ވެރިވެފައިވާ ކަނު އަނދިރިކަމަށް އަލިކަމެއް ލިބުނީ، ޖައްސާލި ސުވިޗެއްގެ އަޑާއެކުގަ އެވެ. ފާޚާނާ އަލިވި އެވެ. ދެބައި އުމުރަށް ގޮސްފައިވާ ޒާމިރު ހުރީ، ފާޚާނައިގެ ދޮރުމަތީގަ އެވެ. ދެން ހަދަންވީ ކިހިނެއްކަން އޭނަ އަށް، ރަނގަޅަށް ނޭނގޭ ކަހަލަ އެވެ. ޒާމިރު ލައިގެން ހުރި ގަމީހާއި، އޭނަގެ އަތުގައި އޮތް ވަޅީގައި ލޭގެ ނިޝާން ހުއްޓެވެ. އަދި ޒާމިރުގެ ނިތްކުރީގައި، ނިޔަފަތިން ކެނޑިފައިވާ ކަހަލަ ޒަޚަމަކުން ލޭ ހިލިފައި ހުއްޓެވެ. ކުއްލިއަކަށް އިވުނީ ސައިރެންގެ އަޑެވެ. ޒާމިރު ފާޚާނަ އަށް ވަދެފައި ދޮރުލެއްޕި އެވެ. އެ އަޑު އިވެނީ ޕޮލިސް ބަހުންކަމެއް ނުވަތަ އެމްބިލާންސުންކަމެއް ޒާމިރަކަށް ނޭނގެ އެވެ. އެނގޭ ކަމަކީ، އެ އަޑު ހުއްޓުނީ ޒާމިރުގެ ގެއާ ހަމައަށް ކަމެވެ. ޒާމިރު ދޮރުގައި ކަންފަތް ޖަހާލި އެވެ. ބޭރު ދޮރުގައި ޓަކިޖަހާ އަޑު އިވޭތޯ އެވެ. އެތައް އިރެއް ވީއިރު ވެސް އެ އަޑެއް ނީވުނެވެ. ޒާމިރު ފުން ނޭވައެއް ބޭރުކޮށްލި އެވެ. ފާޚާނައިގައި ހުރި ގަޑި އަށް ބަލައިލި އެވެ. ގަޑިން ރޭގަނޑު 03: 10 ހިނގައިފި އެވެ. ފާޚާނައިގެ ފާރުގައި ޒާމިރު ލެނގިލި އެވެ. ލޯ މަރާލައިގެން އިރުކޮޅަކު ހުއްޓެވެ. ހިނގައިގެން އުޅޭ ހާދިސާ އަކީ، ކޮންމެހެން ހިނގަންޖެހޭ ހާދިސާއެއް ނޫނެވެ. ނުހިނގައި ވެސް ފަރުޖެއްސުނީހެވެ. އެކަމަކު، ދެން އެ ކަމާ ވިސްނުމުގެ ބޭނުމެއް ނެތެވެ. ގޮތް ހުސްވެގެން ޒާމިރު ހުންނަން ވެއްޖެއްޔާ، ކަންތައްތައް ދެން ވެސް ދާނީ، ގޯހުން ގޯހަށެވެ.
ފާޚާނަތަށީގެ މަތިގަނޑު މަތީގައި ވަޅި ބާއްވާފައި ޒާމިރު ގަމީސް ބޭލި އެވެ. ދޮވުމަށްޓަކައި ބާލިދީ އަށް ގަމީސް ލާންއުޅެނިކޮށް، ގަމީހުގެ ޖީބުން ކަރުދާސްތަކަކާއި، އައިޑީ ކާޑު ވެއްޓުނެވެ. އެ އެއްޗެހި ނަގައި ދުރުގައި ބެހެއްޓުމަށްފަހު، ބާލިދީ އަށް ގަމީސް ލާފައި އިސްކުރު ދޫކޮށްލި އެވެ. ދޮންނަ ކުނޑި އާއި ލައްފިލުވާ ފުޅި ކައިރި ކޮށްލުމަށްފަހު، ގަމީހުގައި ޖެހިފައިވާ ލޭގެ ލައްތައް ފިލުވުމުގެ މައްސައްކަތް ފެށި އެވެ. އިރުކޮޅަކު ދޮވެދޮވެފައި ބަލާއިރު ވެސް، ލައްތައް ރަނގަޅަށް ނުފިލި އެވެ.
