ބޮލީވުޑް

އަހަރެން އާރާދްޔާއަށް ލޯބިން ކިޔަނީ ސްޓްރޯބެރީ - ޖާޔާ

24 ޖޫން 2012 09:37 4 ކޮމެންޓު
  • އައިޝްވާރްޔާ (މ) ދަރިފުޅާ އެކު

އައިޝްވަރިޔާ ރާއީ އާއި އަބީޝެކް ބައްޗަންގެ ދަރިފުޅު އާރާދްޔާއަށް ހަތް މަސް ވީއިރުވެސް ބައްޗަން އާއިލާއިން އޭނާ ގެންގުޅެމުން ދަނީ އާއްމުންނަށް ހާއްސަކޮށް ނޫސްވެރިންނަށް ނުދައްކަ އެވެ.

ނަމަވެސް ދާދިފަހުން ލަންޑަންގައި އައިޝްވަރިޔާ އޭނާގެ ދަރިފުޅު ގޮވައިގެން ބާޒާރު ކުރަނިކޮށް އަންހެންކުއްޖަކަށް ފެނިގެން ޓުވިޓާގައި އޭނާ ވަނީ އެ ވާހަކަ އާއްމުންނާ ހިއްސާކޮށްފަ އެވެ. އައިޝްވަރިޔާގެ ފޭނެއް ކަމަށް ބުނާ މި އަންހެންކުއްޖާ ބުނި ގޮތުގައި އޭނާއަށް ވަރަށް ގާތުން އައިޝްވަރިޔާގެ ދަރިފުޅު ފެނިފައި ވެއެވެ.

"އައިޝްވަރިޔާގެ ލޮލުގައި ހުންނަނީ ފެހި ކުލަ ނަމަވެސް އާރާދްޔާގެ ލޮލުގައި ހުންނަނީ މަޑުމަޑު މުށިކުލައެއް. އަދި އޭނާ ވަރަށް ދޮން،" އެ އަންހެންކުއްޖާ ހާމަކޮށްފައި ވެއެވެ.

އައިޝްވަރިޔާގެ ދަރިފުޅުގެ ސިފަތައް އޭނާގެ ފޭނެއް ޓުވިޓަގައި ހާމަކުރިތާ މާ ގިނަ ދުވަހެއް ނުވި އާރާދްޔާގެ މާމަ ޖާޔާ ބައްޗަން ވެސް ވަނީ އާރާދްޔާ އާ ބެހޭ ގޮތުން ބީބީސީއަށް ދިން އިންޓަވިއު އެއްގައި ވާހަކަ ދައްކާފަ އެވެ.

ޖާޔާ ބުނި ގޮތުގައި އާރާދްޔާގެ ސިފަ ކުޑަކޮށް އައިޝްވަރިޔާއާ ވައްތަރު ނަމަވެސް އޭނާ ކުޑަކޮށް އަބީޝެކް އާ ވެސް ވައްތަރެވެ.

"އޭނާއަކީ ދިގު ކުއްޖެއް. ވަރަށް ރީތި ކުއްޖެއް. އަދި މީހުން ފެނުނަސް ބިރުންނެއް ނޫޅޭ. އަހަރެން އޭނާއަށް ލޯބިން ކިޔަނީ ސްޓްރޯބެރީ. އެއީ އޭނާ އުފަންވީއިރު އަހަންނަށް އޭނާ ފުރަތަމަ ފެނުނީ ސްޓްރޯބެރީއެއް ގޮތަށް. އޭނާ އަބަދުވެސް އިންނަނީ ހިނިއައިސްފަ. މިހާރު ފިރުކެވޭތޯ އުޅޭ. އެހެންކަމުން މިއީ އަހަރެމެންނަށް ވަރަށް ހާއްސަ އުފަލެއް އިހްސާސް ކުރެވޭ ދުވަސްކޮޅެއް،" ޖާޔާ އޭނާގެ މާމަ ދަރިފުޅާ ބެހޭ ގޮތުން ބުނެފައި ވެއެވެ.

ދަނބިދަރިފުޅު އައިޝްވަރިޔާ އަށް ތައުރީފުކުރަމުން ޖާޔާ ބުނީ އައިޝްވަރިޔާ އަކީ ދަރިފުޅުގެ ހުރިހާ ކަމެއް ވެސް އަމިއްލައަށް ކުރަން ބޭނުންވާ މަންމައެއް ކަމަށެވެ. އަދި ދަރިފުޅަށް ކަމެއް ވެދާނެތީ މާބޮޑަށް ބައެއް ފަހަރު ފަރުވާ ބެހެއްޓޭ ކަމަށެވެ.

"އަހަރެން ބައެއް ފަހަރަށް ސަމާސާއަކަށް އައިޝްވަރިޔާ ކައިރީ ބުނަން އާރާދްޔާ އަކީ ވަރަށް ނަސީބުގަދަ ކުއްޖެކޭ. މިސް.ވޯލްޑް އައިޝްވަރިޔާ ނަރުހެއްގެ ހިދުމަތް ދޭތީ. އަހަރެން ބޭނުން މިހާރަށް ވުރެ ގިނައިން އައިޝްވަރިޔާ ބޭރަށް ތަންތަނަށް ގޮސް ހަދަން. ނަމަވެސް ދަރިފުޅުގެ ހުރިހާ ކަމެއް އެއްވެސް މީހަކަށް އެހީއަކާ ނުލާ އަމިއްލައަށް ކުރަން އޭނާ ބޭނުންވަނީ. އަހަރެން އެކަމާ ވަރަށް ހިތްހަމަޖެހޭ،" ޖާޔާ ބުނެފައި ވެއެވެ.

4 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait