ސެލެބްރިޓީން

ކަޅުކަމުން ދިވެހި ފިލްމީ ދާއިރާ އިން ފުރުސަތު ނުލިބުނު އެކްޓަރުގެ ވާހަކަ

އަހުމަދު ނަދީމް
08 މާޗް 2012 14:12 32 ކޮމެންޓު
  • "އެދިއެދި ހޯދީމޭ" ގެ މަންޒަރެއްގައި ކޮޕީ އިސްމާއިލް ރަޝީދު: އޭނާ އަކީ ފިލްމީ ދާއިރާ އިން އެންމެ ފުރަތަމަ ބަލައިނުގަތް އެކްޓަރެއް.

އޭނާ ލީޑްރޯލު ކުޅުނު ފުރަތަމަ ފީޗާ ފިލްމު "އެދިއެދި ހޯދީމޭ" ގެ ސްކްރިޕްޓް ތައްޔާރުކޮށްގެން ފިލްމުގެ މަސައްކަތް ފަށަން ޑައިރެކްޓަރަކު ހޯދަން ނުކުތުމުން އެ ސްކްރިޕްޓްގައި ހިފާނެ މީހަކު ދިވެހި ފިލްމީ ދާއިރާއިން ނުވި އެވެ. އެއީ ފިލްމުގެ ވާހަކަ ނުވަތަ ސްކްރިޕްޓް ގޯސްވެގެންނެއް ނޫނެވެ. އެ ފިލްމުގެ ލީޑް ރޯލު އޭނާ އަށް ދީފައި އޮތުމުންނެވެ.

"މީގެ ލީޑް ރޯލު ކުޅޭނީ އަހަރެންނޭ ބުނި ހިސާބުން އޭތި ބަލައިނުގެންފަ އޮތީ ވަރަށް ގިނަ މީހުން. އޭރު ޖެހުނު ބޮޑު މައްސަލައަކީ އަހަރެންގެ މި ހުންނަ ރީތި ކަޅު މިނުގެ މައްސަލަ. ސްޓޫޑިއޯއެއްގެ ބޮޑުމީހަކު އެބަހުރި އަހަރެން ގާތުގަ ސީދާ ބުނެފަ، ފިލްމު ކުޅެން ބޭނުން ނަމަ ތަންކޮޅެއް ސްމާޓްވެލާ، ރީތިވެލާށޭ. ދެން ހިތަށް އެރި މިއީ ހަމަ އަހަންނަށް ހުރި ގޮތޭ،" ގަދަކަމުން ހިނިގަނޑެއް ޖަހާލަމުން އަސަރާއެކު އެކްޓަރު ބުންޏެވެ.

އެ އެކްޓަރަކީ މަޝްހޫރު ކޮމޭޑިއަން ކޮޕީ މުހައްމަދު ރަޝީދުގެ، ކޮޕީ އިއްސެ އެވެ. "އެދިއެދި ހޯދީމޭ" ގެ ލީޑް ރޯލަށް އޭނާ ހަމަޖައްސައިގެން އެ ފިލްމަށް ޑައިރެކްޓަރަކު ހޯދުމުގެ މަސައްކަތަށް ނުކުތީ އޭނާގެ ބައްޕަ އާއި ބޭބެ ހުސެން ރަޝީދެވެ. އިއްސެގެ މޫނަށް ބަލާފައި އެ ހުށަހެޅުމަށް އޭރުގެ މަޝްހޫރު ޑައިރެކްޓަރުން ފުރަގަސް ދިނުމުން އެންމެފަހުން "އެދިއެދި ހޯދީމޭ" ބޮޑު ސްކްރީނަށް ގެނައީ ކޮޕީ ރަޝީދުގެ އާއިލާ އަމިއްލަ އަށް ފިލްމުގެ މަސައްކަތަށް ނުކުމެގެން އާއިލީ ފިލްމެއްގެ ގޮތުގަ އެވެ.

މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މަރިޔަމް ނިޝާ އަށް މުހިންމު ރޯލުތަކެއް ދީގެން އުފެއްދި އެ ފިލްމަކީ ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ނުލިބުނަސް ރަނގަޅު ވިޔަފާރިއެއް ކުރި ފިލްމެކެވެ. އަދި އިއްސެގެ ހުނަރުވެރިކަމަށް އެ ފިލްމު ބެލި އެތައް ބަޔަކު އޭރު ވެސް ތައުރީފު އޮއްސި އެވެ. ނަމަވެސް އެ ފިލްމަށް ފަހު ވެސް ދިވެހި ފިލްމީ ދާއިރާ އިން އޭނާ ބަލައެއް ނުގަތެވެ. އޭނާއާ އެކީ ލަވައެއް ކުޅެލާނެ އަންހެން ކުއްޖަކު ވެސް ނުވި އެވެ. އޭނާ ކުޅުނު ވީޑިއޯ ލަވަތަކުގެ ފަހަތުގައި ވެސް ތިބީ އާއިލާގެ މީހުންނެވެ.

"އެ ހިސާބުން ފެށިގެން ވީޑިއޯ ދެ ތިން ލަވައެއް ކުޅެލާފަ، މަޑުމަޑުން މީހާގެ ހިތް މަރުވަމުން މަރުވަމުން ގޮސް އެއްކޮށް ހަމަ ފޫހިވީ މި ފަސްގަނޑު ދެކެ ވެސް. ދެން ބޭނުންވީ ރާއްޖެ ދޫކޮށް ދާން،" ފިލްމީ ދާއިރާ އަށް ނުކުންނަން މަސައްކަތްކުރުމުން ކުރިމަތިވި ހުރަސްތަކާ ބެހޭ ވާހަކަތައް ހިއްސާކުރަމުން އިއްސެ ބުންޏެވެ.

******

މިހާ ހިސާބުން އިއްސެގެ އެހެން ވާހަކައެއް ފަށަމާ ހިނގާށެވެ. އޭނާ އަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަމީތާބު ބައްޗަންގެ ބޮޑު ފޭނެކެވެ. "ރޯތޭ ހުވޭ" ލަވައިގައި އަމީތާބު އަތް ދޫކޮށްލައިގެން ސައިކަލްގައި ދާ ގޮތަށް އޭނާ ވެސް ބައިސިކަލްގައި އެގޮތަށް ގޮސް އުޅުނެވެ. ކުޑައިރު ގޭ ތެރޭގައި އޭނާ އަކީ އަމީތާބެވެ. އޭނާ ފިލްމުތަކުގައި ދެއްކި އެކްޓިން ކޮޕީކޮށްގެން ގޭ ތެރޭގައި އަމީތާބަށް ހެދިގެން އޭނާ ކުޅެން އުޅުނެވެ. ޓީވީން އޭނާ ބެލި އެންމެ ފުރަތަމަ ފިލްމަކީ ވެސް އަމީތާބުގެ ފިލްމެކެވެ. އެއީ "ނަސީބު" އެވެ. އެއަށް ފަހު ފުރަތަމަ ފަހަރަށް ބޮޑު ސްކްރީނެއްގައި ބެލީ ވެސް އަމީތާބުގެ ފިލްމެކެވެ. އެއީ މަޝްހޫރު "ކޫލީ" އެވެ.

މިއީ އޭނާ ކުޑައިރު އުޅުނުގޮތެވެ. އޭނާ އަކީ ކިޔެވުމަށް އެއްވެސް ވަރަކަށް ޝައުގުވެރިވި މީހެއް ނޫނެވެ. މަޖީދިއްޔާގައި ކިޔެވިއިރު ވެސް ބޮޑަށް އިސްކަން ދިނީ ކުޅިވަރާއި މަޖަލުގައި ފޯރިނެގުމަށެވެ. އެގޮތުން އޭރުގެ މަޝްހޫރު ލަވަތައް ލިޔެ ފޮތްތަކުގައި ރައްކާކުރުމާއި ލަވަޖެހުމަކީ އޭނާގެ އުފަލެވެ. ނަމަވެސް އޭރު އޭނާ އަކީ އާންމުންގެ ތެރެއަށް ނުކުމެ މަޖާ ނެގި މީހެއް ނޫނެވެ. ސްކޫލްގައި އުޅުނުއިރު ސްޓޭޖު ޑްރާމާއެއް ވެސް ކުޅެފައެއް ނެތެވެ. އެގޮތަށް އުޅެނިކޮށް އެކްޓިންގެ ތެރެއަށް އޭނާ ވެއްދި މީހަކީ އޭނާގެ ބައްޕަ އެވެ. އޭރު އޭނާގެ އާއިލާގެ މެމްބަރުންނަކީ ރަށްރަށުގައި ސްޓޭޖު ޑްރާމާ ހުށަހަޅައިދޭ ފަންނާނުންނެވެ.

"ފުރަތަމަ ސްޓޭޖަކީ ބ. އަތޮޅު އޭދަފުށީ ބަހިއްޔާގެ ސްޓޭޖް. އެއީ އަލަށް އޯޑިއެންސްއެއްގެ ކުރިމައްޗަށް އެރި ފަހަރު. ލަވައަކަށް ނަށާލަން އެރީ. މަޖާކޮށްލަން ބައިވެރިވެލީ. މުހައްމަދު ރަފީއުގެ ލަވަ ސެޓެއް އެއީ،" ހަނދާންތައް ހިއްސާކުރަމުން އިއްސެ ބުންޏެވެ.

އެއީ 1992 ވަނަ އަހަރެވެ. އޭރު އޭނާ އަށް ގާތްގަނޑަކަށް 15 އަހަރެވެ. ބައްޕަމެންގެ ތަމްސީލުތަކުގައި ބައިވެރިވާން އޭނާ ފެށީ އެގޮތަށް އަމަލުނުކޮށްގެން އޭނާގެ ބައްޕަ ރުޅިއިސްކުރުމުންނެވެ.

އެކްޓަރަކަށް އިއްސެ ފައްކާވީ ބައްޕަގެ ގްރޫޕާ އެކު ދިން ސިލްސިލާ ސްޓޭޖް ޝޯތަކުގަ އެވެ. އެކަމަކު އެކްޓިން އަށް ޝައުގުވެރިވެ ފިލްމީ ދާއިރާ އަށް ނުކުންނަން އޭނާ ބޭނުންވީ ޓީވީއެމްގެ ކުރީގެ މަޝްހޫރު އޮފީސް ޑްރާމާ މުބާރާތުން ލިބުނު ސިލްސިލާ ކާމިޔާބީތަކަށް ފަހު އެވެ. އެކަމަކު އޭރު އޭނާ ވަޒީފާ އަދާކުރަމުން ދިޔަ އެއާޕޯޓްސްގައި މުވައްޒަފުންގެ ޓެލެ ޑްރާމާ އިން ފުރުސަތު ދިނުމުން އޭނާ އެންމެ ފުރަތަމަ ފިލީ އެވެ.

"އެމީހުން މި އުޅެނީ ކޮންމެވެސް ޑްރާމާއެއް ހަދަން. ދެން އެމީހުން ބޭނުންވީ އެ ޑްރާމާއެއް ކޮންމެވެސް ބަޔަކަށް އަހަރެން ލާން. އެމީހުން ގަބޫލުކުރަނީ އަހަރެން ވަރަށް މޮޅުވާނެ ކަމަށް. އެކަމަކު އަހަރެން ފިލީ. ޝޫޓިން އޮތްކަން އެނގިގެން އަހަރެން އެ ދުވަހަކު އޮފީހަކަށް ވެސް ނުދަން. ސަލާމްބުނީ. އެވަރުން ވެސް އެމީހުން ބަލާ އައީ،" އިއްސެ އެ ވާހަކަ ކިޔައިދެމުން ބުންޏެވެ.

އެންމެ މޮޅު ކޮމޭޑިއަންގެ އެވޯޑް ހާސިލުކުރި އެއާޕޯޓްސްގެ "ޒިންމާ" ޑްރާމާ ކުޅެން އޭނާ އެއްބަސްވީ އޭނާގެ މަންމަގެ އެދުމުގެ މަތިންނެވެ.

"މަންމަ ދެރަވީ އެމީހުން ގުޅާވަރުން އަހަރެން ހޯދަން. މަންމަ ދެން ބިރު ވެސް ގަތީ ވަޒީފާ ވެސް ގެއްލިދާނެތީ. އޮފީހަށް ވަންތާ ދުވަސްކޮޅެއް ނުވެ މި ޑްރާމާ ކަންތައްގަނޑު ލައިގަތީ،" އިއްސެ ބުންޏެވެ. "ދިޔަ ގޮތަށް ގޮސް ހަމަ ޝޮޓަށް. ހަމަ ޝޮޓަށް. އެއްވެސް ކަހަލަ ފަރިތަކުރުމެއް ނެތި. ސްކްރިޕްޓް ވެސް ފެނުނީ އެ ތަނުން. އެމީހުން ބޭނުންވި މޭކަޕެއް ޖައްސައިގެން އެ ހިސާބުން ދެން އެ ފެށީ."

