ޖޯން އެބްރަހަމް

ވަރަށް އަވަހަށް ކައިވެނި ކުރާނަން - ޖޯން އެބްރަހަމް

29 އެޕްރީލް 2012 09:38 4 ކޮމެންޓު
  • ޖޯން އާއި ޕްރިޔާ

ޖޯން އެބްރަހަމް ޕްރޮޑިއުސްކުރި ފުރަތަމަ ފިލްމު "ވިކީ ޑޯނާ" ސުޕަހިޓެއްގެ ދަރަޖަ ލިބޭނެކަމުގެ އުންމީދުގައި ހުރި ޖޯން ބުނި ގޮތުގައި އޭނާ ވަރަށް އަވަހަށް ކައިވެނިކޮށް ޒަވާޖީ ހަޔާތެއް ފަށާނެ އެވެ. ޒަމާންވީ ލޯބިވެރިޔާ ބިޕާޝާ ބާސޫއާ މިދިޔަ އަހަރު ޖޯން ވަކިވުމަށް ފަހު ޖޯންގެ ހަޔާތަށް ވަރަށް ބަނަ ދުވަސްތަކެއް އައެވެ. އެދުވަސްވަރު ނުކުތް އޭނާގެ "ފޯސް" އާއި "ދޭސީ ބޯއީޒް" އަށް ވެސް މާ ބޮޑު ކާމިޔާބެއް ނުލިބުނެވެ.

މި އަހަރު ފެށުނުތަނާ ޖޯންގެ ހަޔާތަށް ޕްރިޔާ ރުންޗަލް ކިޔާ އަންހެންކުއްޖަކު އައެވެ. މިހާތަނަށް ޕްރިޔާ އާއި އޭނާގެ ގުޅުމާ ބެހޭ ގޮތުން މީޑިއާއާ ވާހަކަ ދައްކަން ޖޯން އިންކާރުކޮށްފައި ވިޔަސް "ވިކީ ޑޯނާ"ގެ ކާމިޔާބީގެ އުފަލުގައި ރިޕޯޓަރުންނާ ބައްދަލުކުރި ޖޯން ބުނީ ޕްރިޔާ އާއި އޭނާ މި އަހަރު ތެރޭ ކައިވެނިކުރަން ނިންމާފައިވާ ކަމަށެވެ. ޕްރިޔާ އާއި އޭނާ ބައްދަލުވީ މިދިޔަ އަހަރުގެ އެޕްރީލް މަހު ކަމަށާއި ޕްރިޔާއަކީ އޭނާގެ ހަޔާތުގެ ބައިވެރިޔާ އަށް ހަދަން އެންމެ ފުރިހަމަ އަންހެންކުއްޖާކަން އޭގެ ދެ މަސް ފަހުން އޭނާ އަށް މުޅިން ޔަގީންވެފައިވާ ކަމަށް ޖޯން ބުންޏެވެ.

ޖޯން އާއި ޕްރިޔާ ލޮންއެންޖަލިސްގައި ސިއްރުން ކައިވެނިކޮށްފައިވާ ކަމަށް މީޑިއާގައި ޚަބަރު ފެތުރިފައިވާތީ އެއީ ތެދެއްތޯ ސުވާލުކުރި ނޫސްވެރިޔާ ގާތު ޖޯން ބުނީ އެއީ ދޮގެއް ކަމަށާއި ކައިވެނިކުރާނީ ވަރަށް ހާމަކަން ބޮޑުކޮށް ކަމަށެވެ.

ޖޯން އާއި ޕްރިޔާ އަކީ ދެ ދީނެއްގެ ދެ މީހުންނަށް ވާތީ ކައިވެނިކުރާނީ ކޯޓުގައި ކަމަށް ވެސް ޖޯން ބުނެފައިވެ އެވެ.

4 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait