"އެވެންޖާސް" އިން މިހާރު ވެސް ރިކޯޑްތަކެއް މުގުރާލައިފި އެވެ. އެހެންކަމުން ފިލްމުގެ ގިނަ ޝޯތަކެއް ބާކީ ހުރިއިރު މި ފިލްމު އިތުރު ރިކޯޑްތަކާ އެކު ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރު ނަގާނެ ކަމަށް ގިނަ ބަޔަކު ލަފާކުރަން ފަށައިފި އެވެ.
ބިލިއަން ޑޮލަރުގެ ކްލަބުން މިފަހުން ޖާގަ ހޯދި ފިލްމުތަކުން ބޮކްސް އޮފީހުގައި ގާއިމު ރިކޯޑްތައް ވެސް "އެވެންޖާސް" އިން ވަނީ މިހާރު މުގުރާލައިފަ އެވެ. އެގޮތުން "ހެރީ ޕޮޓާ އެންޑް ދަ ޑެތުލީ ހޮލޯސް: ޕާޓް 2" އާއި "އެލިސް އިން ވޮންޑަލޭންޑް" ގެ ރިކޯޑް ވެސް "އެވެންޖާސް" އިން ވަނީ ތަޅާލައިފަ އެވެ.
ހޮލީވުޑްގެ ބޮކްސް އޮފީހުގެ ބިލިއަން ޑޮލަރުގެ ކްލަބަށް ވަނުމަކީ ފަސޭހަ ކަމެއް ނޫނެވެ. މިހާތަނަށް މި ކްލަބުން ޖާގަ ލިބިފައި ވަނީ އެންމެ 10 ފިލްމަށެވެ. އެގޮތުން ފުރަތަމަ ފަހަރަށް ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރު ހަމަކުރި ފިލްމަކީ ޖޭމްސް ކެމަރަންގެ "ޓައިޓޭނިކް" އެވެ. އެ ފިލްމުގެ ޖުމްލަ ވަނީ މިފަހުން ނެރުނު ތްރީޑީ ވާޝަންއާ އެކު އަނެއްކާވެސް އިތުރުވެފަ އެވެ.
ބިލިއަން ޑޮލަރުގެ ކްލަބުގައި މިފަހުން ރިކޯޑް އާކުރީ ވެސް ކެމަރަން އެވެ. އެއީ "އެވަޓާ" އާ އެކު ދެ ބިލިއަން ޑޮލަރު ބޮކްސް އޮފީހުގައި ނަގައިގެންނެވެ. އެއީ ދެ ބިލިއަން ނެގި ފުރަތަމަ ފިލްމެވެ.
"ޓައިޓޭނިކް" އާއި "އެވަޓާ" ގެ އިތުރުން އެއް ބިލިއަން މާކް ކަޑައްތުކޮށްފައިވާ ފިލްމުތަކަކީ "ދަ ޑާކް ނައިޓް" އާއި "ޕައިރޭޓްސް އޮފް ދަ ކެރީބިއަން: އޮން ސްޓްރޭންޖާސް ޓައިޑްސް" އަދި އެ ސިލްސިލާގެ "ޑެޑް މޭންސް ޗެސްޓް" އާއި "ޓޯއީ ސްޓޯރީ 3" އަދި "އެލިސް ވޮންޑަލޭންޑް" ގެ އިތުރުން "ލޯޑް އޮފް ދަ ރިންގްސް: ދަ ރިޓާން އޮފް ދަ ކިންގްސް" އާއި "ހެރީ ޕޮޓާ އެންޑް ދަ ޑެތުލީ ހޮލޯސް: ޕާޓް 2" އަދި "ޓްރާންސްފޯމާސް: ޑާކް ސައިޑް އޮފް ދަ މޫން" އެވެ.

1 comment