އެއީ 1996 ވަނަ އަހަރެވެ. އޭގެ ފަހުން ޖެހިގެން އައި މުބާރާތުގައި އޭނާ އަކީ އެންމެ މޮޅު ކޮމޭޑިއަންގެ އިތުރުން އެންމެ މޮޅު އެކްޓަރު ވެސް މެ އެވެ. އެއީ "ތަފާތު" އިންނެވެ. އޭގެ ފަހުން އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލުކުރީ "ލެޔަށްޓަކައި" އިންނެވެ. މި ކާމިޔާބީތަކާ އެކު ދިވެހި ފިލްމީ ދާއިރާ އަށް ވަންނަން އޭނާ މަސައްކަތްކުރުމުން ހުރަކަށްވީ އޭނާގެ ކުލަ އާއި ސިފަ އެވެ.

"މަޝްހޫރު ޑައިރެކްޓަރަކު އަހަރެންގެ ލަވައެއް ޓީވީން ފެނުމުން ބުނި، އަހަރެން ރަނގަޅުވާނީ ރީތި އަންބެއްގެ ހުތުރު ފިރިއެއްގެ ބައި ކުޅޭށޭ ވެސް. އަހަންނަށް މާތް ކަލާނގެ ދެއްވާފަ މި ހުންނަ ކުލަ އާއި ސިފަ މި މީހުންނަށް ކަމުނުދަނީ،" އިއްސެ ބުންޏެވެ.

ފިލްމީ ދާއިރާ އިން ކުރިމަތިވި ހުރަސްތަކާ އެކު އޭނާ ނިންމީ ރާއްޖެ ދޫކޮށް އާއިލާ ގޮވައިގެން އަވަށްޓެރި ގައުމަކަށް ދާށެވެ. އެގޮތަށް ނިންމައިގެން އުޅެނިކޮށް އޭނާގެ ހިޔާލު ބަދަލުކޮށްލީ އެއް ދުވަހަކު އޭނާ އަށް އައި ފޯނު ކޯލެކެވެ. އެއީ މިހާރު ޑާކްރެއިން އެންޓަޓެއިންމަންޓްގެ ނަމުގައި ފިލްމުތައް ގެނެސްދޭ ސްޓޫޑިއޯގެ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ގެ ފޯނު ކޯލެކެވެ.

"ޗިއްޕެ ބުނީ އަޅުގަނޑުމެން މިއީ އާ ބައެކޭ. ދެން މަ ވެސް އާ ވެއްޖެ. ދުވަހަކު ވެސް މީހަކު މަށަށް ގުޅީކީއެއް ނޫން. ސަކަރާތަކަށް ހަދާލާފަ ހިނގަނޑެއް ޖަހާލާފަ އަހަރެން ބުނިން ކީއްކުރަންހޭ އަހަންނަށް ތި ގުޅީ. ވަރަށް ފޫހިވެފަ ހުރެ ވާހަކަ ދެއްކީ ވެސް،" އިއްސެ ބުންޏެވެ.

އެ ފޯނުކޯލަށް ފަހު އޭނާއާ ބައްދަލުވީ ޗިއްޕެ އާއި މިހާރުގެ މަޝްހޫރު ޑައިރެކްޓަރު މޫމިން ފުއާދުއާ އެވެ. އެމީހުން އޭރު ތައްޔާރުވަމުން ދިޔައީ އެމީހުންގެ ފުރަތަމަ ފިލްމު "ހޭލާ" ގެ މަސައްކަތަށެވެ.

"އަހަރެން ބުނިން ކީއްކުރަންހޭ އަހަރެން ތި ނެގީ ޔޫއްޕެ އާއި (އަލީ) ސީޒަންމެން ކަހަލަ ރަނގަޅު މީހުން ތިއްބާ. ބުނީމަ މޫމިން ވަރަށް ކުރުކޮށް ފޮނިކޮށް ބުނީ، މި ފިލްމަކަށް އެމީހުން ބޭނުމެއް ނުވެޔޭ. މި ފިލްމުގެ މި ބަޔަށް ބޭނުން ވަނީ އިއްސެއޭ ތިމަންނަމެން،" އިއްސެ ބުންޏެވެ. "އޭނަގެ ވާހަކަ ފެށުނު ގޮތާއި އޭނަގެ ވާހަކައިގެ ރާގު ހުރި ގޮތުން އެނގިއްޖެ ވަރަށް އާދަޔާހިލާފު މީހެއްކަން މިއީ. ދުވަހަކު ވެސް ދިމާނުވާ ވައްތަރު މީހެއް. ވަރަށް ތެދުވެރި މީހެއްކަން އެނގުނީ ވަގުތުން."

