ ވަރަށް ބޮޑަށް ހަލަބޮލިވުމުގެ ފުރުސަތު ބޮޑެވެ. ފެބްރުއަރީ 7 ގައި ރާއްޖެ އަށް ބަޣާވާތެއް ގެނެސްފިކަން ޔަގީންވެއްޖެ ނަމަ އެއްބަޔަކު ވެރިކަން އަލުން ފުރޮޅާލަން މަސައްކަތް ކުރާނެ ކަމަށާއި ދުވަހުން ދުވަހަށް އިންސާފު ހޯދަން މަސައްކަތް ކުރާނެ ކަމަށް ބުނެފައިވުމަކީ މަސްރަހު އިތުރަށް ހަލަބޮލިވާނެ ކަމެކެވެ. އަނެއްކޮޅުން ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ރިޕޯޓްގައި އޮވެއްޖެ ނަމަ އެއީ ސަރުކާރާ އިއްތިހާދުވެފައިވާ ޕާޓީތަކުން ވެސް ގަބޫލުކުރާނެ ކަމެއް ކަމަކަށް މިހާރަކު ނުފެނެ އެވެ.
ކޯނީ އަށް ބާރުތައް ދިނުމަށް ފަހު މިނިވަން ކަމާ އެކު ރިޕޯޓެއް އެކުލަވާލަން ފުރުސަތު ދިނީ އެންމެ ބޭނުމެއްގަ އެވެ. އެއީ ގައުމީ މަސްލަހަތަށް ޓަކަ އެވެ. އާންމުންގެ ހިތުގައި ހުރި ސުވާލުތަކަށް ޖަވާބެއް ހޯދުމަށެވެ. މަސްރަހު ފިނިކުރުމަށެވެ. އެއީ އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ވާނެ ކަމެއް ނޫނެވެ. އެހެން ނަމަވެސް އެ ރިޕޯޓާ އެކު، ގައުމު އިތުރަށް ހަލަބޮލިވެ ހަމަނުޖެހުމެއް ހިނގައިފި ނަމަ އެއީ ގައުމަށް އަނެއްކާ ވެސް ގެއްލުންތަކެއް ކުރިމަތިވާނެ ކަމެކެވެ. ގައުމުގެ އިގުތިސާދަށާއި އާންމު ދިރިއުޅުމަށް އަނެއްކާ ވެސް ބުރޫތަކެއް އަރާނެ ކަމެކެވެ.
ރިޕޯޓާ ގުޅިގެން ކުރަން ޖެހޭ ކަންތައްތައް ކުރަންވާނީ ގައުމަށް ގެއްލުން ނުވާނެ ގޮތަކަށެވެ. އެބައެއްގެ ހައްގުތައް ހޯދަން މަސައްކަތް ކުރަން ޖެހޭނީ ގާނޫނީ އިމުގެ ތެރޭގައި ގާނޫނީ ތަރަހައިގެ ތެރޭގައި، އެހާމެ ކެތްތެރިކަމާ އެކު އެވެ. ރިޕޯޓްގައި ކޮންމެ ގޮތަކަށް ވެސް އޮވެދާނެ އެވެ. ކޮންމެ ވެސް ބައެއްގެ މައްސަލަތަކެއް ފެނިދާނެ އެވެ. އެހެން ވިޔަސް، މިއީ އެންމެންގެ ވެސް ގައުމެއްކަން ގަބޫލުކޮށް ޒާތީ މަސްލަހަތު އެއްކިބާކުރަން ޖެހެ އެވެ. ކޯނީގެ ރިޕޯޓް "ބިރުވެރި" ރިޕޯޓެއްގެ ގޮތުގައި ސިފަކުރެވިގެން ނުވާނެ އެވެ. އެ ރިޕޯޓާ ގުޅިގެން މުޅި ގައުމު އަނެއްކާ ވެސް ފިތުނަ ފަސާދައިގެ ތެރެއަށް ވެއްޓި ބޮޑު ހަމަނުޖެހުންގަނޑެއް އުފެދޭކަށް ބޭނުމެއް ނޫނެވެ.
ގައުމީ އިއްތިހާދުގެ ޖަލްސާ
15 comments