"ނުވާނެ މި ކަމެއް!" ޒާމިރު ހިތާހިތުން ބުނެލި އެވެ.
ގަމީސް ނަގާފައި ފެލާލާފައި ވަޅި ކައިރީގައި ބާއްވާފައި ޒާމިރު ހިންދަމާލި އެވެ. ވިސްނާލި އެވެ. ވަޅި ނަގާފައި ފްލަޝް ޓޭންކަށް ލާންވެގެން ޓޭންކުގެ މަތިގަނޑު ނެގި އެވެ. ވަޅި ލާން އުޅެފައި، ޚިޔާލު ބަދަލުވެގެން ޓޭންކުގެ މަތިގަނޑު ޖެހި އެވެ. އަނެއްކާ ވެސް ޓޭންކުގެ މަތިގަނޑު ނަގާފައި، ޓޭންކުގެ ތެރެއަށް ވަޅި ދިއްކޮށްލި ވަގުތު، އަނެއްކާ ވެސް ޚިޔާލުބަދަލުވި އެވެ. ޓޭންކުގެ މަތިގަނޑު ބޭއްވި އެވެ. ވިސްނާލި އެވެ. އެ އަށް ފަހު، ޝޭމްޕޫ އާއި ބުރުސް ބަހައްޓާފައި ހުރި ތަނުގެ ފުޅިތައް ދޭތެރެ އަށް ޖަހާފައިވާ ކޮތަޅެއް ނެގި އެވެ. އެ އަށް ގަމީސް ލާފައި ގޮށްޖަހާލި އެވެ. ކޮތަޅު މަތީގައި ވަޅި ބޭއްވި އެވެ. ފެންވަރަން ފެށި އެވެ. ޒާމިރުގެ މޭމަތީގައި، ތިން އިނގިލީގެ ނިޔަފަތިން އެޅިފައިވާ ކަހަލަ ޒަޚަމެއް ހުއްޓެވެ. ފެންވެރުމަށް ފަހު ޒާމިރު ފާޚާނައިން ނުކުތީ، ކޮތަޅާއި ވަޅި ހިފައިގެންނެވެ. އެ އަށް ފަހު، ދޮރު ލައްޕާފައި ފާޚާނަ ނިއްވާލުމާއެކު، ކުރިން ވެސް އެ ތަނުގައި އޮތް އަނދިރިކަން އެ ތަނަށް ވެރިވި އެވެ. މި ފަހަރު، ފޮރުވިފައިވާ ސިއްރުތަކަކާ އެކުގަ އެވެ.
ޒާމިރު ފާޚާނައިން ނުކުމެގެން އައިސް އެނދު ކައިރި އަށް ހުއްޓުނެވެ. ފުން ނިންޖަކުން ނިދާފައިވާ އާސިމާ އަށް ބަލައިލި އެވެ. ޒާމިރުގެ އަންހެނުން އާސިމާ އެއްވެސް ޚަރަކާތެއް ނުކުރެއެވެ. އޭރު، އިނގެރޭސި ފިލްމެއްގެ އަޑު، ސިޓިންރޫމު ތެރެއިން ކޮޓަރިތެރެ އަށް، މަޑުމަޑުން ވަންނަމުންދިޔަ އެވެ. ޒާމިރާއި އާސިމާގެ ހަމައެކަނި ދަރިފުޅު ފިރާޝާ އިނީ ޓީވީ ބަލާށެވެ. އެ ވަގުތަކީ، އުމުރުން އަށާރަ އަހަރުގެ ފިރާޝާ އެންމެ ޝައުގުވެރިކަމާ އެކުގައި ބަލާ އިނގެރޭސި ސީރީޒްގެ އެޕިސޯޑެއް އަންނަ ގަޑި އެވެ. ފިރާޝާ އިރުއިރުކޮޅާ މަންމަގެ ކޮޓަރި އަށް ބަލައިލަ އެވެ. އެންމެފަހުން، ކެތްނުކުރެވިގެން ދޮރުގައި ޓަކިޖަހާލި އެވެ. ޒާމިރު ދިޔައީ ސިއްސައިގެންނެވެ.
"މަންމާ!" ފިރާޝާ ގޮވާލި އެވެ. "މަންމާ!"
"ކިހިނެތްވީ ދަރިފުޅާ؟" ޒާމިރު ބުނި އަޑު އިވުނެވެ.
"މީ.. ބައްޕާ ދޮރު ހުޅުވާލަބަލަ!" ފިރާޝާ އެދުނެވެ.
އެ ވަގުތު ދޮރު ހުޅުވާކަށް ޒާމިރު ބޭނުމެއް ނޫނެވެ. ވީމާ، ޒާމިރު އައިސް ދޮރުކައިރި އަށް ހުއްޓުނެވެ.
"ކިހިނެތްވީތަ ދަރިފުޅާ؟" ޒާމިރު އަނެއްކާ ވެސް އެހި އެވެ.
"ވަރަށް ބޮޑު ކަމަކު،" ފިރާޝާ ބުންޏެވެ. "ނޫނީ، މަންމަ އަށް ގޮވާލަބަލަ!"
އާސިމާއަކަށް ނުހޭލެވޭނެ އެވެ. ޒާމިރަށް އެ ކަން އެނގެ އެވެ.
"އަދި ތަންކޮޅެއް ފަހުން ހުޅުވޭނީ.. އިނގޭ!" ޒާމިރު ބުންޏެވެ. "މި ވަގުތަކު ނެތް ހުޅުވޭކަށް."
"އެހެންވިއްޔާ މަންމަ ގާތުގަ އަހާލަބަލަ އެއްކަލަ ކުޑަ ބާމުފުޅި ކޮބާހޭ،" ފިރާޝާ ބުންޏެވެ. "ކުރީ ދުވަހު ބައްޕަ ގެނައިމެއްނު ރެޑު މައްޗެއްޖެހި ފުޅިއެއް. ބައްޕަ އަށް އެނގޭތަ އެ ފުޅި ވީތަން؟"
"ދަރިފުޅާ!" ޒާމިރު ބުންޏެވެ. "ބައްޕައަކަށް ނޭނގެ އެ ފުޅި ވީތަނެއް. އެކަމަކު، މަންމައަކަށް މި ވަގުތަކު ނުގޮވޭނެ. ބޮލުގަ ރިއްސާތީ އުޅެއުޅެފަ، އަދި ކިރިޔާ މަންމަ އަށް އެ ނިދުނީ."
"އޯކޭ!" ފޫހި ރާގެއްގައި ފިރާޝާ ބުނެލި އެވެ.
ޒާމިރު ފާޚާނައިން ނެރުނު ކޮތަޅު ހުރީ އެނދުމަތީގަ އެވެ. ޒާމިރު ހުރީ އެ އަށް ބަލަހައްޓައިގެންނެވެ. އޭގެ ކައިރީގައި، އެތެރެ ނުފެންނަ ކޮތަޅެއް ހުއްޓެވެ. އެ ކޮތަޅުގައި ވެސް ކޮންމެ ވެސް އެއްޗެއް އޮތެވެ. ވިސްނަން ހުރުމަށްފަހު، އެތެރެ ނުފެންނަ ކޮތަޅުގެ ތެރެއަށް، ޒާމިރުގެ ގަމީސް ލާފައިވާ ކޮތަޅު ލިއެވެ. އެ ކޮތަޅު އަލަމާރި މަތީގައި ބެހެއްޓި އެވެ. ވިސްނާލި އެވެ. އަލަމާރި މައްޗަކީ، އެ ފަދަ އެއްޗެއް ބަހައްޓަން އެންމެ ރަނގަޅު ތަން ހެއްޔެވެ؟ އަލުން ކޮތަޅު ނަގައި އަލަމާރި އަށް ލި އެވެ. އެ އަށް ފަހު، އަނެއްކާ އާސިމާ އަށް ބަލައިލި އެވެ. އާސިމާ އޮތީ، ބޮލާ އެއްކޮށް ރަޖާ އަޅައިގެންނެވެ. އާސިމާ ކައިރި އަށް ޒާމިރު އައެވެ. އާސިމާގެ މޫނުމަތިން ކުޑަކޮށް ފޮތިގަނޑު ތިރިކޮށްލާފައި ބަލައިލި އެވެ. އާސިމާގެ އަނގަ އޮތީ ކުޑަކޮށް ހުޅުވިފަ އެވެ. ހީވާނީ މަރުވެފައި އޮތްހެނެވެ. އަލުން ފޮތިގަނޑު ރީތިކޮށްލާފައި، ޒާމިރު އެނދުގައި އޮށޯތެވެ. އިރުކޮޅެއްވަންދެން ވިސްނާލަން އޮތެވެ. އެ އަށް ފަހު، ޒާމިރު ވެސް މޫނާއެކުގައި ރަޖާއެޅި އެވެ.
ފާރުގައި ހުރި ގަޑިން 57: 10 ހިނގުމާއެކު، ޒާމިރު ކައިރީގައި އޮތް ފޯނު އެލާމުވި އެވެ. ޒާމިރަކަށް ނުހޭލެވުނެވެ. އާސިމާ އަކަށް ވެސް ނުހޭލެވުނެވެ. ފޯނު އެލާމުވަމުންދިޔަ އެވެ. މޫނުގައި ރަޖާއަޅައިގެން އޮތް ޒާމިރު ސިއްސައިގެން ގޮސްފައި ތެދުވި އެވެ. ކޮޅުކޮޅަށް ބޯ ހޫރާލި އެވެ. އޮވެވުނުތަނާއި، އިވެމުންދިޔަ އަޑު އެނގުމުން، ކުޑަކޮށް ހަމަޖެހިލާފައި ފޯނުގެ ސޯނާ ނިއްވާލި އެވެ. އާސިމާ އަށް ބަލައިލި އެވެ. އޭނަ އޮތީ، ކުރިން ވެސް އޮތް ގޮތަށެވެ. ކުއްލިއަކަށް އަންހެނަކު ހަޅޭއްލަވާ އަޑު އިވެންފެށި އެވެ. ޒާމިރު ސިއްސައިގެނެއް ނުދެއެވެ. ވިސްނަން އިނީ އެވެ. އިވެމުންދިޔަ އަޑު ގަދަވަމުންދިޔަ އެވެ. އެންމެފަހުން، ޒާމިރު ދެ ކަންފަތުގައި އަތްއެޅި އެވެ. އެއާއެކު، ހަޅޭކުގެ އަޑު މަޑުމަޑުން މަޑުވަމުން ގޮސް ކެނޑުނެވެ.
ޒާމިރު އެނދުން ފެއިބި އެވެ. އާސިމާގެ ފައި ފެންނަން އޮތީމައި ފައިލާކޮޅުން ރަޖާ ރީތިކޮށްލާފައި، ރަޖާގެ މަތިން ފައިގައި ފިރުމާލާފައި ހިނގައިގަތެވެ. އޭރު ވެސް ފިރާޝާ އިނީ ޓީވީ ބަލާށެވެ. ބަލަމުންދިޔަ ފިލްމު ގޮސްފައިވާ ހިސާބުގެ ގޮތުން، އެންމެ ފުރޭމެއް ވެސް ގެއްލުވާލަން ފިރާޝާ ބޭނުން ނުވާ ކަހަލަ އެވެ. ޒާމިރު ކޮޓަރީގެ ދޮރު ހުޅުވި އަޑަށް ފިރާޝާ ބަލައިލި އެވެ. އޭރު ޒާމިރު ހުރީ ތައްޔާރުވެގެންނެވެ. ފިރާޝާ އަންނަންފެށުމުން ޒާމިރު ނުކުމެފައި، ކޮޓަރީގެ ދޮރު ތަޅުލާފައި ޑަބަލް ޗެކު ކޮށްލި އެވެ. އެ އަށް ފަހު ޒާމިރު އައިސްއަލަމާރިން ފެންފުޅިއެއް ނަގައިފައި، އަތުގައި އޮތް ބޭސްގުޅަ އަނގަ އަށް ލާފައި ފެންފޮދެއް ބޯލި އެވެ. ފިރާޝާ އައިސް ދޮރުގައި ހިފާލި އެވެ.
"ކީއްވެ ތަޅުލީ؟" ފިރާޝާ އެހި އެވެ. "މި ހުޅުވަބަލަ!"
"ކީއްކުރަން ދަރިފުޅު ގޮވީ؟ ބައްޕަ އަށް ފަހުން ނިދުނީއޭ." ޒާމިރު ދެއްކީ އެހެން ވާހަކައެކެވެ.
"މަންމަ ހޯދަންވެގެނޭ ބުނީމެއްނު،" ފިރާޝާ ބުންޏެވެ. "ބާމުފުޅި ވެސް."
"މަންމަ އަށް މި ވަގުތު ނުގޮވައްޗޭ ދަރިފުޅާ!" ފެންފުޅި ބަހައްޓަމުން ޒާމިރު ބުންޏެވެ.
"އެއީ ކީއްވެ؟" ފިރާޝާ ހައިރާންވެފައި އެހި އެވެ.
"އެއީ.." ޒާމިރު ބުންޏެވެ. "ބުނީމެއްނު ކުރިން ވެސް. މަންމަ އަށް ނިދިފަ އޮތީމަ. ކިހިނެތްވީ؟ ދަރިފުޅު ހުން ގަދަވަނީތަ؟ ޑޮކްޓަރަށް ދައްކަންވީނު؟"
ފިރާޝާގެ ކަރުގައި ޒާމިރު އަތްޖައްސާލިއިރު ހުމެއް ނެތެވެ.
"މިހާރު ހުމެއް ނެތެއްނު." ޒާމިރު ބުންޏެވެ.
"ބަނޑަށް ތަދުވާތީ.." ފިރާޝާ ބަނޑުގައި ފިރުމާލާފައި ބުންޏެވެ.
"ގޮސް އެނދުގައި އޮށޯވެލައިގެން އޮވެލަބަލަ!" ޒާމިރު އޯގާތެރިކަމާ އެކުގައި ބުންޏެވެ. "އޭރުން ރަނގަޅުވެދާނެ. ބައްޕަ ދެން މި ދަނީ. މިހާރު ވެސް ލަސްވެއްޖެ! މާ ސަކަރާތްވަންޏާ ބައްޕަ އަށް ގުޅާލާ. އާދެ ދޮރު ތަޅުލަން."
ޒާމިރު ނުކުތުމުން ފިރާޝާ ދޮރުތަޅުލި އެވެ. ސޯފާގައި އޮތް މޯބައިލު ފޯނު ނަގާފައި ނަންބަރަކަށް ގުޅާލި އެވެ. އަނެއް ކޮޅުން ފޯނު ނެގުމުން ފިރާޝާ އުފާވި އެވެ.
"ކޮބާ؟ ރެޑީތަ؟ އާނ ބައްޕަ ހަމަ ދެންމެ..." އެ ހިސާބަށް ފިރާޝާ ބުނިތަނާ، ބޭރު ދޮރުގައި ޓަކިޖެހި އަޑު އިވުނެވެ. "މީހަކު އެބަ ދޮރުގަޖަހާ. މަޑުކޮށްލައްޗޭ!"
ނުނިމޭ

ނިއު ރޭޑިއަންޓް - މާޒިޔާ މެޗު
16 comments