ގައުމީ އެވޯޑްސްގައި އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑް އިއްސެ އަށް ލިބުނު "ހޭލާ" އަކީ އޭނާގެ އެނބުރި އައުމެވެ. އެއީ "އެދިއެދި ހޯދީމޭ" އަށް ފަހު ފިލްމަކުން ފުރުސަތު ނުލިބި ހުރުމަށް ފަހު އޭނާ ކުޅުނު ފުރަތަމަ ފިލްމެވެ.

"މި ދާއިރާގަ އަހަންނަށް ދިމާވި ނަސީބަކީ މޫމިން ފުއާދު އާއި ޗިއްޕެ. އެހެން ނޫން ނަމަ އަހަރެންގެ ދުވަސް ދިޔައީސްކަން ނޭނގޭ. އެހެން ނޫން ނަމަ މިތާނގަ އެއް ނުހުންނާނަން. އެ އަހަރު އެއީ ފުރަން އޮތް އަހަރު،" އިއްސެ ބުންޏެވެ.

މިއީ ކޮޕީ އިއްސެ ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު އެކްޓަރަށް ވުމަށް ކުރި މަސައްކަތުގެ ވާހަކަ އެވެ. މޫމިން އާއި ޗިއްޕެގެ އިތުރުން ޔޫއްޕެ އާއި މުހައްމަދު އަބްދުﷲ (މުހައްމާ) އަށް އޭނާ ޝުކުރު އަދާކުރަން ބޭނުމެވެ. އެމީހުންނާ ނުލައި އޭނާ މިއަދު ހުރި ހިސާބަކަށް ނާދެވޭނެކަން ޔަގީނެވެ.

"އަހަރެން މިހާރު އައިސްފަ މި ހުރި ހިސާބަކީ މީހަކަށް ވާނެ ކަމެއް ނޫން މި ފަސްގަނޑުގަ. އަހަރެން ވަރުގެ ކަޅު ހުތުރު މީހަކު މިހިސާބަށް ފިލްމީ ދާއިރާގަ އައުމަކީ މިއީ ވާނެ ކަމެއް ނޫން. އަހަރެން ގަބޫލުކުރާ ގޮތުގަ އެމެރިކާ އަށް ވުރެ ނަސްލީ ތަފާތުކުރުން ބޮޑު ތަނެއް މިއީ. އެވަރު ތަނެއްގަ މި ހިސާބަށް އާދެވުން މިއީ ކުރެވުނު ވަރަށް ބޮޑު ކަމެއް،" ކުރިން ފިލްމީ ދާއިރާ އިން ފުރުސަތުތަކެއް ނުލިބުނަސް މިހާރު ފުރުސަތުގެ ދޮރު ހުޅުވިފައިވާ އެކްޓަރު ބުންޏެވެ.

"ލޫދިފާ" އާއި "ސަޒާ" ގައި ވެސް މޮޅު އެކްޓިންއެއް ދެއްކި އިއްސެ ބުނީ ކުރިން އޭނާގެ މޫނަށް ބަލާފައި ފުރަގަސްދިން އެތައް ޑައިރެކްޓަރުންނެއް ފަހުން އޭނާ އަށް އެދިގެން އައިސްފައިވާ ކަމަށެވެ.

"އޭރު ހަމަ ދިމާލަށް ރެފިއުސްކޮށްލާފަ ތިބި މީހުން މިހާރު ގުޅާ ދެން. މިހާރު ދެން އެންމެން ވެސް ވަރަށް ސަޅި،" މިހާރު އަހުމަދު ނިމާލުގެ "އަނިޔާ" ގެ މަސައްކަތުގައި ހުރި އިއްސެ ބުންޏެވެ.

ކޮންމެއަކަސް އޭނާގެ ހުނަރުވެރިކަމަށް ފިލްމީ ދާއިރާގެ ގިނަ މީހުން މިއަދު އިހްތިރާމްކުރެ އެވެ. އޭނާ އަކީ އިހްތިރާމާއި ތައުރީފު ހައްގު އެކްޓަރެކެވެ. އެކަމަކު އޭނާ ވަނީ ފިލްމީ ދާއިރާގައި ކަޅު ދުވަސްތަކެއް ތަޖުރިބާކުރަން ޖެހުނު މީހެކެވެ.

32 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait