މިއަދަކީ މި އަހަރުގެ ރޯދަ މަހުގެ އެންމެ ފަހު ދުވަހެވެ. މާދަމާ އަކީ އީދު ދުވަހެވެ. އީދުގެ ތަހުނިޔާ ހުރިހާ ބޭފުޅުންނަށް ވެސް ފޮނުވަމެވެ. އަދި މި އަހަރުގެ އީދު އަޅުގަނޑުމެންނާ ކުރިމަތިލީ ބޮޑު ބަންދެއްގެ ތެރޭގައި ކަމަށް ވާތީ، ރަށްރަށަށް ފުރައިގެން ދިއުމުގައި ރައްކާތެރިކަން ހޯދުމަށް އިލްތިމާސް ކުރަމެވެ.
މި ރޯދަ މަހަކީ ވަރަށް ގިނަ ގޮތްގޮތުން ފާހަގަކޮށްލެވޭ މަހެކެވެ. ހާއްސަކޮށް އެހެން އަހަރުތަކުގައި ދިމާވަމުން އަންނަ ބައެއް ދެރަ، ހިތާމަވެރި އަދި ދަތި ކަންތައްތައް މި ރޯދަމަހު ދިމާނުވާކަން ޝުކުރުވެރިކަމާ އެކު ފާހަގަކުރަން ޖެހެ އެވެ. އޭގެ ތެރޭގައި މަގުމަތީގެ ބޮޑެތި އެކްސިޑެންޓްތައް ހިމެނެ އެވެ. ކުދިކުދި ބައެއް އެކްސިޑެންޓްތައް ހިނގާފައި ހުރި ނަމަވެސް މީހެއްގެ ފުރާނަ އަށް ގެއްލުންވާވަރުގެ ބޮޑު އެކްސިޑެންޓެއް ހިނގައިފައެއް ނުވެ އެވެ. އެހެން ރޯދަ މަސްތަކުގައި މިފަދަ ހާދިސާތައް ވަރަށް ގިނައިން ތަކުރާރުވެ، ބައެއް މީހުންގެ ފުރާނަ ވެސް ގެއްލިފައި އެބަހުއްޓެވެ.
ގޭންގު މާރާމާރީ އާއި ތަޅާފޮޅުމުގެ ބޮޑު އެއްވެސް ހާދިސާއެއް މި ރޯދަމަހުގެ ތެރޭގައި ހިނގައިފައެއް ނުވެ އެވެ. އެހެން ނަމަވެސް ތާރީހުގެ ތެރެއަށް ވަދެގެން ދިޔަ ލާންސް ކޯޕްރަލް އާދަމް ހަލީމް ވަޅީގެ ހަމަލައަކުން ދުނިޔެ ދޫކުރީ މި ރޯދަ މަހުގެ ފުރަތަމަ 10ގެ ތެރޭގަ އެވެ.
ރޯދަ މަހުގެ ތެރޭގައި އެންމެ ބޮޑު މައްސަލައަކަށް ދެން ވެފައި އޮންނަނީ ތަކެތީގެ އަގުތައް ބޮޑުވެ، ބައެއް އާންމު މުދާ ހުސްވާ މައްސަލަ އެވެ. އެހެން ނަމަވެސް މި ރޯދަ މަސް ނިމިގެން މިދިޔައީ އާންމު މުދާ އެއްވެސް ތާށިކަމެއް ނެތި ލިބެން ހުރެ، އަދި އެތަކެތީގެ އަގު ވެސް ވަރަށް ދަށްކޮށް ހުއްޓަ އެވެ. ރޯދަ ފެށުނީއްސުރެ ފިޔާކިލޯއެއްގެ އަގު ހުރީ 8ރ. ގަ އެވެ. އަލުއްވާއި ބިހުގެ އަގު ވެސް ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. މޭވާ އާއި ތަރުކާރީ ހުސްވުމެއް ނެތި ލިބެމުން ދިޔަ އެވެ.
އެހެން އަހަރުތަކާ ހިލާފަށް މި ރޯދަ މަސް ފާހަގަކުރެވިގެން ދިޔަ މައިގަނޑު އަނެއް ކަމަކީ ސިޔާސީ ބޮޑެތި މުޒާހަރާތަކެއް ކުރަމުން ދިއުމެވެ. ރޯދަ މަސް ފެށިގެން ފުރަތަމަ 20 ދުވަސް ހޭދަވީ އެމްޑީޕީގެ މުޒާހަރާތަކެއްގެ ތެރޭގަ އެވެ.
އަޅުކަމުގެ މި މާތް މައްސަރު ނިމިގެން ގޮސް އަޅުގަނޑުމެން ދެން އަނެއްކާ ވެސް މި ކުރިމަތިލަނީ އާންމު ދުވަސްތަކާ އެވެ. ހަލަބޮލި ދުވަސްތަކަކާ އެވެ. ކޮންމެ ދުވަހަކީ ވެސް ގައުމާ ދޭތެރޭ ވިސްނާ ދުވަހަކަށް ހަދަން ޖެހެ އެވެ. ކުށް މަދުކުރެވޭތޯ ފަރުދީ ގޮތުން ވެސް މަސައްކަތް ކުރަން ޖެހެ އެވެ. އިސްކަން ދޭންވީ އަމާންކަމާއި ސުލްހައަށެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީ
10 comments