އެޑިޓޯރިއަލް

ޗައިނާގެ އެހީތަކާއި ބައެއް ގައުމުތަކުގެ ކަންބޮޑުވުން

05 ސެޕްޓެމްބަރ 2012 09:10 11 ކޮމެންޓު

އޮކްޓޫބަރު ،14 1972 ގައި ރާއްޖެއިން ސިޔާސީ ގުޅުން ގާއިމުކުރި ޗައިނާ އަކީ އޭގެ ކުރިން ވެސް ރާއްޖެއާ އެތައް ގޮތަކުން ގުޅިފައިވާ ގައުމެކެވެ. މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ކާބަފައިން ވަނީ ޗައިނާއާ އެކު ވިޔަފާރީގެ ގުޅުންތައް ގާއިމުކޮށްފަ އެވެ.

މީގެ 800 އެތައް އަހަރެއް ކުރިން ވެސް ރާއްޖެ އާއި ޗައިނާއާ ދެމެދު ވިޔަފާރީގެ ގުޅުންތައް އޮތް ކަމާއި އެއް ގައުމުން އަނެއް ގައުމަށް އެކި ފެންވަރުގެ މީހުން ދަތުރުކޮށް އުޅުނުކަން ތާރީހުން އެނގެ އެވެ. ޗައިނާއާ އެކު ރާއްޖެ އިން ބާއްވަމުން އަންނަ ގުޅުން އާ ހަރުފަތަކަށް ބަދަލުވާން އުޅޭ ކަމުގެ ނިޝާންތަކެއް ދަނީ ފެންނަމުންނެވެ. އަދި އެ ނިޝާންތަކާ އެކު އަވަށްޓެރި ގައުމުތަކުގެ މެދުގައި އެކި ގޮތްގޮތަށް އެ ވާހަކަ ދެކެވެ އެވެ. އެގޮތުން އެންމެ ގާތް އަދި މުހިންމު ގުޅުންތަކެއް ރާއްޖެ އިން ބާއްވަމުން އަންނަ އިންޑިއާގެ ކަންބޮޑުވުންތައް ފާހަގަކޮށްލަން ޖެހެ އެވެ. އަދި މި ސަރަހައްދުން ބޭރުގެ ބައެއް ގައުމުތަކުން ވެސް މިކަމާ މެދު ފުންކޮށް ވިސްނަމުން ގެންދާނެ އެވެ.

ރާއްޖޭގެ ރައީސް މުހައްމަދު ވަހީދު ޗައިނާ އަށް ވަޑައިގެން، އެ ގައުމުން 500 މިލިއަން ޑޮލަރުގެ އެހީ ދިނުމާ ބެހޭ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައި ވުމަކީ އުފާވެރި ޚަބަރެކެވެ. ނަމަވެސް މިއީ ރާއްޖެއާ އެންމެ އަވަށްޓެރި އަދި އެންމެ މުހިންމު ގުޅުންތައް ބާއްވަމުން އަންނަ ގައުމުތަކާ ދެމެދު ގުޅުން ހީނަރުވާނެ އެހީތަކަކަށް ވެގެން ނުވާނެ އެވެ. އެހެން ގައުމުތަކުން ދޭ އެހީތަކަށްޓަކައި، މި ސަރަހައްދުގެ ގައުމުތަކުގެ ކަންބޮޑުވުންތަކަށް ރާއްޖެ އިން އަޅާނުލައި ތިބެގެން ވެސް ނުވާނެ އެވެ. މާނަ އަކީ މި ސަރަހައްދުގެ ސަލާމަތީ ރައްކާތެރިކަމަށް މި ސަރަހައްދުގެ ގައުމުތަކުން ކުރާ މަސައްކަތަށް ރާއްޖެ އިން ވެސް ފުރިހަމަ އަށް އެއްބާރުލުން ދޭން ޖެހޭނެ ކަމެވެ. ޒަމާންވީ އެކުވެރި އެހެން ގައުމުތަކާ ރާއްޖެ އިން ފެއަށް ޖެހިގެން ވެސް ނުވާނެ ކަމެވެ.

ރާއްޖެ އާއި ޗައިނާގެ ގުޅުން ބަދަހިވަމުން ދާއިރު އިންޑިއާ އިން ކަންބޮޑުވެ އެވެ. އިންޑިއާގެ ވަށައިގެން ހުރި ހުރިހާ ގައުމެއްގައިހެން ޗައިނާގެ ބާރު ގަދަ އެވެ. މިއީ އިންޑިއާގެ ކަންބޮޑުވުމެކެވެ. މި ކަންބޮޑުވުމަށް ޗައިނާ އިން ދާދި ފަހުން ވެސް ވަނީ ނުސީދާ ގޮތެއްގައި އިންޑިއާ އަށް އިޝާރާތެއް ދީފަ އެވެ. އެ ގައުމުގެ އިސް އޮފިޝަލަކު ދާދި ފަހުން ވިދާޅުވެފައި ވަނީ އޭޝިއާގައި ޗައިނާގެ ގުޅުންތައް ވަރުގަދަކުރިޔަސް "ތިން ވަނަ ފަރާތެއް" ބިރު ގަންނަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް ހަމަ އޭގެ ފަހުން އަނެއްކާވެސް ބުނެފައި ވަނީ އޭޝިއާގެ ކުރިއެރުމަށް ޗައިނާ ބޭނުންވާނެ ކަމަށާއި ޗައިނާއާ ނުލައި މިހާރު ދެން ކުރިއަށް ވެސް ނުދެވޭނެ ކަމަށެވެ.

ސަރަހައްދީ ބާރުގެ ތިލަފަތަށް ދަނީ ބަދަލުތައް އަންނަމުންނެވެ. މި ބަދަލުތަކުގެ ތެރޭގައި، އެހެން ގައުމުތަކަށް ބަރޯސާވަން ޖެހޭ ރާއްޖެ ފަދަ ގައުމުތަކުން ކުރިއަށް ދާން ޖެހޭނީ ވަރަށް ބޮޑަށް ވިސްނައިގެން ހުރިހާ ގައުމެއްގެ މަސްލަހަތަށް އެންމެ ބޮޑަށް ފައިދާވާނެ ގޮތެއް ބަލައިގެންނެވެ. އަދި އެ ގުޅުންތަކުގެ ސަބަބުން ރާއްޖޭގެ ކުރިއެރުމާއި އެކި ދާއިރާތަކުން ލިބޭ އެހީތަކުގެ މުހިންމުކަން ވެސް ކުޑައެއް ނޫނެވެ. ރާއްޖެ އަށް މިދަނޑިވަޅުގައި ގިނަ އެހީތަކެއް ބޭނުންވެ އެވެ. އެއީ އެހެން ގައުމުތަކުގެ ވިސްނުމުން ވެސް ކެހިގެން ވާނެ ކަމެއް ނޫނެވެ.

ރާއްޖެ ކަހަލަ ކުޑަ ގައުމެއްގައި އަބަދުވެސް ބޭރުގެ ސިޔާސަތު ކަނޑައަޅާ އިރު ވަރަށް ގިނަ ކޮޅުކޮޅަށް ފިކުރު ހިންގަން ޖެހެ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ ބޭރު ގައުމުތަކުން ބޮޑެތި އެހީ ހޯދުމުން އެހެން ގައުމުތަކުން އެކަމާ މެދު ދެކޭ ގޮތް ކޮންމެވެސް ވަރަކަށް ބަދަލުވެ އެވެ. ސަރުކާރުން ޖެހޭނީ އެ ގައުމުތަކަށް ރާއްޖޭގެ ބޭރުގެ ސިޔާސަތުގެ ޔަގީންކަން ދޭށެވެ.

11 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait