މި ހަށިން ފުރާނަ ދަންދެން

ފިލްމަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބުނު: ނަހުލާ

އަހުމަދު ނަދީމް
22 މާޗް 2012 09:08 12 ކޮމެންޓު
  • "މި ހަށިން ފުރާނަ ދަންދެން" ގެ ޕްރިމިއާ ނައިޓްގައި ފިލްމުގެ ޕްރޮޑިއުސަރު ފާތިމަތު ނަހުލާ ވާހަކަ ދައްކަނީ. --ފޮޓޯ:އޭއެފްޕީ

ކްރިސްޓަލް އެންޓަޓެއިންމަންޓްގެ ފިލްމު "މި ހަށިން ފުރާނަ ދަންދެން" އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ފާތިމަތު ނަހުލާ ބުނެފި އެވެ.

ރަވީ ފާރޫގް ޑައިރެކްޓްކޮށް އަލީ ސީޒަން އާއި މުހައްމަދު މަނިކާ އެކު ނިއުމާ މުހައްމަދު ލީޑް ރޯލުން ފެނުނު "މި ހަށިން ފުރާނަ ދަންދެން" ގެ ވަދާއީ ޝޯ ބޭއްވީ މިދިޔަ އާދީއްތަ ދުވަހުގެ ރެ އެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހު އޮލިމްޕަހުގައި ޕްރިމިއާކުރި މި ފިލްމުގެ 12 ހައުސް ފުލް ޝޯ ދެއްކި ކަމަށް ނަހުލާ ބުންޏެވެ.

އޭނާ ބުނީ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ފިލްމަށް ލިބުނު ތަރުހީބު ކުޑަ ނޫން ކަމަށާއި ފިލްމުގެ ޑައިރެކްޝަން އަދި ސްކްރިޕްޓްގެ ކްރެޑިޓް އޭނާގެ ނަމަށް ދިޔަ ނަމަ މިއަށް ވުރެ ރަނގަޅު ވިޔަފާރިއެއް ވެސް ކުރެވޭނެ ކަމަށެވެ.

ކަލާޔާ ނުލާ، ޔޫސުފް އަދި ޒުލޭޚާ ފަދަ ފިލްމުތައް ގެނެސްދިން ނަހުލާ އަކީ ދިވެހި ސިނަމާގައި ވިޔަފާރީގެ ގޮތުން އެންމެ ކާމިޔާބު އެއް ޕްރޮޑިއުސަރު އަދި އެއް ޑައިރެކްޓަރެވެ.

"މި ހަށިން ފުރާނަ ދަންދެން" އަކީ ބޮލީވުޑްގެ ކާމިޔާބު ދެ ފިލްމު ކަމަށްވާ "ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި "ތާލް" ގެ މެއިން ޕްލޮޓް އިރާލައިގެން އެކުލަވާލި ޕްލޮޓެއްގެ އަސްލަށް އުފައްދާފައިވާ ފިލްމެކެވެ. ނަހުލާ ބުނީ އެއީ "އިންސްޕިރޭޝަނެއް" ކަމަށާއި ފިލްމުގެ ހުރިހާ ޑައިލޮގްތަކަކީ އޭނާގެ އަމިއްލަ އުފެއްދުންތަކެއް ކަމަށެވެ.

"މި ހަށިން ފުރާނަ ދަންދެން" އަކީ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ޒުވާން ފިރިހެން ކުއްޖަކު ރަށްފުށު އާއިލާއަކުން ހަޔާތުގެ ބައިވެރިޔަކު ހިޔާރުކުރުމުން ނުކުންނަ ނަތީޖާތަކެއް ދައްކުވައިދޭ އަސަރުގަދަ ތިނެސްކަން ލޯބީގެ ފިލްމެކެވެ.

12 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait