ޕޫޖާ ބަޓްގެ އާ ފިލްމު "ޖިސްމް 2" ގެ މިއުޒިކް ބާޒާރަށް ނެރެގެން ބޮލީވުޑްގެ ފާޑުކިޔުންތެރިން ފިލްމުގެ ލަވަތައް އަޑުއަހަމުން އަންނައިރު، މި ފިލްމުގައި ހިމަނާފައިވާ ދިވެހިންގެ އުފެއްދުން ކަމަށްވާ "ހޭވައްލާ" އަށް ފާޑުކިޔުންތެރިންގެ މާ ބޮޑު ތަރުހީބެއް ލިބޭ ގޮތެއް ނުވި އެވެ.
"ހޭވައްލާ" އަކީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ އާއި އޭނާގެ މިއުޒިކް ޕްރޮޑިއުސަރު ބާޗީގެ އުފެއްދުމެކެވެ. އިނގިރޭސި ލިރިކްސް ހިމެނޭ މި ލަވައިގެ މިއުޒިކް ބާޗީ ހަދާފައި ވާއިރު ލިރިކްސްގެ ކްރެޑިޓް ދަނީ ބާޗީ އާއި އުނޫޝާގެ ނަމަށެވެ. މިއީ ހައުސް ލަވައެކެވެ.
އުނޫޝާ އާއި އޭނާގެ ޓީމު ޕޫޖާ އަށް ފޮނުވި ޑެމޯ ޓްރެކްތަކުގެ ތެރެއިން ކަމުގޮސްގެން، "ހޭވައްލާ" ނެގި ނަމަވެސް ބޮލީވުޑްގެ ގިނަ ފާޑުކިޔުންތެރިން މި ލަވަ ސިފަކޮށްފައި ވަނީ ޕޫޖާގެ ފިލްމުގައި ހިމަނާފައިވާ "ބޭކާރު" ލަވައެއްގެ ގޮތުގަ އެވެ. ހިތްގައިމު މިއުޒިކަށް، މަޝްހޫރު ބަޓް އާއިލާގެ މި ފިލްމުގައި "ހޭވައްލާ"އާ އެކު ޖުމްލަ ހަތް ލަވަ ހިމެނެ އެވެ.
ބޮލީވުޑްގެ ޚަބަރުތަކާއި ރިވިއުތަކަށް މަޝްހޫރު، ބޮލީސްޕައިސްގެ ކްރިޓިކެއް ކަމަށްވާ، ރުމިނީކް ނައްނާރު "ހޭވައްލާ" ސިފަކޮށްފައި ވަނީ "ޖިސްމު 2" ގެ މުޅި އަލްބަމްގައި ވެސް ހިމެނޭ އެންމެ ފޫހި ލަވައިގެ ގޮތުގަ އެވެ. އަލްބަމުން އަޑު ނާހައި ދޫކޮށްލަން ޖެހޭ ލަވައެއްގެ ގޮތުގައި އޭނާ މި ލަވަ ހޮވާފައި ވާއިރު، އުނޫޝާ އާއި ބާޗީގެ ލިރިކްސް އަށް ވެސް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
"ހިތާމަ އަކީ، މީގައި ބޭނުމެއް ނެތް ޑާންސް ލަވައެއް ހިމަނާފައިވާކަން. ހޭވައްލާ އަކީ މާ ބޮޑު މުހިންމު ކަމެއް ނެތް، އަދި ފޫހި ލަވައެއް. ލަވަ ކިޔާފައިވާ އުނޫޝާ ވަނީ، ފޯރިއެއް ނެތް އަދި ހަމަނުޖެހޭ ލިރިކްސްއާ އެކު އޭނާ އަށް ކުރެވުނު ވަރެއްކޮށްފައި،" ބޮލީސްޕައިސްގެ "ޖިސްމް 2" ގެ މިއުޒިކް ރިވިއުގައި "ހޭވައްލާ" އަށް ފާޑުކިޔަމުން ނައްނާރު ބުނެފައިވެ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ކޮއިމޮއި ވެބްސައިޓްގެ ރިވިއުގައި ވެސް "ހޭވައްލާ" ސިފަކޮށްފައި ވަނީ އާދައިގެ ލަވައެއްގެ ގޮތުގަ އެވެ. އޭގައި ބުނެފައި ވަނީ މި ލަވަ އަލްބަމްގައި ހިމަނާފައި ވަނީ ޑާންސް ޕާޓީތައް ފަޅުފިލުވާލަން ދޭން ކަމަށް ވެދާނެ ކަމަށެވެ. އަދި މި ލަވަ ފަހަރެއްގައި ޑީޖޭއިން ނަށް ބޭނުންތެރި ލަވައަކަށް ވެދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އިންޑޯ އޭޝިއަން ނިއުސް ސާވިސްގެ ރިވިއުގައި "ހޭވައްލާ" ގެ މިއުޒިކަށް ތައުރީފުކޮށްފައިވީ ނަމަވެސް އުނޫޝާގެ ހުނަރުވެރިކަން ކަމުދާގޮތެއް ނުވި އެވެ. ރިވިއުގައި ބުނެފައި ވަނީ ލަވަ އަށް ބޭނުންވާ ފޯރި ގެނެސްދިނުމުގައި އުނޫޝާ ފެއިލްވެފައިވާ ކަމަށެވެ.
ގިނަ ރިވިއުތަކުގައި "ހޭވައްލާ" އަށް ފާޑުކިޔާފައިވީ ނަމަވެސް ބައެއް ރިވިއުތަކުގައި ފާޑުކިޔުންތެރިން ބުނެފައި ވަނީ މި ލަވައާ މެދު ވަކިގޮތެއް ނިންމަން އެނގޭނީ ފިލްމުގައި ޖޫޕާ މި ލަވަ ބޭނުންކުރާ ގޮތަކުން ކަމަށެވެ. ގިނަ ބަޔަކު ބުނެފައި ވަނީ މި ލަވަ ފެނިގެންދާނެ ކަމަށް ލަފާކުރެވެނީ ޕާޓީ ސީންއެއްގެ ތެރެއިން ކަމަށެވެ.
ބައެއް ފާޑުކިޔުންތެރިން ބުނެފައި ވަނީ އުނޫޝާގެ ލަވަ އަކީ ކްލަބްތަކުގައި ފޯރި ނަގަން ރަނގަޅު ލަވައަކަށް ވެދާނެ ކަމަށެވެ.
އުނޫޝާ އާއި ބާޗީގެ މަސައްކަތަށް ބޮލީވުޑްގެ ރިވިއުތަކުން މާ ބޮޑު ތަރުހީބެއް ނުލިބުނަސް "ޖިސްމް 2" ގެ ޖުމްލަ މިއުޒިކަށް އަދި ލަވަތަކަށް ވަނީ ފެހި ސިގްނަލް ލިބިފަ އެވެ. ފިލްމުގެ އެންމެ ރީތި ލަވަތަކުގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފައި ވަނީ "އަބީ އަބީ" އާއި "ޔޭ ޖިސްމް" އަދި "މައުލާ" އެވެ.
ސަނީ ލިއޯނީ ލީޑް ރޯލުން ފެނިގެންދާ "ޖިސްމް 2" ސިނަމާތަކަށް ނުކުންނާނީ އޯގަސްޓް 3ގަ އެވެ. މި ފިލްމު ވެގެންދާނީ ދިވެހި ފަންނާނުންތަކެއްގެ އުފެއްދުމެއް ހިމެނޭ، ބޮލީވުޑްގެ ފުރަތަމަ ފިލްމަށެވެ.

20 comments