ދިވެހި ފިލްމް އިންޑަސްޓްރީ

ދިވެހި ސިނަމާގެ އެންމެ މޮޅު ފިރިހެން 10 އެކްޓަރުން

އަހުމަދު ނަދީމް
16 ފެބުރުއަރީ 2012 12:01 44 ކޮމެންޓު
 • ޔޫސުފް ޝަފީއު (ޔޫއްޕެ)

 • މުހައްމަދު މަނިކު

 • އަލީ ސީޒަން

 • އަލީ ޝަލީމް

 • އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)

 • ރަވީ ފާރޫގު

ދިވެހި ސިނަމާގައި ފިލްމު އުފައްދާ ގިނަ މީހުންނަށް ފެންވަރު ރަނގަޅު މޮޅެތި ފިލްމުތަކެއް ގެނެސްދޭން ނޭނގުނަސް މި ދާއިރާ މިއީ އަދި ހުނަރުން ހުސްވެފައިވާ ދާއިރާއެއް ނޫނެވެ. ފިލްމީ ދާއިރާ އިން އެންމެ ފާހަގަކޮށްލެވޭ ހުނަރުވެރިން ތިބީ ކެމެރާގެ ކުރިމަތީގަ އެވެ. އެއީ އެކްޓަރުންނެވެ. އެކްޓަރުންނަކީ ހަގީގަތުގައި ދިވެހި ސިނަމާގެ މުސްކުޅި އިންޖީނުގެ ހަމައެކަނި ހަކަތައޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ދިވެހި ސިނަމާގައި ކާމިޔާބު ހޯދި ގިނަ ފިލްމުތަކުގެ އެ ކާމީޔާބީގެ ސިއްރަކީ ފިލްމީ ދާއިރާގެ ބޮންތީގައި ތިބި އެކްޓަރުންނެވެ. ދިވެހި ސިނަމާ އަކީ ހުނަރަށް ވުރެ ރީތި ކަމަށް އިސްކަންދޭ ދާއިރާއެކެވެ. ނަމަވެސް އެކްޓަރުންގެ ތެރޭގައި ވެސް ވަރަށް މޮޅެތި ފަންނާނުންތަކެއް އެބަ ތިއްބެވެ.

މިހާ ހިސާބުން ދިވެހި ސިނަމާގެ އެންމެ މޮޅު ފިރިހެން 10 އެކްޓަރުންނަށް ބަލާލަމާ ހިނގާށެވެ. މިއީ އަޅުގަނޑުގެ ހޮވުމެވެ.

10- އަބްދުﷲ "މުއާ" މުއާޒް:

ފިލްމު ކުޅުމަކީ އޭނާ ކިޔަވަން އުޅުނުއިރު ވެސް ވަރަށް ކުރާ ހިއްވި ކަމެކެވެ. ނަމަވެސް އެ ފުރުސަތު ލިބުނީ ކިޔެވުން ނިންމާލުމަށް ފަހު ރަށުން މާލެ އަށް ބަދަލުވި ފަހުންނެވެ. އެންމެ ފުރަތަމަ ބެލުންތެރިންނާ ބައްދަލުކުރީ ޑްރާމާއަކުންނެވެ. އޭގެ ފަހުން މިހާރު ފީޗާ ހަތަރު ފިލްމު ކުޅެފައިވާއިރު ތިން ފިލްމު ބެލުންތެރިންނާ ބައްދަލުކޮށްފައިވެ އެވެ. އޭނާ ލީޑް ކުޅެފައިވާ "އިނގިލި" އަށް ވެގެންއުޅޭ ގޮތެއް އަސްލު ނޭނގެ އެވެ. މުއާ ކުޅެފައިވާ ވީޑިއޯ ލަވަތަކުގެ އަދަދު ވެސް އުޅެނީ ވަރަށް މަތީގަ އެވެ.

އަބްދުﷲ މުއާޒު

ގިނަ ލަވަ އާއި ފިލްމު އަދި ޑްރާމާ ކުޅުމަކީ މީހަކު ވަކި މޮޅުވާނެ ކަމެއް ނޫނެވެ. ނަމަވެސް މުއާ އަކީ ކުރު މުއްދަތެއްގެ ތެރޭގައި ފިލްމީ ދާއިރާގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާ އެކްޓަރެކެވެ. އޭނާ އަކީ އެންމެ ފަހުން ބޭއްވި މޯލްޑިވްސް ފިލްމު އެވޯޑްސްގެ އެންމެ މޮޅު ސަޕޯޓިން އެކްޓަރު ވެސްމެ އެވެ.

9- އަލީ ސީޒަން:

ދިވެހި ފިލްމީ ދާއިރާ އަށް އޭނާ ވަނީ 1998 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ ކުޅުނީ ލަވައެކެވެ. އޭގެ ފަހުން އޭނާ ކުޅުނު ލަވަތަކުގެ އަދަދު ލަފާކޮށްލެވޭ ވަރަށް ވުރެ ވެސް ގިނަ އެވެ. ލަވަތަކުން ހޯދި މަޝްހޫރުކަމާ އެކު ފުރަތަމަ ބެލުންތެރިންނާ ބަދަލުކުރި ފިލްމަކީ "ހިތް އެދެނީ" އެވެ. ފިލްމީ ދާއިރާ އަށް އަލަސް، އޭނާ އަކީ ހުނަރުގެ ގޮތުން އޭރު ތިބި އެކްޓަރުންނަށް ދޫނުކުރާ ވަރުގެ އެކްޓަރެއްކަން ސާބިތުކޮށްދިނީ އެ ފިލްމުން، ތިން ވަނަ ގައުމީ އެވޯޑްސްގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލުކޮށްގެންނެވެ.

ދިވެހި ސިނަމާގެ ބޮޑު ސްކްރީނުން ޖާގަ ހޯދިފަހުން އަލީ ސީޒަންވެފައި ވަނީ ބެލުންތެރިންގެ ލޯބި އެންމެ ބޮޑަށް ހޯދާފައިވާ ތަރިންގެ ތެރޭގަ އެވެ. ހާއްސަކޮށް އަންހެން އޯޑިއެންސްގެ ތަރުހީބު އޭނާ އަށް ބޮޑެވެ.

"ހިތް އެދެނީ" ގެ އިތުރުން ސީޒަންގެ ކާމިޔާބު ފިލްމުތަކުގެ ތެރެއިން ޖިންނި، 14 ވިލޭރޭ، ޒަހަރު އަދި ޒުލޭހާ ފާހަގަކޮށްލެވެ އެވެ. ހަތަރު ވަނަ ގައުމީ އެވޯޑްސްގައި އޭނާ އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑް ގެންދިޔައީ "ޒުލޭހާ" އިންނެވެ. ކުރިއަށް އޮތީ ވެސް އޭނާގެ ފިލްމެކެވެ. އެއީ "މި ހަށިން ފުރާނަދަންދެން" އެވެ.

8- ރަވީ ފާރޫގް:

މިއީ ފިލްމީ ތަރިންގެ އާއިލާ އަށް ނިސްބަތްވާ ފަންނާނެކެވެ. ބެލުންތެރިންގެ ލޯބި އޭނާ އެންމެ ފުރަތަމަ ހޯދީ ޑާންސަރެއްގެ ގޮތުގަ އެވެ. މިހާރު އޭނާ އަކީ ދިވެހި ފިލްމީ އުދަރެހުން ފާހަގަކޮށްލެވޭ އެންމެ އުއްމީދީ އެކްޓަރެވެ. އޭނާ މޮޅީ ހަމައެކަނި ޑާންސަރެއްގެ ގޮތުގައެއް ނޫނެވެ. ފިލްމު "ލޫދިފާ" އިން އޭނާ އެ ވަނީ އެކަން ސާބިތުކޮށްދީފި އެވެ. މިއީ ފިލްމީ ދާއިރާގެ އެންމެ އުހުގައި ތިބި އެކްޓަރުންނަށް ގޮންޖަހާލުމުގެ ގާބިލުކަން ހުރި އެކްޓަރެކެވެ.

7- ޔޫސުފް ޝަފީއު (ޔޫއްޕެ) :

މިއީ ދިވެހި ފިލްމީ ދާއިރާގެ އެންމެ ކާމިޔާބު އަދި އެންމެ އަގު ބޮޑު އެކްޓަރެވެ. ޑައިރެކްޓަރު އަމްޖަދު އިބްރާހިމްގެ "ގުރުބާނީ" އަކީ އޭނާ ބެލުންތެރިންނާ ބައްދަލުކުރި ފުރަތަމަ ފިލްމެވެ. އުމުރުން 21 އަހަރުގައި ފިލްމީ ދާއިރާ އަށް ނުކުތް ބަތަލްގެ ފުރަތަމަ ފިލްމަކީ ވެސް ރާއްޖޭގައި ސުޕަ ހިޓެކެވެ. ސިނަމާގައި އަދި ބެލުންތެރިންގެ ހިތްތަކުގައި މިހާރު ވެސް އޭނާ އަކީ އެއް ވަނަ އެވެ. ޔޫއްޕެ އަކީ ނިމިގެން ދިޔަ މޯލްޑިވްސް ފިލްމު އެވޯޑްސްގެ އެންމެ މޮޅު އެކްޓަރު ވެސްމެ އެވެ. އެއީ އޭނާ ކާމިޔާބުކުރި "އެންމެ މޮޅު އެކްޓަރުގެ" ތިން ވަނަ އެވޯޑެވެ. ކުރިން ވަނީ ގައުމީ އެވޯޑްސް އާއި ކްރިސްޓަލް އެވޯޑްސް މޮޅު އެކްޓަރުގެ އެވޯޑް ވެސް ގެންގޮސްފަ އެވެ. އެހެންކަމުން އެކްޓަރެއްގެ ގޮތުގައި ޔޫއްޕެ ހެޓްރިކް ހަދައިފި އެވެ.

ފިލްމީ ދާއިރާގައި 12 އަހަރު ހޭދަކޮށްފައިވާއިރު މިހާތަނަށް 50 ފިލްމު އޭނާ ކުޅެފައިވެ އެވެ. ކުރު ފިލްމުތަކާ އެކު 55 އެކެވެ. އެންމެފަހުން އޭނާ ބެލުންތެރިންނާ ބައްދަލުކުރީ "އިންސާފު" އިންނެވެ.

6- މުހައްމަދު މަނިކު:

އޭނާ ޑްރާމާ ކުޅެން ފެށީ ސްކޫލް ދައުރުގަ އެވެ. އޭނާގެ ޑްރާމާއެއް އެންމެ ފުރަތަމަ ޓީވީއެމުން ދެއްކީ 1989 ވަނަ އަހަރުގެ މާޗް މަހު އެވެ. ނަމަވެސް މަނިކު ރާއްޖެ އަށް މަޝްހޫރުވެގެން ދިޔައީ އޭނާ ސިފައިންގޭގައި ހިދުމަތްކުރިއިރު ސިފައިންގެ ޓެލެޑްރާމާތަކުންނެވެ. އެގޮތުން "ވޭން" އާއި "ޅަފުރާ" އަކީ އޭނާގެ އެންމެ މަޝްހޫރު ދެ ޑްރާމާ އެވެ. "ޅަފުރާ" އިން އޭނާ އެފަހަރުގެ އޮފީސްތަކުގެ ޓެލެޑްރާމާ އިން އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވެސް ހޯދި އެވެ. އޭގެ ފަހުން އޭނާ ގައުމީ އެވޯޑަށް ވެސް ވާދަކޮށްފައިވެ އެވެ.

ފިލްމީ ދާއިރާ އަށް ރަސްމީކޮށް ނުކުތްފަހުން ޝަރަފްވެރި އެވޯޑެއް ލިބިފައި ނެތަސް މިއީ ދިވެހި ސިނަމާގެ އެންމެ މޮޅު އެކްޓަރުންގެ ލިސްޓުން އުނިކޮށްލެވޭ ވަރުގެ ނަމެއް ނޫނެވެ. އެންމެފަހުން އޭނާ ބެލުންތެރިންނާ ބައްދަލުކުރީ "އިންސާފު" އިންނެވެ. އޭގައި ތަމްސީލުކޮށްދީފައިވާ ރޯލާ އެކު އެވޯޑަށް ނޮމިނޭޓްވުމުގެ ފުރުސަތު ވެސް ބޮޑެވެ.

5- އަލީ ވަހީދު:

މިއީ ވެސް ކުރީގެ އޮފީސް ޓެލެޑްރާމާ މުބާރާތުން ފިލްމީ ދާއިރާ އަށް ފުންމާލި ހުނަރުވެރިއެކެވެ. އެޓޮލްސްގެ ތައުބާ، އަބަދަށް، ވާރޭ އަދި ފަންގި ފަދަ ޑްރާމާތަކަކީ އޭނާ އަށް ލިބިފައިވާ އެކްޓްކުރުމުގެ ހުނަރުގެ ތަފާތު ދަރަޖަތަކެއް ގެނެސްދިން ޑްރާމާތަކެކެވެ. މިއީ ވެސް އޮފީސް ޓެލެޑްރާމާގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލުކޮށްފައިވާ ފަންނާނެކެވެ.

އޮފީސްތަކުގެ ޑްރާމާތަކަށް ފަހު އޭނާ ދެން ބެލުންތެރިންނާ ބައްދަލުކުރަން ފެށީ ޓީވީއެމްގެ މަޝްހޫރު ސިލްސިލާ ޑްރާމާތަކުންނެވެ. އެގޮތުން "ލޯބިވާނަމަ" ސިލްސިލާ ޑްރާމާގައި އޭނާ އަދާކޮށްފައިވާ އަނިޔާވެރި ފިރިއެއްގެ ރޯލަކީ ވަރަށް ވެސް ތައުރީފް ހައްގު ރޯލެކެވެ. އޭގެ އިތުރުން "ހިނިތުންވެލާށޭ ކަލާ" އާއި "އިހްތިޔާރު" ގައި ވެސް އޭނާގެ ހުނަރު ފެނިގެންގޮސްފައިވެ އެވެ.

އޭނާ މިހާތަނަށް ކުޅެފައި ވަނީ އެންމެ ދެ ފީޗާ ފިލްމެވެ. އެއީ "އަހަރެން" އާއި "ލޫދިފާ" އެވެ. "ލޫދިފާ" ގައި އޭނާ އަކީ ޑޮލަރުގެ ވަގު ވިޔަފާރިކުރާ ނުލަފާ މީހެކެވެ.

4- ކޮއްޔަ ހަސަން މަނިކު:

ފިލްމީ ދާއިރާ އަށް ވަނުމުގެ ކުރިން އޭނާ ފާހަގަކުރެވުނީ ދިވެހި ރާއްޖޭގެ އަޑުގެ ޕްރޮގްރާމަކުންނެވެ. އެއީ "ހަމަ މިހާރު" ނަމަކަށް ކިޔާ ކޮމެޑީ ޕްރޮގްރާމެކެވެ. އެކްޓްކުރުމަށް އޭނާ ޝައުގުވެރިވި ހިސާބަކީ އެއީ އެވެ. އެއީ 80ގެ ކުރީކޮޅު އެވެ. އެކްޓަރެއްގެ ގޮތުގައި އޭނާ ބެލުންތެރިންނަށް ތާއަރަފްކޮށްދިނީ މަޝްހޫރު "ބަހަބަރު" އެވެ. މިހާރު އޭނާ އަށް 58 އަހަރެވެ.

ދިގު ކެރިއަރުގައި ގާތްގަނޑަކަށް 20 ފިލްމު ކުޅެފައިވާއިރު ލީޑް ރޯލުކުޅެފައި ވަނީ އެންމެ ފިލްމެއްގަ އެވެ. އެއީ "އަޖާއިބު" އެވެ. ލީޑް ރޯލުތަކުން ފުރުސަތު ލިބިފައި ނެތަސް އޭނާ އަކީ އަދިވެސް ފިލްމީ ދާއިރާގެ "ލީޑިން" އެކްޓަރެކެވެ.

3- އަހުމަދު ނިމާލް:

އޭނާ އަކީ އޭރު ބިރުކުޑަ އަލީ އެވެ. އަދިވެސް ބިރުކުޑަ އަލީ އެވެ. މިއީ އޭނާ މަގުމަތިން ފެނިއްޖެ ނަމަ އާންމުކޮށް އެކުވެރިން އޭނާ އަށް ގޮވާލާ ނަމެވެ. އަހުމަދު ނިމާލު އެކްޓަރެއްގެ ގޮތުގައި މަޝްހޫރުކަން ހޯދުމަށް ފަހު ދިވެހިންގެ ހިތްތަކުގައި ހަމަޖެހިލީ ޓީވީއެމްގެ ކްލެސިކް ޑްރާމާ "ސަޅިބައިސާ" އިންނެވެ. އޭގައި އޭނާ ބެލުންތެރިންނާ ބައްދަލުކުރީ ތަފާތު އެކި ކެރެކްޓާތަކުގަ އެވެ. ޖިންނި އަލީ އާއި ނާޒުކް އަލީ އާއި އިޝްގީ އަލީ އަކީ ވެސް އޭނާ ތަމްސީލުކޮށްދިން މަގްބޫލު ކެރެކްޓާތަކެވެ.

އޭނާ އެކްޓްކުރަން ފެށީ 1984 ވަނަ އަހަރު އެވެ. ފުރަތަމަ ފިލްމަކީ "ނުފޫޒް" އެވެ. ދެ ވަނަ ފިލްމަކީ ހުސެން ރަމީޒު ޑައިރެކްޓްކުރި "މަގުސަދު" އެވެ. އޭނާގެ ދިގު ކެރިއަރުން އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ އޭނާ ޑައިރެކްޓްކޮށް ލީޑް ރޯލުކުޅުނު ފިލްމު "ސިޓީ" އެވެ. އޭނާ ވަނީ ފިލްމީ ދާއިރާގެ ލީޑިން އެކްޓަރެއްގެ ގޮތުގައި ގިނަ މަސައްކަތްތަކެއްކޮށްފަ އެވެ. އެގޮތުން ނުވަ ވަރަކަށް ފިލްމުގައި ލީޑް ރޯލުކުޅެފައިވާއިރު މިހާރު ވެސް އޭނާ އަކީ ސަޕޯޓިން ރޯލުތަކުން ވަރަށް ފާހަގަކޮށްލެވޭ އެކްޓަރެކެވެ.

2- އަލީ ޝަމީލް:

އޭނާ ބެލުންތެރިންގެ މެދުގައި މަޝްހޫރުކަން ހޯދީ "ވާކުޑޭ" ގެ ގޮތުގަ އެވެ. އޭގެ ފަހުން "ޒަލްޒަލާ" ގައި ކުޅުނު ރޯލާ އެކު ދިވެހި އޯޑިއެންސް އަނެއްކާވެސް ބިރުގަންނުވާލި އެވެ. "ފަތިސްހަނދުވަރު" އާއި "ސާހިބާ" އަދި "ސަބަބު" އާއި "ދައުވާ" ފަދަ ފިލްމުތަކުން އޭނާ ފާހަގަކޮށްލެވެ އެވެ.

1- ކޮޕީ އިއްސެ:

އިސްމާއިލް ރަޝީދު ނުވަތަ ކޮޕީ އިއްސެ އެވެ. އަޅުގަނޑުގެ ނަޒަރުގައި އިއްސެއާ ވާދަކޮށްލެވޭ ވަރުގެ ދެ ވަނަ އެކްޓަރަކު ފިލްމީ ދާއިރާގައި މިހާރު ނެތެވެ. މިއީ ކޮންމެ ކަހަލަ ރޯލަކަށް ވެސް ފައްކާ އެކްޓަރެކެވެ. އެކްޓަރެއްގެ ގޮތުގައި އޭނާ އެންމެ ފުރަތަމަ ކެމެރާގެ ކުރިމައްޗަށް އެރީ 1996 ވަނަ އަހަރު އެވެ. އެއީ އޭރުގެ މޯލްޑިވްސް އެއާޕޯޓްސް އެތޯރިޓީގެ ޓެލެ ޑްރާމާ "ޒިންމާ" ގެ ރޯލަކަށެވެ. އޭނާ ކުޅުނީ ކޮމޭޑިއަންގެ ރޯލެވެ. ޓެލެޑްރާމާ އެވޯޑުން އެފަހަރު އެންމެ މޮޅު ކޮމޭޑިއަންގެ އެވޯޑް ގެންދިޔައީ އިއްސެ އެވެ. ޖެހިގެން އައި އަހަރު ވެސް އެންމެ މޮޅު ކޮމޭޑިއަން އަކީ އޭނާ އެވެ. މިފަހަރު އެންމެ މޮޅު އެކްޓަރުގެ އެވޯޑާ އެކުގަ އެވެ. އެއީ ޓެލެޑްރާމާ "ތަފާތު" އެވެ. އޭގައި ކުޅުނީ ޑަބަލް ރޯލެކެވެ.

އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)

ދެން އޭނާ އެ ކާމިޔާބީ ތަކުރާރުކުރީ ޓެލެޑްރާމާ "ލެޔަށްޓަކައި" އިންނެވެ. އެ ޑްރާމާ އިން ވެސް އެންމެ މޮޅު އެކްޓަރުގެ އެވޯޑެވެ.

މިއީ އިއްސެގެ ފެށުމެވެ. އޭރު އޭނާ އެންމެ މަޝްހޫރީ ކޮމޭޑިއަންއެއްގެ ގޮތުގަ އެވެ. މިހާރު ވެސް ބޮޑަށް މަޝްހޫރީ ކޮމޭޑިއަންއެއްގެ ގޮތުގައޭ ބުނެވިދާނެ އެވެ. ނަމަވެސް މޫމިން ފުއާދުގެ "ލޫދިފާ" އާއި ހުސެން މުނައްވަރުގެ "ސަޒާ" ގައި އޭނާ ކުޅެފައިވާ ދެ ރޯލަކީ އިއްސެގެ ހުނަރުގެ މުއްސަނދިކަން އޮއްސާލި ދެ ރޯލެވެ. މީގެ އިތުރުން އޭނާ ކުޅުނު ފުރަތަމަ ފިލްމު "އެދިއެދި ހޯދީމޭ" އާއި ދެ ވަނަ ފިލްމު "ހޭލާ" އަކީ ވެސް އިއްސެގެ ހުނަރު ވަރަށް ބޮޑަށް ނެރެދިން ފިލްމުތަކެވެ.

މި ލިސްޓް އެކުލަވާލާފައި ވަނީ ފިލްމީ ދާއިރާގައި ހަރަކާތްތެރިވި އަދި ހަރަކާތްތެރިވަމުން އަންނަ އެކްޓަރުންނަށް ބަލައިގެންނެވެ. އެގޮތުން އެކްޓަރުންގެ ގޮތުގައި ފިލްމީ ދާއިރާގައި މަޝްހޫރުކަން ހޯދުމަށް ފަހު މިހާރު މި ދާއިރާ އިން ގެއްލިފައިވާ ފަރާތްތައް ލިސްޓްގައި ހިމަނާފައެއް ނުވާނެ އެވެ. ދާއިރާ އިން ގެއްލުނު ހުނަރުވެރި އެކްޓަރުން ވަރަށް ވެސް ގިނަ އެވެ. އެމީހުންގެ ލިސްޓެއް ފަހުން އެކުލަވާލާނީ އެވެ. މި ލިސްޓަކީ މިހާރު ތިބި ޒުވާން ތަރިންނާއި މުސްކުޅި ތަރިންގެ މަސްހުނި ލިސްޓެކެވެ. އަދި މިހާރު ފިލްމީ ދާއިރާގައި ތިބި އެންމެ ގާބިލު އެކްޓަރުންނެވެ.

ކިޔުންތެރިންގެ އިހުސާސް: މިއާޓިކަލް ކިޔާލުމުން ކުރެވުނީ ކޮން އިހުސާސެއް؟

 • 0%
  ދެރަވި
 • 0%
  އުފާވި
 • 0%
  ރުޅިއައި
 • 0%
  މައުލޫމާތު މުއްސަނދިވި

44 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait