މޯލްޑިވްސް ފިލްމް އެވޯޑްސް

ނިއުމާ އަނެއްކާވެސް ޗެމްޕިއަނަކަށް!

އަހުމަދު ނަދީމް
05 ޖުލައި 2012 10:41 4 ކޮމެންޓު
  • ބަތަލާ ނިއުމާ މުހައްމަދު އޭނާގެ އެވޯޑް ވިނިން ރޯލުގައި: އޭނާ ވަނީ "ނިއުމާ" އިން އެންމެ މޮޅު ބަތަލާގެ އިތުރުން އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ވެސް ހާސިލުކޮށްފައި.

ނިއުމާގެ ވާހަކަ އަހައި ފޫހިނުވި މީހުންނޭވެ! ނިއުމާގެ ފިލްމުތަކަށް އާވާރާވި މީހުންނޭވެ! ނިއުމާގެ ހުނަރުފެނި އާގަމަވި މީހުންނޭވެ! އޭނާގެ ރީތި ކަމަށް އާޝޯހްވި މީހުންނޭވެ!

އަޅުގަނޑު މި ޖެހީ ޖޯކެއް ނޫނެވެ. އަދި މިއީ ކޮށްލި މަލާމާތެއް ވެސް ނޫނެވެ. ނިއުމާ މުހައްމަދަކީ ދިވެހި ސިނަމާގެ ރާނީ އެވެ. އެކްޓިންގެ ގޮތުން އޭނާއާ އެއް ސަފަކަށް އެރޭނެ ދެ ވަނަ މީހަކު ފިލްމީ ދާއިރާގައި ނެތްކަން، 33 އަހަރުގެ ބަތަލާ މި ވަނީ އަނެއްކާ ވެސް ސާބިތުކޮށްދީފަ އެވެ. މިފަހަރު އޭނާ ގޮންޖެހީ އެކްޓަރުންނަށް އެކަންޏެއް ނޫނެވެ. މޯލްޑިވްސް ފިލްމު އެވޯޑްސްގެ ފޯރިގަދަ ރޭހުގައި އޭނާ ވަނީ މިފަހަރު މަޝްހޫރު ޑައިރެކްޓަރުން ވެސް ފަހަތަށް ޖައްސާލައިފަ އެވެ. ރަން ކުލައިން ޖަރީކޮށްފައިވާ ހެދުމެއްގައި ވިދައި ބަބުޅަމުން ދިޔަ ބަތަލާގެ ވިދުން މިފަހަރުގެ އެވޯޑްގައި މާ ބޮޑަށް ވެސް ގަދަ އެވެ. އޭނާ އަކީ އެންމެ މޮޅު ޑައިރެކްޓަރު ވެސް މެ އެވެ.

ބޯބާލައިގެން ރިކޯޑް އަގަކަށް ކުޅެދިން، އަމިއްލަ ނަމުން ނަން ދީފައިވާ "ނިއުމާ" އިން އޭނާ އެންމެ މޮޅު ބަތަލާގެ އެވޯޑް ހާސިލުކުރިއިރު އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ވެސް އޭނާ ގެންދިޔައީ އެ ފިލްމުންނެވެ. ޑައިރެކްޓަރުގެ ރޭހުގައި އޭނާ ކުރި ހޯދީ މިދިޔަ އަހަރުގެ އެންމެ މޮޅު ޑައިރެކްޓަރު މޫމިން ފުއާދު ވެސް ކަޓުވާލުމަށް ފަހު އެވެ.

"ނިއުމާ" އިން އެންމެ މޮޅު ބަތަލާގެ އެވޯޑް ނިއުމާ އަށް ނުލިބޭނެ ކަމަށް އެއްވެސް ބަޔަކު ލަފައެއް ނުކުރެ އެވެ. އެންމެން ވެސް ތިބީ އެ އެވޯޑް އޭނާ އަށް ދީގެންނެވެ. އެއީ އެ ކެޓަގަރީގައި ދެން އެވޯޑަށް ވާދަކުރި ތަރިންނަށް އޭނާއާ އެހާ ރަނގަޅަށް ވާދަކޮށްލެވިފައިނުވާތީ އެވެ.

ނަމަވެސް އެންމެ މޮޅު ޑައިރެކްޓަރަކަށް ނިއުމާ ހޮވިދާނެ ކަމަކަށް މާ ގިނަ ބަޔަކު ލަފާކުރި ހެނެއް ހީއެއް ނުވެ އެވެ. އެންމެ މޮޅު ޑައިރެކްޓަރަކަށް އޭނާ ހޮވުމުން ގިނަ ބަޔަކަށް ސިހުން ލިބުނީ ވެސް އެ ސަބަބާ ހެދި އެވެ. އަނެއްކޮޅުން އޭނާ ޑައިރެކްޓްކުރި "ނިއުމާ" އަކީ އޭނާ މިހާތަނަށް ޑައިރެކްޓްކުރި ފުރަތަމަ ފިލްމު ވެސް މެ އެވެ.

އެންމެ މޮޅު ބަތާލާގެ މަގާމަށް ނިއުމާ އަނެއްކާ ހޮވިފައިވާއިރު، އޭނާ ދަނީ އެކްޓްކުރުން ހުއްޓާލުމަށް ވިސްނަމުންނެވެ. އޭނާ ބުނީ އެންމެ މޮޅު ބަތަލާގެ މަގާމު ލިބުނަސް އެ ވިސްނުން ބަދަލުކުރުމުގެ ހިޔާލެއް ނުގެންގުޅޭ ކަމަށާއި އަދިވެސް ވިސްނުން ހުރީ އެކްޓްކުރުން ހުއްޓާލަން ކަމަށެވެ.

ނަމަވެސް ޑައިރެކްޝަނާ ދިމާލަށް މިސްރާބުޖަހާފާނެ ކަމުގެ އިޝާރާތެއް އޭނާ ވަނީ ދީފަ އެވެ. ނިއުމާ ބުނީ އާ ފިލްމެއްގެ ޑައިރެކްޓަރުގެ ގޮނޑިން ފެނުމުގެ ފުރުސަތު ބޮޑު ކަމަށާއި އެއީ ވަރަށް ކުރިން ލިބިފައިވާ ހުށަހެޅުމެއް ކަމަށެވެ.

ފުރަތަމަ ޑައިރެކްޝަނާ އެކު ނިއުމާ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑް ގެންދިޔައިރު މޫމިންއާ އެކު އެވޯޑް ރޭހުން އޭނާ ދެން ކަޓުވާލީ މަޝްހޫރު ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި "މާފެއް ނެތް" ގެ ޑައިރެކްޓަރު އަލީ ސީޒަން އަދި "ސަޒާ" ގެ ޑައިރެކްޓަރު ހުސެން މުނައްވަރު އެވެ. ހުސެން އަކީ ވެސް ޑައިރެކްޓަރެއްގެ ގޮތުގައި އަލަށް ނުކުތް ފަންނާނެއްކަން ފާހަގަކޮށްލަން ޖެހެ އެވެ.

4 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait