މާވެލްގެ ސުޕަހީރޯންގެ ލަޝްކަރާ އެކު ދުނިޔޭގެ ސިނަމާ ފަތަހަކޮށްފައިވާ "ދަ އެވެންޖާސް" އިން އެންމެ 19 ދުވަސް ތެރޭގައި އެއް ބިލިއަން ޑޮލަރު ހަމަކޮށް، ޖޭމްސް ކެމަރަންގެ ޕެންޑޯރާގެ ދުނިޔެ އަށް ނުރައްކާކުރަން ފަށައިފި އެވެ.
އެންމެ އަވަހަށް ބިލިއަން ޑޮލަރު ހަމަކުރި ފިލްމުގެ ރިކޯޑް ކުރިން އޮތީ ކެމަރަންގެ "އެވަޓާ" އަތުގަ އެވެ. ބިލިއަން ޑޮލަރުގެ ކްލަބުން ޖާގަ ހޯދަން އެ ފިލްމަށް 28 ދުވަސް ނެގި އެވެ.
ހަލްކް އާއި އަޔަން މޭން އަދި ކެޕްޓަން އެމެރިކާ އާއި ތޯ ފަދަ ސުޕަހީރޯންނާ އެކު "އެވެންޖާސް" އިން ބޮކްސް އޮފީސް ރިކޯޑްތައް މުގުރަމުންދާއިރު މި ސުޕަހީރޯންގެ އަތް ދަށަށް އެންމެފަހުން ޕެންޑޯރާގެ ދުނިޔެ ވެސް ވެއްޓޭނެ ކަމަށް ގިނަ ބަޔަކު ލަފާކުރެ އެވެ.
"އެވަޓާ" ފިޔަވައި މީގެ ކުރިން ބޮކްސް އޮފީހުގައި ދެ ބިލިއަން ޑޮލަރު ހަމަކުރި ފިލްމެއް ނެތެވެ. އެއަށް ފަހު އެ ޝަރަފް އަނެއްކާވެސް ހޯދީ ކެމަރަން އެވެ. އެއީ 1997 ވަނަ އަހަރު، ފުރަތަމަ ފަހަރަށް ބިލިއަން ޑޮލަރު ހަމަކުރި ފިލްމު ކަމަށްވާ "ޓައިޓޭނިކް" ތްރީޑީކޮށް އަލުން ސިނަމާތަކަށް ނެރެގެންނެވެ.
"އެވެންޖާސް" އިން އެމީހުންގެ ބާރު ދުނިޔެ އަށް ދައްކަމުން އަންނައިރު ދެ ބިލިއަން ޑޮލަރު ހަމަކުރަން މާ ގިނަ ދުވަސްތަކެއް ނަގާނެ ކަމަކަށް ތަޖުރިބާކާރުން ގަބޫލެއް ނުކުރެ އެވެ. ފިލްމުގެ ޖުމްލަ މިހާރު، 1.0 ބިލިއަން ޑޮލަރުގައި އުޅޭއިރު މިދިޔަ ހަފުތާގައި އުތުރު އެމެރިކާގެ ސިނަމާތަކަށް ނެރުނު މި ފިލްމުގެ ބަޖެޓަކީ 220 މިލިއަން ޑޮލަރެވެ.
މި ފިލްމުން ވަނީ މިހާތަނަށް ބޮކްސް އޮފީހުގައި 11 ރިކޯޑެއް މުގުރާލައިފަ އެވެ. އެގޮތުން ފުރަތަމަ ހަފުތާ ބަންދުގައި އެންމެ ގިނައިން ފައިސާ ނެގި ފިލްމުގެ ރިކޯޑާއި އެންމެ އަވަހަށް ،100 200 އަދި 300 މިލިއަން ޑޮލަރު ހަމަކުރި ފިލްމުގެ ރިކޯޑް ވެސް "އެވެންޖާސް" އިން ވަނީ އާކޮށްފަ އެވެ.
މި ފިލްމު ވަނީ އެންމެ 10 ދުވަސް ތެރޭގައި 350 މިލިއަން ޑޮލަރު، ހަމައެކަނި އުތުރު އެމެރިކާގައި ނަގައިފަ އެވެ. އެމެރިކާ އިން ބޭރުގައި ވެސް ފިލްމަށް އޮތް ތާއީދު ވަރަށް ބޮޑެވެ.
މިއީ މާވެލްގެ ޕްރޮޑަކްޝަނެއް ބިލިއަން ޑޮލަރު ހަމަކުރި ފުރަތަމަ ފަހަރެވެ. އަދި ޑިޒްނީގެ ފިލްމެއް އެ އަދަދު ހަމަކުރި ފަސް ވަނަ ފަހަރެވެ.
"އެވެންޖާސް" ގައި ދައްކުވައި ދެނީ އަޔަން މޭން އާއި ކެޕްޓަން އެމެރިކާ އަދި ތޯ އާއި ހަލްކް އެމީހުންގެ ހާއްސަ ފައުޖާ އެކު، ސުޕަވިލަން، ލޯކީގެ ލަޝްކަރާ ދެކޮޅަށް ނުކުމެ ދުނިޔެ ސަލާމަތްކުރާ ގޮތެވެ.

5 comments