(ޑިސެމްބަރު 16 ވަނަ ދުވަހުގެ އޮންލައިން އަދަދާ ގުޅޭ)
ރާމިޒު ވާހަކަ ދެއްކިޔަސް ރައްދެއް ނައުމުން، އޭނާ އަޒުމާއާ ދިމާއަށް ބަލާލި އެވެ. އަތުގައި ކޮއްޓާލައިފައި ކިހިނެއްވީތޯ ބޮލުން އަހާލި އެވެ. އަޒުމާ އިނީ ފާޑަކަށް ގަބުވެފަ އެވެ. ދުވަހަކު ވެސް ނަތާޝާ ބަދަލެއް ނުވާނޭ އޭނާގެ ހިތް ބުނަނީ އެވެ.
"ކީކޭ؟" ސިހިފައި އަޒުމާ އަށް ބުނެވުނެވެ
"ހެނދުނު ހެނދުނާ ކޮން ދުނިޔެއެއްގަ...ކޮބާ މަގޭ ސޭންޑްވިޗް؟" ރާމިޒް އެހެން ބުނުމުން، އަޒުމާ ފްރިޖުން ސޭންޑް ވިޗް ތަށި ގެނެސް ބެހެއްޓި އެވެ.
އެވަގުތު ރާމިޒުގެ ފޯން ރިންގް ވާން ފެށި އެވެ.
"ނޫނޭ އެޕޮއިންޓްމަންޓް ދިހައެއް ޖަހާ އިރަށް ސެޓްކޮށްފަ މިހާރު އޮންނާނީ. އާދިލް އާ ގުޅާލަބަލަ. ޑޮކިއުމަންޓުގައި ޓައިޕިން މިސްޓޭކްތަކެއް ހުރެގެން ރަނގަޅު ކުރަން އޭނާ އާ ހަވާލުކޮށްފަ އޮންނާނީ،" ރާމިޒު ފޯނު ނެގުމަށް ފަހު ވާހަކަ ދައްކަމުން ގެންދިޔަ އިރު ވެސް އަޒުމާގެ މޫނަށް ބަލަމުން ގެންދިޔަ އެވެ. "އަހަރެން ވެސް އެބަ އަންނަން ތަންކޮޅެއް އަވަހަށް. އެޕޮއިންޓްމަންޓުގެ ކުރިން ޑިސްކަސްކޮށްލަން ކުދިކުދި ކަންތަކެއް ވެސް އެބަހުރި. އޯކޭ."
ފޯނު ޖީބަށް ލުމަށް ފަހު، ރާމިޒް އަޒުމާގެ އަތުގައި ހިފާލި އެވެ. އަދި އިށީނުމަށް އެދުނެވެ.
"ލިއުޝާ އަށް މިހާރު ލާރި ފޮނުވީތަ؟ މަގޭ އަތުގަ ވެސް އެބަހުރި ޑޮލަރުކޮޅެއް. ކުރިން ހަނދާން ނެތުނިއްޔޭ އަޒުމާ ކައިރީ އެ ވާހަކަ ބުނަން،" ސޭންޑްވިޗެއް ނަގަމުން ވަރަށް ގަޔާވެލާފައި ރާމިޒު ވާހަކަ ދެއްކި އެވެ.
ރާމިޒުގެ އެ ސުވާލަށް އަޒުމާ ޖަވާބު ދިނީ ބޯ ޖަހާލަމުންނެވެ. އަދި ފްރިޖުން ޖޫސް ޕެކެޓް ގެނެސް ތައްޓަކަށް އަޅަން ފެށި އެވެ.
"މިއަދު ސެންޑްވިޗް ހާދަ މިރޭ. ކުރީ ދުވަސް ދުވަހަށް ވުރެ ތަފާތު ރަހައެއް ވެސް އެބަހުރި،" ކަމުން ރާމިޒް ބުންޏެވެ.
"އެހެންތަ؟ ރާމިޒް ތިހެން ބުނޭތޯ މި އިންނަނީ ވެސް. ކޮންމެ ދުވަހަކު އެކައްޗެއް ހެދީމާ ކިހާ ފޫހިވާނެކަން މަށަށް އިނގެއޭ،" ޖޫސް ތަށި ރާމިޒް ކައިރީ ބަހައްޓަމުން އަޒުމާ ބުންޏެވެ. "އެހެންވެ މި އަދު ލޯބި އަޅާފަ ހުންނާނީ."
"ކީކޭ؟" ކުއްލިއަކަށް، ހިނިގަނޑެއް ޖަހާލަމުން ބުނެލި އެވެ.
"ކިހިނެއްވީ...މައްސަލައެއްތަ؟ ރާމިޒަށް ވަރަށް މީރު އެއްޗެއްނުނ ބީޓްރޫޓަކީ. އެހެންވެ ބީޓްރޫޓް އަޅާފަ ތިހިރީ. މީރު ދޯ؟" ކައިރީގައި ކޮޅަށް ހުރެ ރާމިޒުގެ ކަނދުރާގައި އަތުގެ އިނގިލިތަކުން ފިރުމަމުން އަޒުމާ ބުންޏެވެ."
"ޔަގީންތާ...އެއީ އެކަމަކު އޭގެ ސިއްރަކީ ބީޓްރޫޓެއް ނޫން. އަޒުމާގެ ލޯބި." އަޒުމާގެ އުނަގަނޑުގައި އަތް އަޅުވާލަމުން ރާމިޒް ބުންޏެވެ.
އޭނާ ޖޫސް ތަށި ނެގުމަށް ފަހު، ރާމިޒުގެ ތުންފަތުގައި ޖައްސާލި އެވެ.
އޭޑީކޭ ހޮސްޕިޓަލަށް ގޮސް ފައިސަލް ޑޮކްޓަރަށް ދައްކައިގެން ގޭޓް ކައިރި އަށް ނިކުތް ތަނާ ފައިސަލަށް ނަތާޝާ ފެނުނުވެ. ގޭޓް ކައިރީ މަޑުކޮށްލައިގެން ދެކޮޅު ހޯދާލަ ހޯދަލަ ހުއްޓަ އެވެ.
"ނަތާ،" މަންމާ އެކު ގޮސް ފައިސަލް ނަތާޝާގެ ފުރަގަހަށް މަޑުކޮށްލާފައި ގޮވާލިވި އެވެ. ސިހިފައި ނަތާޝާ އެނބުރި ބަލާލި އިރު ފައިސަލް އާއި އޭނާގެ މަންމަ ވަރަށް ހެވިފައި ތިއްބެވެ. ހައިރާންވެގެން ގޮސް ނަތާޝާ އަށް ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ.
"މަންމާ މީ ނަތާ...ނަތާ މީ މަގޭ މަންމަ،" ފައިސަލް ތައާރަފްކޮށް ދިނުމުން ނާސިހާ ނަތާޝާ އާ ސަލާންކޮށްލަން އަތް ދިއްކޮށްލި އެވެ. ހުރި ހައިރާންކަން މަތީގައި ހުރެފައި ނަތާޝާ ވެސް އަތް ދިއްކޮށްލި އެވެ.
"ނަތާގެ ވާހަކަ ފައިސަލް ވަރަށް ދައްކައޭ. އަދި ކިރިޔާ މި ދިމާވީ ދޯ؟ ނާސިހާ ނަތާޝާ އަށް ބަލަމުން ވާހަކަ ދެއްކި އެވެ. "ކީއްކުރަން ހޮސްޕިޓަލަށް އައިސްގެން ތި އުޅެނީ...އަނެއްކާ ހާލު ރަނގަޅުތަ؟"
"ހަމަ ބަރާބަރު ދޯ ފައި؟ ނަތާޝާ ފައިސަލާ ދިމާލަށް ބަލަމުން ބުންޏެވެ. "ކުޑަކުޑަ ޗެކަޕެއް ހަދާލަން ޖެހިފަ އޮތީމަ ޖައްސާލީ. ނަސީބެއްނު ޓެކްސީ ލަސްވިކަން ވެސް. ފައިގެ މަންމަ އާ ވެސް މީޓްވާ ގޮތް މިވީ."
"ހިނގާ ދަމާ...ނަތާ އޮފީހަށް ސްޓޫޑިއޯ އަށް ވައްޓާލަ ދޭނަމޭ،" ފައިސަލް ވަރަށް އުފާވެފައި ބުންޏެވެ.
"މަންމަ އަށް ފެންނަނީ އެންމެން އެކުގަ ކޮފީއަކަށް ދާން. އެގޮތް ކިހިނެއް ވާނެ ނަތާ؟" ނާސިހާ އަހާލި އެވެ.
"ހަމަ އޯކޭ ވާނެ." ކުޑަކޮށް ފަސްޖެހިފައި ނަތާޝާ ބުންޏެވެ.
"އޯކޭ،" ފައިސަލް ކާރާ ދިމާއަށް ދަމުން ބުންޏެވެ. ނަތާޝާ އާއި ނާސިހާ ވެސް ފައިސަލްގެ ފަހަތުން ދިޔަ އެވެ. އަދި އެންމެން އެކުގައި ގޮސް ކާރަށް އެރި އެވެ.
ނާސިހާ އާއި ނަތާޝާ ތިބީ ކާރުގެ ފަހަތު ސީޓްގަ އެވެ. ފައިސަލް ވަރަށް ޝައުގުވެރިކަމާ އެކު ލޯގަނޑުން ދެ މީހުންނަށް ބަލަމުން ގެންދިޔަ އެވެ. ނަތާޝާ އާއި މަންމަ ހީހީފައި ވާހަކަ ދައްކާ ތަން ފެނުމުން ފައިސަލް ހިތް އުފަލުން ފުރުނެވެ. އޭނާގެ ހިތަށް އެރި އެވެ. ނަތާޝާ އޭނާގެ ހަޔާތަށް ގެނެވުމުން ހުރިހާ އުންމީދެއް ފުރިހަމަވީ އެވެ. އޭނާގެ ހަޔާތުން އާ ސޮފްހާއެއް ފެށި، މަންމަ އަށް ވެސް ބޮޑު އުފާވެރިކަމެއް ލިބޭނެ އެވެ. ގޭތެރެ އަށް ވެރިވެފައިވާ ފަޅުކަމަށް ނިމުމެއް އަންނާނެ އެވެ. ފައިސަލަށް އެންމެ އިންތިޒާރު ކުރެވޭ ދުވަހަކީ ވެސް އެއީ އެވެ.
ހިތްގައިމު ރެސްޓޯރެންޓަކަށް ފައިސަލް ކާރު މަޑު ކުރި އެވެ. އަދި ތިން މީހުން އެކުގައި ގޮސް އެތެރެއަށް ވަދެއްޖެ އެވެ.
އެ މީހުން ގޮސް މޭޒެއްގެ ކައިރީގައި އިށީނުމުން، ވެއިޓަރު އޯޑަރު ނެގި އެވެ.
"ދަރިފުޅުމެން ދެ ކުދިން ވެސް ރޭގަ ތެމުނީދޯ؟" ހިނިތުންވެލާފައި ނާސިހާ އަހާލި އެވެ.
ނަތާޝާ އަށް ކުއްލިއަކަށް ބަލާލެވުނީ ފައިސަލާ ދިމާއަށެވެ. އަދި ލަދުރަކި ގޮތަކަށް ހިނިތުންވެލި އެވެ.
"މަގޭ ފައިސަލް ދުވަހަކު ވެސް ބޮޑެއް ނުވާނެ...ވާރޭ ދެކެ އެހާ ލޯބި ވާނެ. ހުމާ އެހާ ރައްޓެހި ވާނެ." ނާސިހާ ބުންޏެވެ. "އަދި ހާއްސަކޮށް ރޭގަނޑު ނުތެމޭށޭ ބުންޏަސް އެ އަޑެއް ދުވަހަކު ވެސް އިވޭ ކަމަކަށް ނުވާނެ."
"މަންމަ އަށް އިނގޭތަ ނަތާ ވެސް ވާރޭ ދެކެ ވަރަށް ގަޔާވެއޭ. އެހެންވެ ދެ މީހުން އެއްކޮށް ތެމުނީ...ދޯ ނަތާ؟ ފައިސަލް ނަތާޝާ އަށް ބަލަމުން ބުންޏެވެ.
"ފައި،" ރަކިވެފައި ނަތާޝާ ބުންޏެވެ.
އެ ދުވަހުގެ ފުރަތަމަ އެ ބައްދަލުވުން އެގޮތަށް ނިމިގެން ދިއައީ އެވެ. ނަތާޝާގެ އެއް ބޮލުގެ ރިހުން ކެނޑުނީ އެވެ. ފައިސަލް ނުވެގެން އުޅުނު ކަންތައް ވެސް ވެގެން ދިޔައީ އެވެ. އެ އުފާ ނަތާޝާ އަށް އިހުސާސް ކުރެވެ އެވެ. (ނުނިމޭ)

6 comments