މޯލްޑިވްސް ފިލްމް އެވޯޑްސް

"ލޫދިފާ" އަށް ލިބުނީ ލަދުވެތި އެވޯޑެއް: ޑައިރެކްޓަރު

އަހުމަދު ނަދީމް
05 ޖުލައި 2012 10:27 14 ކޮމެންޓު
  • ރައިޓަރު އަދި ޑައިރެކްޓަރު މޫމިން ފުއާދު: އޭނާ ބުނަނީ "ލޫދިފާ" އަށް އެންމެ މޮޅު ފިލްމުގެ އެވޯޑް ހައްގު ނޫން ކަމަށް.

މޫމިން ފުއާދު ލިޔެ ޑައިރެކްޓްކުރި "ލޫދިފާ" މޯލްޑިވްސް ފިލްމު އެވޯޑްސްގެ އެންމެ މޮޅު ފިލްމަށް ހޮވުނަސް އޭނާ އުފަލެއް ނުވެ އެވެ. އޭނާ ހުރީ ލަދުންނެވެ. މޫމިން ބުނަނީ މިއީ "ލޫދިފާ" އަށް ހައްގު އެވޯޑެއް ނޫން ކަމަށާއި އޭނާގެ ފިލްމަށް ބަޔަކުކޮށްފައި އޮތް މަލާމާތެއް ކަމަށެވެ.

"އެންމެ ބޮޑު ސުވާލަކީ، ސްކްރީންޕްލޭ، ޑައިރެކްޝަން، ސިނެމެޓޯގްރެފީ އަދި އެޑިޓިން، މި ހަތަރު ކެޓަގަރީން ބަލިވި ފިލްމަކަށް ބެސްޓް ފިލްމު ކިހިނެތްބާއޭ މި ލިބުނީ؟ ބެސްޓް ފިލްމު ލިބުންކަން ލަދުވެތިކަމަކަށް މިވީ،" މި ނޫހަށް ދިން ހާއްސަ އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން މޫމިން ބުންޏެވެ.

މިދިޔަ އަހަރު "ހެޕީ ބާތު ޑޭ" އާއެކު މޯލްޑިވްސް ފިލްމު އެވޯޑްސްގެ ރަން ވަނަތައް ހާސިލުކުރި މޫމިން ބުނީ އެންމެ މުހިންމު ހަތަރު ކެޓަގަރީން ކަޓައިގެން ދިޔަ ފިލްމަކަށް އެންމެ މޮޅު ފިލްމުގެ އެވޯޑް ލިބޭނެ ގޮތެއް ނުވިސްނޭ ކަމަށާއި އެއީ ވެގެންވާނެ ކަމެއް ވެސް ނޫން ކަމަށެވެ. އޭނާ ބުނީ ސްކްރީންޕްލޭ އާއި ޑައިރެކްޝަން އަދި ސިނެމެޓޯގްރެފީ އާއި އެޑިޓިން ފަދަ ކެޓަގަރީތަކުން ފިލްމެއް އެއްޗަކަށް ނުވާ ނަމަ އެ ފިލްމަކަށް މޮޅު ފިލްމެކޭ ކިޔޭނެ ގޮތެއް ވެސް ނޯންނާނެ ކަމަށެވެ.

ހުސެން ނޫރައްދީންގެ ނޫރު އެން މޫވީސްގެ މި ފިލްމު މޮޅު ފިލްމު ފިޔަވައި މުހިންމު އެހެން ކެޓަގަރީތަކުން ކަޓައިގެން ދިޔައިރު ފާހަގަކޮށްލެވޭ އެވޯޑަށް ލިބުނީ އެންމެ މޮޅު އެކްޓަރުގެ އެވޯޑެވެ. އެއީ ފިލްމުގައި ކޮޕީ އިސްމާއިލް ރަޝީދު އަދާކޮށްފައިވާ ރޯލަށް ލިބުނު އެވޯޑެވެ. އޭގެ އިތުރުން އަލަށް ތައާރަފްވި އެންމެ މޮޅު ބަތަލާގެ އެވޯޑް ވެސް ލިބުނީ "ލޫދިފާ" އަށެވެ. އޭގެ އިތުރުން ކޮސްޓިއުމް އާއި އާޓް ޑައިރެކްޝަންގެ އެވޯޑް ވެސް ލިބުނެވެ.

މިއުޒިކްގެ މުހިންމު ކެޓަގަރީތަކުން ވެސް "ލޫދިފާ" ކަޓައިގެންދިޔައިރު ސްކްރީންޕްލޭގައި އެ ފިލްމު ކަޓުވާލީ "ސަޒާ" އެވެ. އަދި ޑައިރެކްޝަންގައި "ނިއުމާ" އަށް އެވޯޑް ލިބުނުއިރު އެޑިޓިން ވެސް ގެންދިޔައީ "ނިއުމާ" އެވެ.

މޫމިން ބުނީ މި ހުރިހާ ކެޓަގަރީތަކުން ކަޓައިގެން ދިޔަ ފިލްމެއްގެ ބޮލުގައި އެންމެ މޮޅު ފިލްމުގެ ތާޖު އެޅުވުމަކީ ލަދު ގަންނަ ވަރުގެ ކަމެއް ކަމަށެވެ.

"ބެސްޓް ފިލްމު ލިބިގެން ނުވާނެ ލޫދިފާ އަކަށް އަސްލު. ބެސްޓް ފިލްމު ލިބުނީމަ އަޅުގަނޑު މިހިރީ ވަރަށް ވެސް ލަދުން އަސްލު. މިއީ ހަމަ ހުރިހާ މާއްދާއަކުން އެފް ލިބުމަށް ފަހު ވެސް ކޮމާންޑަޑެއް ހިފައިގެން ސްޓޭޖުން ފޭބުން ކަހަލަ ކަމެއް،" މޫމިން ބުންޏެވެ. "މިއީ ސްޕެއިން އިން ހަތަރު ލަނޑު ޖެހީމަ އިޓަލީ ތަށި ގެންދިއުން ކަހަލަ ކަމެއް. މި އެވޯޑް ސިފަކުރެވުނީ މަލާމާތެއް ގޮތަށް."

14 comments

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި
Loading comments... Please wait