ކޮންމެ ފަދަ ގޮތަކަށް، ކޮންމެ ބަޔަކު މޯލްޑިވްސް ފިލްމު އެވޯޑްސް އަށް ނޮމިނޭޓްވެފައި ވިޔަސް ދެން ދައްކާނެ ވާހަކައެއް ނެތެވެ. މި ނޮމިނޭޝަންތަކަށް ބަލައިގެން ވަނަތައް ގެންދާނެ ކަމަށް ބެލެވޭ މީހުން ތަރުތީބުކުރެވޭތޯ ބަލާލަމާ ހިނގާށެވެ.
ނޮމިނޭޝަންތައް އައިސްފައި ހުރި ގޮތުން، މިހާތަނަށް އިއުލާނުކުރި ކެޓަގަރީތަކުން ކުރީގައި އުޅެނީ މޫމިން ފުއާދުގެ "ލޫދިފާ" އެވެ. އެ ފިލްމަށް މިހާތަނަށް ހަތް ނޮމިނޭޝަން ލިބެ އެވެ. އަދި އެންމެ މޮޅު ސްކްރީންޕްލޭ އާއި އެންމެ މޮޅު ޑައިރެކްޓަރުގެ ކެޓަގަރީ އާއި މިއުޒިކް އަދި ސިނެމެޓޯގްރެފީ ފަދަ ކެޓަގަރީތައް އިއުލާނުނުކުރާތީ އެ އަދަދު އިތުރު ވެސް ވެދާނެ އެވެ. މި ހުރިހާ ކެޓަގަރީއަކަށް ވެސް އެ ފިލްމު ނޮމިނޭޓްވުމުގެ ފުރުސަތު ބޮޑެވެ. އެކަމަކު މި ފިލްމަށް މާ ގިނަ އެވޯޑްތަކެއް ލިބިދާނެ ކަމަކަށް މިހާރު ގަބޫލެއް ނުކުރެވެ އެވެ. އެއީ ނޮމިނޭޝަންސްތައް އައި ގޮތުންނެވެ.
މިސާލަކަށް ބަލާ ނަމަ ބެސްޓް އެކްޓްރެސް ކެޓަގަރީން ފަށަމާ ހިނގާށެވެ. އެ ކެޓަގަރީ އަށް "ލޫދިފާ" އިން މަރިޔަމް އަފީފާ އާއި ފާތިމަތު އާޒިފާ ވާދަކުރެ އެވެ. ހަގީގަތުގައި އާޒިފާ އަކީ ސަޕޯޓިން އެކްޓަރެކެވެ. "ލޫދިފާ" ގެ ޓީމުން އޭނާގެ ނަން އެންމެ މޮޅު ބަތަލާގެ ކެޓަގަރީ އަށް ހުށަހެޅުމަކީ އެމީހުންނަށް ލިބުނު ދެރައެކެވެ. ސަބަބަކީ އެންމެ މޮޅު ކެޓަގަރީގައި "ނިއުމާ" އާއި "މާފެއްނެތް" އިން ނިއުމާ މުހައްމަދު ވެސް ވާދަކުރާތީ އެވެ. ނިއުމާ އަކީ މޮޅު ބަތަލާއެކެވެ. އަދި އޭނާ ނޮމިނޭޓްވެފައިވާ އެ ދެ ފިލްމުގައި އޭނާ ވަރަށް ވެސް މޮޅެ އެވެ.
އެކަމަކު "ލޫދިފާ" ގައި އާޒިފާ ވެސް ދެރައެއް ނޫނެވެ. ހަގީގަތުގައި އަފީފާ އަށް ވުރެ އާޒިފާ އެ ފިލްމުގައި މާ މޮޅެވެ. އަދި އާޒިފާ އަށް ވުރެ ނިއުމާ އޭނާގެ ދެ ފިލްމުގައި މާ މޮޅޭ ވެސް ބުނެވިދާނެ އެވެ. ކޮންމެއަކަސް 'ލޫދިފާ" ގެ ޓީމުން އާޒިފާ އެންމެ މޮޅު ސަޕޯޓިން ބަތަލާ (އޭނާ އަސްލު ނިސްބަތްވާ ކެޓަގަރީ) އަށް ހުށަހެޅި ނަމަ އެވޯޑް ލިބުމުގެ ފުރުސަތު ވަރަށް ބޮޑުވީހެވެ. އެކަމަކު މިހާރު މި އޮތް ގޮތުން އެންމެ މޮޅު ބަތަލާގެ އެވޯޑް މިފަހަރު ވެސް ގެންދާނެ ކަމަށް ބެލެވެނީ ހަމަ ނިއުމާ އެވެ.
ސަޕޯޓިން ބަތަލާގެ ކެޓަގަރީ އަށް ބަލާއިރު ވެސް "ލޫދިފާ" އަށް ވަނީ ފިލްމު "ނިއުމާ" ގެ ހިޔަނި އެޅިފަ އެވެ. އެ ކެޓެގަރީގައި "ލޫދިފާ" އިން ހަދީޖާ އިބްރާހިމް ވާދަކުރާއިރު "ނިއުމާ" ގައި ވަރުގަދަ ރޯލެއް އަދާކުރި އައިމިނަތު ރަޝީދާ ވެސް ވާދަކުރެ އެވެ. އަނެއްކޮޅުން "ނިއުމާ" އާއި "ޒަހަރު" ގައި ފުދޭވަރެއް ކުރި ޝީލާ ނަޖީބު ވެސް ހިމެނެ އެވެ. ދެން އޮތީ ރިޝްމީގެ ނަމެވެ. އޭނާ އަށް އެ އެވޯޑް ނުލިބޭނެކަން ޔަގީނެވެ.
ސަޕޯޓިން އެކްޓަރު ކެޓަގަރީގައި "ލޫދިފާ" އިން ވާދަކުރަނީ އަހުމަދު އާސިމް އެވެ. ހަގީގަތުގައި އެ ފިލްމުގެ ސަޕޯޓިން ރޯލުތަކަށް ބަލާއިރު އޭނާ އަކީ އާދައިގެ އެކްޓަރެކެވެ. މިސާލަކަށް ރަވީ ފާރޫގް އާއި މާއެނބޫ ފަދަ ތަރިން މާ ބޮޑަށް ވެސް މޮޅެވެ. އެކަމަކު އެމީހުން ނޮމިނޭޓްވެފައިނުވާއިރު "ލޫދިފާ" ބަރޯސާ ވާން ޖެހިފައި މި ވަނީ އާސިމް އަށެވެ.
މި ކެޓަގަރީގައި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އަލީ ސީޒަންގެ އިތުރުން އަހުމަދު ޒިޔާ އާއި އަލީ ފިރާގު ވާދަކުރެ އެވެ. ޔޫއްޕެ އާއި ސީޒަންގެ ރޯލަށް ވުރެ އާސިމްގެ ރޯލު އަދި ހުނަރު މޮޅެވެ. އެކަމަކު އެވޯޑް ލިބިދާނެ ކަމާ މެދު ސުވާލު އުފެދެ އެވެ.
ދެން އެންމެ މޮޅު އެކްޓަރުގެ ކެޓަގަރީ އަށް ބަލާއިރު މި ކެޓަގަރީ އަށް ވެސް އަސްލު ނިސްބަތްނުވާ ދެ މީހަކު އެވޯޑަށް ވާދަ އެބަ ކުރެ އެވެ. އެއީ އަހުމަދު ސައީދާއި އަހުމަދު ނިމާލެވެ. އެ މީހުން މި ކެޓަގަރީގައި ވާދަކުރިޔަސް "ލޫދިފާ" އިން ނޮމިނޭޓްވެފައިވާ އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އަށް އޮތް ފުރުސަތު ބޮޑެވެ. ފިލްމު "ވީރާނާ" އިން ޔޫއްޕެ ވެސް ވާދަކުރެ އެވެ.
ކޮންމެއަކަސް އެންމެ މޮޅު ފިލްމުގެ ގޮތުގައި ގިނަ ބަޔަކު ނިންމި "ލޫދިފާ" އަށް ގިނަ އެވޯޑްތަކެއް ލިބިދާނެ ކަމަށް ކުރިން ގަބޫލުކުރެވުނަސް މި ނޮމިނޭޝަންތަކާ އެކު އެ ފުރުސަތު އޮތީ އަސްލު ވަރަށް ބޮޑަށް މިހާރު ހަނިވެފަ އެވެ. ބޮޑަށް ލަފާކުރެވޭ ގޮތުން އެވޯޑްގެ ރަން ވަނަތައް ގެންދާނީ "ނިއުމާ" އެވެ.
އެންމެ މޮޅު ފިލްމުގެ ކެޓަގަރީ އަށް ބަލާއިރު "ނިއުމާ" އާއި "ލޫދިފާ" އަކީ ހޮޓް ފެވަރިޓުންނެވެ. އަދި މި ކެޓަގަރީގައި ދެން ވާދަކުރާ "ޖިންނި" އާއި "އިންސާފު" އަދި އަލީ ސީޒަންގެ "މާފެއް ނެތް" އަކީ އެ ދެ ފިލްމާ ގާތް ވެސް ކުރާ ވަރުގެ އުފެއްދުންތަކެއް ނޫނެވެ. ހަގީގަތުގައި "މާފެއް ނެތް" އަދި "ޖިންނި" އާއި "އިންސާފު" މިއީ މޮޅު ފިލްމަށް ވާދަކުރަން ޖެހޭ ވަރުގެ ފިލްމުތަކެއް ކަމަކަށް ވެސް ގަބޫލެއް ނުކުރެވެ އެވެ. އަދި އެންމެ ބޮޑު ސުވާލެއް އުފެދެނީ މި ކެޓަގަރީން ހުސެން މުނައްވަރުގެ "ސަޒާ" ކަޓުވާލުމުންނެވެ. އެ ފިލްމު އަދި އެއްވެސް ކެޓަގަރީއަކަށް ނޮމިނޭޓްވެފައެއް ނެތެވެ.
"ސަޒާ" މި ކެޓަގަރީން އަދި އެހެން ކެޓަގަރީތަކުން ވެސް ކަޓައިގެން ދިއުމަކީ ހަގީގަތުގައި "ނިއުމާ" އަށް ލިބުނު ޕްލަސް ޕޮއިންޓެކެވެ. "ނިއުމާ" އާއި "ސަޒާ" އަކީ ދާދި އެއް ރަހަތަކެއް ހުރި، ގެވެށިއަނިޔާ-ތީމްގެ މައްޗަށް އުފައްދާފައިވާ ދެ ފިލްމެވެ. މިއީ އާންމުކޮށް ބެލުންތެރިންގެ ހަމްދަރުދީ ލިބޭނެ ތީމްއެކެވެ. މިފަދަ ފިލްމުތައް އާންމުކޮށް އެވޯޑްތަކާ ވެސް ރައްޓެއްސެވެ. އެހެންކަމުން "ސަޒާ" މުހިންމު ކެޓަގަރީތަކުން ކެޓުމުގެ ހުރިހާ ފައިދާއެއް ނަގާނީ "ނިއުމާ" ކަން ޔަގީނެވެ.
އިއުލާނުނުކޮށް ހުރި މުހިންމު ކެޓަގަރީތަކުން "ލޫދިފާ" އަށް އެންމެ ބޮޑު ފުރުސަތެއް ދެން އޮތީ ޑައިރެކްޓަރުގެ ކެޓަގަރީން ކަމަށް ބެލެވެ އެވެ. ސްކްރީންޕްލޭގެ އެވޯޑަށް "ލޫދިފާ" އާ އެކު "ސަޒާ" ވާދަކުރުމުގެ ފުރުސަތު ވެސް ބޮޑެވެ.
ދެން ކޮންމެއަކަސް މި އެވޯޑްގައި ވާނެ ގޮތެއް ލަފާކުރަން މިހާރު ވަރަށް ވެސް ދަތިވެއްޖެ އެވެ. އެންމެ ބޮޑު މައްސަލަ އަކީ އެވޯޑަށް ކުރިމަތިލިއިރު ސަޕޯޓިން އެކްޓަރުންނާއި ލީޑް އެކްޓްތައް ބައެއް ފަރާތްތަކުން އޮޅުވާލުމެވެ. ދެން އެވޯޑް ރޭހުން ކަޓައިގެން ދިޔަ، އެކަމަކު އެވޯޑަށް ނޮމިނޭޓްވުމުގެ ޕޮޓެންޝަލް ހުރި ފަންނާނުންގެ ތެރެއިން "ހެޔޮނުވާނެ" އިން ޝީލާ ނަޖީބާއި "ވީރާނާ" އިން އާމިރާ އިސްމާއިލް އަދި "އިންސާފު" އިން މުހައްމަދު މަނިކު ފަދަ ތަރިން ފާހަގަކޮށްލެވެ އެވެ.
އަޅާނުލާށެވެ. މިއީ ދިވެހި ފިލްމީ ދާއިރާ އެވެ.

ފޮޓޯ އިން ހަބަރު
7 comments